Last Updated: November 27, 11:56
Wednesday, November 27, 2024
ކުޅިވަރު

ކޮވަޗް އާއެކު ބަޔާން އިން މޮޅަކުން ލީގު ފަށައިފި

ހޮފެންހައިމް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ބަޔާން މިއުނިކުގެ އައު ކޯޗު ނިކޯ ކޮވަޗް އާއެކު ހޮފެންހައިމް 3-1 އިން ބަލިކޮށް ބަޔާން އިން މޮޅަކުން ބުންޑަސްލީގާ ފަށައިފި އެވެ.

ކްރޮއޭޝިއާގެ ކޮވަޗްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅުނު ވާދަވެރި ތިންވަނަ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ތޯމަސް މުލާ އާއި ރޮބަޓް ލެވަންޑޯސްކީ އަދި އާރެން ރޮބެން އެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މިމެޗުގައި އެޓީމަށް ލީޑް ނަގައިދިނީ 23 ވަނަ މިނެޓުގައި ޖަރުމަނުގެ ފުލްބެކް ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން މުލާ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ހޮފެންހައިމްގެ ނިކޯ ޝަލްޒް ތަނަވަސްކުރި ފުރުޞަތަކުން އެޓީމުގެ ޖޮއެލިންޓަން އަށް އެއްވަރުކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

އޭގެ ހަތަރުމިނެޓުފަހުން، ބަޔާންގެ ލީޑް ފުޅާކުރުމަށް ކިންގްސްލީ ކޯމަން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުުމުން ހޮފެންހައިމްގެ ގޯލްކީޕަރު އޮލިވާ ބައުމަން ވަނީ މަތަކޮށްފައެވެ.

މިހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ބަޔާންގެ ކޯމަން އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބަދަލުކޮށްފައިވާއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ހޮލެންޑްގެ އަބަދަށްފެހި ވިންގާ އާރެން ރޮބެން އެވެ. މިހާފު ނިމިގެންދިޔައީ 1-0 އިން ބަޔާން ކުރީގައިއޮވެގެންނެވެ.

ހޮފެންހައިމް ކޮޅަށް ބަޔާން އިން ކާމިޔާބުކުރި ދެވަނަ ލަނޑު ޕެނަލްޓީ ސްޕޮޓްމަތިން ރޮބަޓް ލެވަންޑޯސްކީ ފޮނުވާލަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

މިމެޗުގެ ދެވަނަ ހާފު ފެށިގެން ހޮފެންހައިމް އިން ކުޅުން ރަނގަޅު ކުރިއެވެ. އެހެންނަމަވެސް، މިހާފުގައި ލަނޑުޖެހުމަށް ލިބުނު އެންމެ ފުރަތަމަ ފުރުޞަތު 54 ވަނަ މިނެޓުގައި ބަޔާންގެ ރޮބެން އަށް ލިބިގެންދިޔައިރު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ދެމިނެޓުފަހުން، ބަޔާންގެ ފޯވާޑް ލެވަންޑޯސްކީ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއްކަމަށް ނިންމާފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ހޮފެންހައިމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަންގޭރީގެ ފޯވާޑް އެޑަމް ސަލާއި އެވެ. ބަޔާންގެ ޑިފެންސްލައިންގައި ހިމެނޭ ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ސަލާއި މިބޯޅަ ގޯލްގެތެރެއަށް ވައްދާލިއިރު ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ކުރެވުނު މާބޮޑުކަމެއްނެތެވެ.

އޭގެ ތިން މިނެޓުފަހުން، ހޮފެންހައިމް އަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނުމަށް ސްޓީވެން ޒުބާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ބަޔާންގެ ކީޕަރު ނޯޔާ ވަނީ ފަސޭހަކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި، ބަޔާން އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ އެވެ. އެޓީމުގެ ފްރޭންކް ރިބެރީ އަށް ހޮފެންހައިމްގެ ހަވަޑް ނޯޑްވައިޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ފުރަތަމަ ފަހަރު ލެވަންޑޯސްކީ ފޮނުވާލުމުން ހޮފެންހައިމްގެ ކީޕަރު ބައުމަން މަތަކުރުމުން ރީބައުންސްގައި ލިބުނު ބޯޅަ ގޯލްގެތެރެއަށް ރޮބެން ވައްދާލިނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ޕެނަލްޓީ ޖެހިވަގުތު ރޮބެން މާކުރީން އޭރިޔާތެރެއަށް ވަނުމުން އެއީ ގޯލެއް ނޫންކަމަށް ނިންމައި އަލުން އެޕެނަލްޓީ ޖެހުމަށް އަންގާފައެވެ. ދެވަނަ ފަހަރަށް ފޮނުވާލި ޕެނަލްޓީ ލެވަންޑޯސްކީ ވަނީ ވަރަށް ފަސޭހަކަމާއިއެކު ގޯލްގެތެރެއަށް ވައްދާލައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތުހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް، ބަޔާން އިން ތިންވަނަ ލަނޑެއް ޖެހިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު، ލިއޯން ގޮރެޓްޒްކާ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނުމުގެ ކުރީން އެޓީމުގެ މުލާގެ އަތުގައި ޖެހިފައިވާތީވެ ފަހުން އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

އޭގެފަހުން، ރޮބެން ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑުޖަހައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ އެޓީމުގެ މުލާ ތަނަވަސްކުރި ފުރުޞަތަކުން ރޮބެން ވަރަށް ރީއްޗަށް ގޯލްގެ މަތީދާގަނޑަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ބަޔާންގެ ލީޑް ފުޅާކުރުމަށް މެޗުގެ އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ހަމިނެޓުގެ ތެރެއިން ތިންވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، އިތުރުވަގުތުގެ އެންމެފަހު މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ތަނަވަސްކުރި ފުރުޞަތަކުން ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.