އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ލާޒިއޯ އަތުން ޔުވެންޓަސް މޮޅުވިއިރު އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ކުޅުންތެރިން ގެނައުމަށް ބޮޑު ހޭދައެއްކުރި އޭސީ މިލާން ވަނީ ނަޕޯލީ އަތުން ބަލިވެފައެވެ.
ޔުވެންޓަސްގެ ދަނޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން ލަނޑެއް ފެނިގެންނުދިޔަނަމަވެސް ލާޒިއޯ އަތުން އެޓީމު މޮޅުވީ 2-0 އިންނެވެ.
ޔުވެންޓަސް އިން މިމެޗަށް ނިކުތްއިރު އެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާގެ ބަދަލުގައި ކުޅެން ނެރެފައިވަނީ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗްއެވެ.
މިމެޗުގެ 30 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑް ނަގައިދިނީ މިރަލެމް ޕިޔަނިޗް އެވެ. މިއީ ލާޒިއޯގެ ޕެނަލްޓީއޭރިޔާބޭރުން އެއްފަހަރުން ފޮނުވާލީ ވަރަށް ރީތި ޝޮޓަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޔުވެންޓަސްގެ ރޮނާލްޑޯ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ލާޒިއޯގެ ގޯލްކީޕަރު ތޯމަސް ސްޓްރަކޯޝާ ވަނީ މަތަކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމަށް ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބިގެންދިޔައިރު 75 ވަނަ މިނެޓުގައި ޔުވެންޓަސްގެ ލީޑް ފުޅާކޮށްދިނީ މަންޒުކިޗް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފުލްބެކް ހާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއަށް އައި ބޯޅަ ލާޒިއޯގެ ކީޕަރު ސްޓްރަކޯޝާ އަށް ރަނގަޅަށް ދިފާއުނުކުރެވިގެން ރޮނާލްޑޯ އަށް ލިބުމުން އޭނާ ކަނާތުފައިން ފޮނުވާލި ބޯޅަ އޭނާގެ ވާތުފައިގެ ފުންނާބުގައި ޖެހިފައި މަންޒުކިޗަށް ލިބުމުން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ވައްދާލި ގޯލެކެވެ.
އިޓާލިއަން ސެރިއޭގައި ރޭ ކުޅެވުނު އެންމެ ފޯރިގަދަ މެޗުގައި ފަހަތުން އަރައި ތިން ލަނޑު ޖެހުމަށްފަހު ނަޕޯލީ އިން ވަނީ 3-2 އިން ވާދަވެރި މިލާން ބަލިކޮށްފައެވެ.
މެޗުގެ ކުރީކޮޅު މޮޅަށް ކުޅެފައިވަނީ މިލާނުންނެވެ. އޭގެ ނަތީޖާއެއްގެގޮތުން، ކުރިން ލީޑްނެގީވެސް މިލާނުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ޖިއަކޯމޯ ބޯނަވެންޗޫރާ އެވެ. މިއީ އެޓީމުގެ ފޯވާޑް ފަބިއަން ބޮރީނީ ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅަ އޭނާ ވަރަށް ރީއްޗަށް އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް ނަޕޯލީގެ އާކޭޑިއަސް މިލިކް އަށް ވަނީ ނަޕޯލީ އަށް ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން މިލާން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޑެވިޑެ ކަލާބްރިއާ ވަނީ މިލާނަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ އެޓީމުގެ ސޫސޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަތަރު މިނެޓުފަހުން، ޕޮލަންޑްގެ މިޑްފީލްޑަރު ޕިއޮޓަރ ޒިލީންސްކީ ވަނީ ލަނޑެއްޖަހައި ނަޕޯލީ އަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ނަޕޯލީގެ ޒިލީންސްކީ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މިއީ މިލާނުގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިލާނުގެ ސަޕޯޓަރުން ރޮއްވާލައި، މެޗުގެ ނަތީޖާ ނަޕޯލީ ކޮޅަށް އަނބުރާލަދިން ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް ޑްރީސް މާޓެންސް އެވެ.
ރޭގެ މެޗުތަކަށްފަހު ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސް އާއި ދެވަނައިގައި އޮތް ނަޕޯލީ އަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.