ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ޕޮލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެޓީމުގައި މަޑުކުރީ އައު ކޯޗު ނިކޯ ކޮވަޗްގެ އެދުމުގެ މަތީން ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތަކުގައިވެއެވެ.
ބަޔާން އާ އެކު ލެވަންޑޯސްކީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ތިން އަހަރު އޮތް ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމު ދޫކޮށްލަން ބޭނުންވާކަމަށް އޭނާގެ އޭޖެންޓް ޕިނީ ޒަހާވީ ބުނެފައިވެއެވެ.
އެގޮތުން، ޖަރުމަނުގެ އެންމެ ބޮޑު ކުޅިވަރު ނޫސް ކަމަށްވާ ސްޕޯޓް ބިލްޑާއި ވާހަކަ ދައްކަމުން ޒަހާވީ ބުނީ ކެރިއަރުގައި އައު ޗެލެންޖެއް ލެވަންޑޯސްކީ ބޭނުންވާ ކަމަށާއި ބަޔާންގެ ހުރިހާ ފަރާތްތަކަށް ވެސް އެކަން އެނގޭ ކަމަށެވެ.
އެކަމާއިގުޅިގެން، ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގޭ އޭރު ބުނެފައިވަނީ ލެވަންޑޯސްކީ އާއި ބަޔާން އާ ދެމެދު އޮންނަ ގުޅުމާއިމެދު މާބޮޑަށް ވިސްނުމުގެ ބޭނުމެއްނެތް ކަމަށާއި ކުލަބާއި އޭނާއާ ދެމެދު އޮތީ އެއަށްވުރެ ރަނގަޅު ގުޅުމެއް ކަމަށެވެ.
ބަޔާންގެ ކޯޗު ކޮވަޗް ދިން އިންޓަވިއުގައި ބުނީ ލެވަންޑޯސްކީގެ ކަންބޮޑުވުންތައް އޭނާ އަށް އެނގޭކަމަށާއި އޭރު އޭނާ އަށް އެންމެ ރަނގަޅަށް ނުވިސްނުނީކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ފަރާތުން އޭރުވެސް ރަނގަޅުނޫން އެއްވެސް ކަމެއް ފެނިފައިނުވާކަމަށެވެ.
"ކޮންމެ ކުޅުންތެރިއަކުވެސް ކުރާ ކަންތައް ބަލައިގަނެ ހުރިހާ އެންމެންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ. އޭރު ލެވަންޑޯސްކީ އަށް ހީކުރެވުނީ ހުރިހާ ކަމެއް ރަނގަޅަށް ނުދާކަމަށް. އެހެނަސް މިހާރު އޭނާ ބޭނުންވަނީ ކުރީގެ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު އާ ފެށުމަކުން ފަށަން. އޭނާ އެދަނީ ޓީމުގެ ތަމްރީނުތަކުގައި ގަވާއިދުން ބައިވެރިވެ ދަނޑުމަތީގައިވެސް އެކަންތައް ދައްކަމުން. އޭގެ ނަތީޖާއެއްގެގޮތުން އޭނާ ވަނީ މިހާތަނަށް ކުޅުނު ދެމެޗުގައި މުހިއްމު ހަތަރު ލަނޑުޖަހާފައި. އޭނާގެ މޮޅު ކުޅުމާއި އެކު މިކްލަބަށް އެހީތެރިވެދޭނެކަން ޔަޤީން. ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އަހަރެންވެސް މިހުރީ އެކަމަށް ކެތްމަދުވެފައި." ކޮވަޗް ބުންޏެވެ.
ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް ލެވަންޑޯސްކީ ބަޔާން އަށް ބަދަލުވީ ހިލޭ ޓްރާންސްފާގައި 2014 ވަނަ އަހަރެވެ. އޭގެފަހުން، އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 197 މެޗުގައި 155 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ލެވަންޑޯސްކީ ވަނީ ބުންޑަސް ލީގާ ތިންފަހަރު، ޖަރުމަން ކަޕް އެއްފަހަރު އަދި ޖަރުމަން ސުޕަކަޕް ތިން ފަހަރު ބަޔާން އާއެކު ކާމިޔާބުކޮށްފަ އެވެ.
އުމުރުން 30 އަހަރުގެ ލެވަންޑޯސްކީ ވަނީ އޭނާގެ ކުރީގެ ކްލަބު ޑޯޓްމުންޑަށް ކުޅުނު ދުވަސްވަރުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން، އޭނާ ވަނީ އެޓީމުގައި ހޭދަކުރީ ހަތަރު ސީޒަނުގައި، ޖެހިޖެހިގެން ދެ އަހަރު ބުންޑަސްލީގާ ކާމިޔާބުކޮށް، ޖަރުމަން ކަޕާއި ޖަރުމަން ސުޕަކަޕްވެސް އެއްފަހަރު ހޯދައިފައެވެ.
މީގެއިތުރުން، ޕޮލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ޤައުމަށް މިހާތަނަށް ކުޅުނު 98 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ލެވަންޑޯސްކީ ގެންދިއުމަށް މީގެކުރީން ޝައުގުވެރިކަން ފާޅުކުރި ކްލަބުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑް ހިމެނެއެވެ.
ބަޔާންގެ އައު ކޯޗު ކޮވަޗްގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ މާލޭގަޑިން 23:30 ގައި ނިކުންނާނީ ހޮފެންހެއިމް އާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ބަޔާންގެ އެލިއާންޒް އެރީނާގައެވެ.