ދުނިޔޭގެ އެކި ޤައުމުތަކުން ޑިމޮކްރޮސީ އަށް މަސައްކަތްކުރާ މީހުންނަށް ހިމާޔަތް ދިނަސް, ޤައުމު ލޫޓުވާލާ މީހުން ލިބޭނެ ހިމާޔަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަންގެ ނާއިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މި ސަރުކާރުގައި ތިބި އަނިޔާވެރިންނަކަށް ބޭރު ޤައުމުތަކުން ހިމާޔަތް ނުދޭނެ ކަމަށާއި މި ސަރުކާރުގައި ތިބި ވަޒީރުންނާއި ސަރުކާރުގެ ހިމާޔަތުގައި ނިކުމެވަޑައިގެން ތިއްބެވި ބޭފުޅުންނަކީ މިއަދު ވެސް ދުނިޔޭގެ ޤައުމުތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ތިބި ބޭފުޅުން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ސަރުކާރު ނިސްބަތްވާ ޕީޕީއެމް މީހުންނަށް ހީވަނީ ޑިމޮކްރަސީއަށްޓަކައި މަސައްކަތްކޮށް އަމިއްލައަށް ބައެއް ބޭފުޅުންނަށް ޤައުމުތަކުން ހިމާޔަތްދިނީމަ މި ސަރުކާރުގައި ތިބި އަނިޔާވެރިންނަށް ހިމާޔަތް ދީފާނޭ ކަމަށް ކަމަށާއި، އެހެން ނަމަވެސް އެމީހުންނަކަށް ހިމާޔަތެއް ނުދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. މި ސަރުކާރުގައި ތިބި ގިނަ ވަޒީރުންނާއި އަދި މި ސަރުކާރުގެ ހިމާޔަތުގައި ނިކުމެވަޑައިގެން ތިއްބެވި ގިނަ ބޭފުޅުންނަކީ މިއަދު ވެސް ދުނިޔޭގެ ޤައުމުތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ތިބި ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އެބޭފުޅުން އާރާ ބާރުގައި ތިބި އިރުވެސް އެ ތިބީ ފިޔަވަޅު އަޅަން ނިންމާފައި ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ތިބީ ސަރުކާރުގެ އަޅުވެތިކަމުގައިކަން އަހުމަދު އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެބޭފުޅުންނަށް ޤާނޫނާއި އުސޫލާއި ހަމަތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރެވޭނެ ފުރުސަތެއް ނެތް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފުރުސަތެއް ވެސް އެ ކޮމިޝަނަށް މިއަދު ނެތް ކަމަށެވެ.
އަހުމަދު އަބްދުﷲ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ޤަބޫލު ކުރާ ކަމަށާއި އޮޅުވާލައިގެން ވޯޓުން ވައްކަން ކޮށްގެން ބޭއްވޭ އިންތިހާބެއް ކާމިޔާބު ކޮށްގެން ތިމަންނާ މިހިރީ ވެރިކަމުގަޔޭ ބުންޏަސް އެ ބުނުން އެއްވެސް ޤައުމަކުން ބަލައި ނުގަންނާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ރައްޔިތުން ވެސް އެކަހަލަ އިންތިހާބެއް ބަލައެއް ނުގަންނާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާ ފާޅުވާ ދުވަހު ލަދުވެތި ގޮތަކަށް މި ސަރުކާރު ބަލިވެގެންދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.