Last Updated: November 27, 10:28
Wednesday, November 27, 2024
ކުޅިވަރު

ވެސްޓްހޭމް ބަލިކޮށް އާސެނަލަށް ލީގްގެ ފުރަތަމަ މޮޅު

ވެސްޓްހޭމް ކޮޅަށް ތިންވަނަ ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ވެސްޓްހޭމް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ އާސެނަލުން މިފަހަރުގެ ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއީ އާސެނަލްގެ ކޯޗުކަމާއި އުނާއި އެމެރީ ހަވާލުވެ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ތިންމެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މިމެޗަށް ނިކުތްއިރު، ފުރަތަމަ ދެމެޗުން ޕޮއިންޓެއް ނުލިބި ތާވަލްގެ 17 ވަނައިގައި އޮތް އާސެނަލް ވަނީ ރޭގެ މެޗުން ހޯދީ މޮޅާ އެކު ތިން ޕޮއިންޓް ހަމަކޮށް 11 ވަނައަށް ޖެހިލައިފައެވެ. މިމެޗުން ބަލިވި ވެސްޓްހޭމް އަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު އެޓީމު އޮތީ ތާވަލްގެ އެންމެ ފުލުގައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ކުރިން ލީޑްނެގީ ވެސްޓްހޭމް އިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ފެލިޕޭ އެންޑަސަން ތަނަވަސްކުރި ފުރުޞަތަކުން މިލަނޑު އެޓީމަށް ޖަހައިދިނީ މިމެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އޮސްޓްރިއާގެ ފޯވާޑް މާކޯ އާނަޓޮވިޗް އެވެ.

ނަމަވެސް، އޭގެ ފަސް މިނެޓުފަހުން އާސެނަލަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ ފުލްބެކް ނާޗޯ މޮންރެއާލް އެވެ. މިއީ އެޓީމުގެ ހެކްޓަ ބެލަރީން ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއަށް އައި ބޯޅަ ވެސްޓްހޭމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ އަތުގައި ޖެހިފައި ނިކުތް ވަގުތު މޮންރެއާލް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ވެސްޓްހޭމްގެ މިޚައިލް އެންޓޯނިއޯ އަށް ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެޓީމުގެ އެންޑަސަން ތަނަވަސްކުރި ފުރުޞަތަކުން އެންޓޯނިއޯ ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރު ޕީޓަ ޗެކް ވަނީ ފަސޭހަކަމާއިއެކު ދިފާއުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

އާސެނަލުން މިމެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ވެސްޓްހޭމްގެ ގޯލަށް އަމާޒުކޮށް އެޓީމުގެ ނާޗޯ މޮންރެއާލް (ވ) ފޮނުވާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އޮބަމަޔަން ތަނަވަސްކުރި ފުރުޞަތަކުން އާސެނަލްގެ ޝްކޮޑްރަން މުސްތާފީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުމުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ވެސްޓްހޭމްގެ ކީޕަރު ފަބިއާންސްކީ ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، އާސެނަލްގެ އަލެކްސެންޑަ ލަކަޒޭ އާއި ގްރެނިޓް ޒާކާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީވެސް ފަބިއާންސްކީ އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ވެސްޓްހޭމްގެ އާނަޓޮވިޗަށް ވަނީ ދެވަނަ ފަހަރަށް އެޓީމަށް ލީޑް ނަގައިދިނުމާއި ގާތަށް ޖެހިލައިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޗެކް ވަނީ މަތަކޮށްފައެވެ.

އޭގެ ތިން މިނެޓުފަހުން، އާސެނަލްގެ ލަކަޒޭ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާވެސް ފަބިއާންސްކީ ވަނީ ދިފާއުކޮށްފައެވެ.

މިހާފުގައި ވެސްޓްހޭމް އިން އާސެނަލްގެ ގޯލަށް ނުރައްކާކުރަމުން ދިޔަ ނަމަވެސް 70 ވަނަ މިނެޓުގައި ވެސްޓްހޭމްގެ އިއްސަ ޑިއޮޕް އަތުން ބައިކޮޅަށް ވަން ގޯލަކުން މިމެޗުގައި ފުރަތަމަ ފަހަރަށް އާސެނަލަށް ލީޑް ލިބުނެއެވެ. އާސެނަލްގެ ލަކަޒޭ ޕެނަލްޓީއޭރިޔާތެރެއިން ފޮނުވާލި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ ޑިއޮޕްގެ ގައިގަ ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ.

އޭގެފަހުން، މެޗުގެ 83 ވަނަ މިނެޓުގައި އާސެނަލްގެ އާރޮން ރަމްސީ އަށް އެޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނުމުގެ ކުރީން ވެސްޓްހޭމްގެ ކީޕަރު ފަބިއާންސްކީ ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މެޗުގެ އިތުރުވަގުތުގައި އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެޓީމުގެ ބެލަރީން ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ވެލްބެކް ހުހަށްހުރެ ވަރަށް ހަމަޖެހިލައިގެން ގޯލްގެތެރެއަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.