ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އަސެންސިއޯ ބޭނުންވަނީ އެޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވާން ކަމަށް އޭނާ ބުނެފިއެވެ.
ފާއިތުވެދިޔަ ދެސީޒަނުގައި ރެއާލް އާއެކު މޮޅު ކުޅުމެއް ދައްކާފައިވާ އަސެންސިއޯ ވަނީ ނިމިދިޔަ ވޯލްޑްކަޕްގައި ވާދަކުރި ސްޕެއިނުގެ ޓީމުންވެސް ޖާގަ ހޯދައިފައެވެ.
އުމުރުން 22 އަހަރުގެ އަސެންސިއޯ ރެއާލަށް ބަދަލުވީ 2015 ވަނަ އަހަރު މަޔޯކާއިންނެވެ. އެހެންނަމަވެސް، ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ސީޒަނުގައި އޭނާ ކުޅުނީ އެސްޕަންޔޯލަށެވެ. އެކްލަބުގައި ދެއްކި ރަނގަޅު ކުޅުމުގެ ސަބަބުން އެއް ސީޒަނަށްފަހު ރެއާލަށް ގެނައީއެވެ. އޭގެފަހުން، އޭނާ ވަނީ ރެއާލްގައި ހޭދަކުރީ ދެސީޒަނުގައި ކުޅުނު 93 މެޗުގައި 21 ގޯލް ކާމިޔާބުކޮށް 11 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
"އަހަރެންގެ ފުރަތަމަ އަމާޒަކީ ރެއާލް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުން. އެއަށްފަހު، ފަހުން ވާނެ ގޮތެއް ނޭނގޭ. މިހާތަނަށް އައިއިރު ޤައުމީޓީމާއި އަދި ރެއާލްގައިވެސް މުހިއްމު ބޮޑެތި މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތު ލިބިފައިވޭ. އަހަރެން އުއްމީދުކުރަނީ ކުރިއަށްއޮތްތާނގައި ގަވާއިދުން ޖާގަ ހޯދައި ދެޓީމުގެވެސް މުހިއްމު ކުޅުންތެރިއަކަށް ވާން." ޖީކިއު މެގަޒިން އަށް ދިން އިންޓަވިއުގައި އަސެންސިއޯ ބުންޏެވެ.
އަސެންސިއޯގެ ކްލަބު ކެރިއަރުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސްޕެއިނުގެ ޤައުމީ ޓީމުން އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން، މިހާތަނަށް އައިއިރު އޭނާ ވަނީ އެޓީމަށް 15 މެޗު ކުޅެދީފައެވެ.
އަސެންސިއޯ ކުޅުމަށް އެންމެ ބޭނުންވާ މަޤާމާއި ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ އެޓޭކުގެ ކޮންމެ މަޤާމަކަށްވެސް ކުޅެވިދާނެކަމަށާއި އަބަދު އެއް މަޤާމަކަށް ކުޅެން ބޭނުންނުވާކަމަށެވެ.
"އެޓޭކިން ޒޯނުގެ ކޮންމެ މަޤާމަކަށްވެސް އަހަރެންނަށް ކުޅެވޭނެ. އަބަދު އެއް މަޤާމަކަށް ކުޅޭކަށް ބޭނުމެއްނޫން. ދަނޑުމަތީގައި ބޭނުމީ ފްރީ ރޯލެއް." އަސެންސިއޯ ބުންޏެވެ.
އަސެންސިއޯ އާއެކު ރެއާލްގައި ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒް ދާދިފަހުން ބުނެފައިވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުމީވެސް އެކްލަބުގައިކަމަށެވެ. މީގެއިތުރުން، އޭނާ ބުނީ ސްޕެއިނުގެ ޤައުމީޓީމާއިއެކު ނިމިދިޔަ ވޯލްޑްކަޕްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާތީވެ ކުޅުން ހުއްޓާލުމުގެ ކުރީން އެޓީމާއިއެކު އަދި ހާސިލްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަމަށެވެ.
ސްޕެނިޝް ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ގެޓަފޭ އަތުން 2-0 އިން މޮޅުވިއިރު އެޓީމު ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނިކުންނާނީ ޖިރޯނާ އާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ އާދިއްތަ ދުވަހުގެރޭ މާލެގަޑިން ދަންވަރު 1:15 ގައެވެ.