އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވީ ވުލްވަހެމްޕްޓަން ވޮންޑަރާސް އިން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މިމެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ އިލްކާއި ގުންޑޮގަން އާއި ރަހީމް ސްޓާލިންގެ އިތުރުން ސާޖިއޯ އަގުއޭރޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވުލްވްސްގެ ޕޯޗުގަލް ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ އެވެ.
މިހާފުގައި ވުލްވްސް އިން ސިޓީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާލެވިފައިނުވީނަމަވެސް، އެޓީމުގެ ރުބެން ނެވޭސް އާއި ރައުލް ޖިމެނޭޒް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެފުރުޞަތުލިބިފައެވެ. އެހެންނަމަވެސް، މިދެކުޅުންތެރިން ފޮނުވާލި ދެހަމަލާ ވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ވުލްވްސްގެ ހެލްޑާ ކޯސްޓާ އަށެވެ.
އޭގެ މިނެޓެއްފަހުން، މެޗުގެ 57 ވަނަ މިނެޓުގައި ވުލްވްސް އަށް ލީޑް ނަގައިދިނީ ޖޮއާ މޮޓީނިއޯ ނަގައިދިން ހުރަހަކުން ޑިފެންޑަރު ވިލީ ބޮލީ އެވެ.
މިހާފުގައި ސިޓީގެ ފަރާތުން އުފެއްދި ފުރަތަމަ ހަމަލާ، މެޗުގެ 65 ވަނަ މިނެޓުގައި އެޓީމުގެ އިލްކާއި ގުންޑޮގަން ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލުމުން ވުލްވްސްގެ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއްފަހުން، ވުލްވްސްގެ ލީޑް ފުޅާ ކުރުމަށް ރުބެން ނެވޭސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 69 ވަނަ މިނެޓުގައި ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. މިއީ އެޓީމުގެ އިލްކާއި ގުންޑޮގަން ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ލަޕޯޓް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން، ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ވަނީ އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވެފައެވެ. ގެބްރިއެލް ޖެސޫސް ބޮލުން ޖައްސާލި ޕާހަކުން އަގުއޭރޯ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
އޭގެފަހުން، މެޗުގެ 77 ވަނަ މިނެޓުގައި ސިޓީއަށްކުޅޭ ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ ތަނަވަސްކުރި ފުރުޞަތަކުން އެޓީމުގެ ޖެސޫސް ބޮލުން ފޮނުވާލި ބޯޅަ ވުލްވްސްގެ ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށްވެފައިވަނިކޮށް ވުލްވްސްގެ ޑިއޯގޯ ޖޯޓާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިއަށްވުރެ މާ މަތިން ބޭރަށެވެ.
އޭގެފަހުން، މެޗުގެ 90 ވަނަ މިނެޓުގައި ވުލްވްސްގެ މެޓް ޑޮހާޓީ އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެޓީމުގެ ރުބެން ވިނަގްރެ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޑޮހާޓީ ބޮލުން ފޮނުވާލުމުން ދިޔައި ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ސިޓީއަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކުރުމަށް މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އެޓީމުގެ އަގުއޭރޯ އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.
މިމެޗުން ހޯދީ ޕޮއިންޓާއިއެކު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނައިގައި އަދިވެސް އޮތީ ސިޓީއެވެ. ވުލްވްސް އޮތީ އެއަށްވުރެ ފަސްޕޮއިންޓް ފަހަތުން ދެޕޮއިންޓާއިއެކު ތާވަލްގެ 12 ވަނައިގައެވެ.