އަންދާލި މަރަދޫ މެޖިސްޓްރޭޓް ކޯޓް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ހިންގާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މަރަދު އަށް ބަދަލުކޮށް މިއަދު ރަސްމީކޮށް މަސައްކަތް ފަށައިފި އެވެ.
ފެބްރުއަރީ، 8، 2012 ގައި އައްޑޫގައި ބަޔަކު ހިންގި ހަމަނުޖެހުމުގެ ތެރޭގައި މަރަދޫ ކޯޓްގައި ރޯކޮށް އަންދާލުމުގެ ސަބަބުން އެ ކޯޓްގެ މަސައްކަޔް ކުރަމުން ދިޔައީ މަރަދޫފޭދޫ ކޯޓްގަ އެވެ. މަރަދޫ ކޯޓްގެ އިތުރުން ފޭދޫ ކޯޓް ވެސް އަންދައިލުމުން، އެ ކޯޓުން ވެސް ގިނަ ދުވަސްތަކެއް ވަންދެން މަރަދޫފޭދޫ ކޯޓްގައި ހިންގި އެވެ.
ފޭދޫ މެޖިސްޓްރޭޓް ފޭދޫގެ ކުލީ އިމާރާތަކަށް ބަދަލު ކުރީ 2014 ގަ އެވެ.
މަރަދޫ ކޯޓް ވެސް އެ ރަށަށް ބަދަލު ކުރީ ކުލީ އިމާރާތަކަށެވެ. އެ ކޯޓް ހުންނަނީ މަރަދޫފޭދޫ ސްކޫލް ކުރިމަތީގަ އެވެ.
މަރަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް އަހުމަދު މިއަދު ވިދާޅުވީ އަހަރުތަކަކަށް ފަހު، ކޯޓް މަރަދު އަށް ބަދަލުވުމަކީ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި މި ދިގު މުއްދަތުގެ ތެރޭގައި މަރަދޫފޭދޫ ކޯޓް އިމާރާތުގައި މަރަދޫ ކޯޓްގެ މަސައްކަތް ކުރީ ޖާގަ އާއި މުވައްޒަފުންގެ ވެސް ދަތިކަމާ އެކުގަ އެވެ.
"އެ ދަތިކަން މިހާރު ފިލައި ދިއުމަކީ ވަރަށް ބޮޑު އުފަލެއް. އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށުގެ ރައްޔިތުންނާ ގާތުން މިހާރު މަރަދޫ ކޯޓްގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބެމުން ދާނެތީ،" އޭނާ ވިދާޅުވި އެވެ. "ރަށުގެ އިމާރާތަކަށް ކޯޓް ބަދަލުވުމަކީ މަސައްކަތްތައް ވެސް ހަލުވިވެގެން ދާނެ ކަމެއް."
ކުލީ އިމާރާތެއްގައި މަރަދޫ ކޯޓް ހިންގަން ފެށި ނަމަވެސް، އެ ރަށުގެ ކޯޓް އިމާރާތް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމައިފަ އެވެ.
އަދި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އިބްރާހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި މަރަދު އާއި ފޭދު އާއި ހިތަދޫ އިތުރުން ހުޅުދޫ ކޯޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފަ އެވެ.
މަރަދޫ މެޖިސްޓްރޭޓް ކޯޓް ކުރިން ހުރީ އެ ރަށު ސިއްހީ މަރުކަޒު ކައިރީގަ އެވެ.