ޗެލްސީގެ އައު ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ތިންވަނަ މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ވިދިވިދިގެން ހޯދީ ތިންވަނަ މޮޅާއިއެކު ސަތޭކަ ޕަސެންޓްގެ ރެކޯޑާއިއެކު ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލްގެ ދެވަނައަށް އެޓީމު ޖެހިލައިފިއެވެ. ޗެލްސީ އިން މިމެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ކުޅުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. އޭގެ ނަތީޖާއެއްގެގޮތުން މިހާފުގައި ޗެލްސީ އަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ލިބުނު ފުރުޞަތަކުން ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ، ނިއުކާސަލްގެ ހާފުގެ މެދާހަމައިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައެވެ.
އޭގެ ހަތަރު މިނެޓުފަހުން، ލިބުނު ޕެނަލްޓީއަކުން ޗެލްސީ އަށް ލީޑް ނަގައިދިނީ އެޑެން ހަޒާޑް އެވެ. މިއީ އެޓީމުގެ މާކޮސް އަލޮންސޯ އަށް ނިއުކާސަލްގެ ޑިފެންޑަރު ފަބިއަން ޝާރ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޗެލްސީ އިން ލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް، ނިއުކާސަލް އަށް އެއްވަރުކޮށްދިނީ 83 ވަނަ މިނެޓުގައި އެމެރިކާގެ ފުލްބެކް ލެއަންޑްރޭ ޔެޑްލިން ތަނަވަސްކުރި ފުރުޞަތަކުން މިހާފުގައި ކުޅެން ނިކުތް ހޮސެލޫ އެވެ. މިލަނޑުޖެހުމުގެ ކުރީން ނިއުކާސަލްގެ ޔެޑްލިން ޗެލްސީގެ އޮލިވިއޭ ޖިރޫ އަށް ފައުލްކުރި ކަމަށް އެޓީމުގެ ކުޅުންތެރިން އެޕީލްކުރި ނަމަވެސް ރެފްރީ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް، ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ނިއުކާސަލްގެ ޔެޑްލިން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ޗެލްސީ އަށް ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް އެޓީމުގެ ޖިރޫ ބޮލުން ޖައްސާލި ޕާހަކުން އަލޮންސޯ ފޮނުވާލި ހަމަލާ ނިއުކާސަލްގެ ޔެޑްލިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ވަން ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ޗެލްސީ އިން ވަނީ ލިވަޕޫލާއި ވަޓްފޯޑާއި އެއްވަރަށް، ތިން މެޗުން 9 ޕޮއިންޓް ހަމަކޮށް ތާވަލްގެ ދެވަނަ އަށް ޖެހިލައިފައެވެ. ފައިދާ ގޯލްގެ ތަފާތުން ލިވަޕޫލް އެއްވަނައިގައި އޮތް އިރު ޗެލްސީ އަށް ދެވަނަ ލިބެނީ ވަޓްފޯޑަށް ވުރެ ޖެހި ގޯލް އިތުުރުވުމުންނެވެ. މިމެޗުން ބަލިވި ނިއުކާސަލް އަށް ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު އެޓީމު އޮތީ 16 ވަނައިގައެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވަޓްފޯޑް އަތުން 2-1 އިން ކްރިސްޓަލް ޕެލަސް ބަލިވިއިރު މިސީޒަނަށް ތައްޔާރުވުމަށްޓަކައި ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއްކުރި ފުލަމް ވަނީ 4-2 އިން ބާންލީ ބަލިކޮށް ލީގުގައި ހޯދީ ފުރަތަމަ މޮޅާއިއެކު ތާވަލްގެ 12 ވަނަ އަށް ޖެހިލައިފައެވެ. މިމެޗުގައި ފުލަމްގެ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް ދެލަނޑު ކާމިޔާބުކުރިއިރު އަނެއް ދެލަނޑުޖެހީ ޖީން މައިކަލް ސެރީ އާއި އަންދްރޭ ޝޫލޭ އެވެ.
ޕްރިމިއާ ލީގުގައި މިހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި ހޯމަދުވަހުގެރޭ މާލޭގަޑިން ދަންވަރު 12 ޖަހާއިރު މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށެވެ.