ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން ކޮޅަށް އެޓީމުގެ މުހައްމަދު ސަލާހު ވައްދާލި ލަނޑުން ލިވަޕޫލް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. ލިވަޕޫލް މިމެޗުން މޮޅުވީ 1-0 އިންނެވެ.
ލިވަޕޫލުން މިމެޗަށް ނިކުތްއިރު އިއްޔެގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އާ ވުލްވަހެމްޓަން ވޮންޑަރާސް ބައްދަލުކޮށް ދެޓީމު 1-1 އިން އެއްވަރުވުމުން މިމެޗުން ބްރައިޓަން ބަލިކޮށްގެން ލިވަޕޫލަށް ތާވަލްގެ އެންމެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އޮތެވެ.
މިމެޗުން ހޯދީ މޮޅާއިއެކު ލިވަޕޫލް ވަނީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ ހަތްގޯލާއިއެކު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. މިމެޗުން ބަލިވި ބްރައިޓަން އޮތީ ތިން ޕޮއިންޓާއިއެކު ލީގު ތާވަލްގެ 12 ވަނައިގައެވެ. ސިޓީ އާއި އެއްވަރަށް 7 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ބޯންމައުތުއެވެ. ސިޓީއަށް ދެވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގައި އެޓީމުން ވަނީ މެޗު ފެށިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އެޓީމުގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ހަމަލާއެއް ބްރައިޓަން އެންޑް ހޯވް އެލްބިއަންގެ ގޯލްކީޕަރު މެޓް ރަޔާން މަތަކުރިއިރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.
ލިވަޕޫލުން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޖަހައިދިނީ ސަލާހު އެވެ. މިއީ އެޓީމުގެ ފިރްމީނޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބްރައިޓަން އަށް ނަތީޖާ ހަމަހަމަކުރުމަށް އެންތަނީ ނޮކްހާޓަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިންނެވެ.
މުޅި މެޗުގައި ގިނަވަގުތު ލިވަޕޫލުން ބޯޅަ ގެންގުޅެ 22 ހަމަލާ އުފެއްދިނަމަވެސް ބްރައިޓަންގެ ގޯލަށް އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައިވަނީ އެންމެ 8 ހަމަލާއެވެ. ނަމަވެސް، އެޓީމުގެ ލީޑް ފުޅާކުރުމަށް މީގެތެރެއިން އެންމެ ފުރުޞަތެއްގެ ބޭނުންކުރެވިފައެއްނުވެއެވެ.
ދެވަނަ ހާފުގެ ފަހުވަގުތުކޮޅުގައި، ބްރައިޓަންގެ ޕަސްކަލް ގްރޮސް އަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ލިބުނުނަމަވެސް އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބޯންމައުތު އާއި އެވަޓަން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު ދެޓީމުންވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއިއެކު އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އެވަޓަންގެ ރިޗާލިސަން އަށް ރަތްކާޑު ދައްކާފައިވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ބޯންމައުތުގެ އެޑަމް ސްމިތަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ހަޑަސްފީލްޑް ޓައުން އާއި ކާޑިފް ސިޓީ ކުޅުނު މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު ލެސްޓަރ ސިޓީ ވަނީ ރަށުން ބޭރުގައި ކުޅެ 2-1 އިން ސައުތުހެމްޕްޓަން ބަލިކޮށްފައެވެ.