ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި އިސްލާމީ ތައުލީމް ދޭ ސްކޫލްތަކެއް މިހާރުގެ ސަރުކާރުން ގާއިމުކޮށް ދިނުން ވަރަށް މުހިއްމު ކަމަށާއި އެއީ ވަރަށް ގިނަ އަދަދެއްގެ ބެލެނިވެރިން ވެސް ބޭނުންވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ސ. އަތޮޅު މަދުރަސާގައި އޭ ލެވެލް އަށް ކިޔަވައި ދިނުން އިފުތިތާހު ކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ގައުމީ ޕާޓީގެ ނައިބް ރައީސްގެ މަގާމުގައި ވެސް ހުންނެވި އިމާދު ވިދާޅުވީ މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެކަން ކޮށް ދެއްވުމަކީ ވަރަށް ގިނަ ބައެއްގެ އެދުމެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
އައްޑު އަށް ނިސްބަތްވާ އިމާދު އިތުރަށް ވިދާޅުވީ އައްޑޫގައި މީގެ ކުރިން އަރަބި އިސްލާމީ ތައުލީމް ކިޔަވައިދޭ ސްކޫލެއް "އިސްލާމިއްޔާ ސްކޫލް" ގެ ނަމުގައި ހިތަދޫގައި ހިންގަމުން ދިޔަ ކަމަށެވެ.
ނަމަވެސް އެ ސްކޫލް މިހާރު ނެތް ކަމަށާއި އެކަމަކު އެފަދަ ތަނެއް އައްޑޫގެ ވަރަށް ގިނަ ބެލެނިވެރިން ބޭނުންވާ ކަމަށް އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާދި ފަހުން މިސްރަށް ކުރެއްވި ދަތުރެއްގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއި އަޒްހަރު ޔުނިވަސިޓީގެ ބޭފުޅުންނާ އެކު ވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެ ފަރާތްތަކުން ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ދޭ ސްކޫލްތަކެއް ގާއިމުކޮށް ދިނުމުގެ ޝައުގުވެރިކަން ހުރިކަން ވެސް ފާހަގަކުރައްވާފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ.
އަދި އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސިޓީ ބަދަލު ކުރެވިފައިވާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.