Last Updated: November 27, 10:35
Wednesday, November 27, 2024
ކުޅިވަރު

އިންޓައަށް ދެވަނަ މެޗުންވެސް މޮޅުނުވެވުނު

އިޓާލިއަން ސެރިއޭގައި މިފަހަރު ޔުވެންޓަސް އާއެކު ތައްޓަށް ވާދަކުރާނެކަމަށް ކުރިން ބެލެވުނު އިންޓަ މިލާނުން ކުޅުނު ދެވަނަ މެޗުގައި ދެލަނޑުގެ ލީޑެއް ނަގާފައި އޮއްވާ ޓޮރިނޯއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ސަސުއޮލޯ އަތުން 1-0 އިން ބަލިވެފައިވާއިރު މިމެޗަށް ނިކުތީ އާ އަޒުމަކާއިއެކު މޮޅެއް ހޯދުމުގެ ނިޔަތުގައެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މިމެޗުގެ ހަ ވަނަ މިނެޓުގައި މައުރޯ އިކާޑީ ނަގައިދިން ހުރަހަކުން އިވާން ޕެރިސިޗް އެޓީމަށް ލަނޑުނަގައިދީފައިވާއިރު މެޗުގެ 32 ވަނަ މިނެޓުގައި މަޓެއޯ ޕޮލިޓާނޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ސްޓެފަން ޑި ވްރައި ކާމިޔާބުކުރި ގޯލާއިއެކު އެޓީމުން މިމެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ޓޮރިނޯ އިން މިމެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިދިނީ އިޓަލީގެ ފޯވާޑް އަންދްރޭ ބެލޮއްޓީ އެވެ. މިއީ އިއާގޯ ފަލްކޭ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ޓޮރީނޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލްޑަރު ސުއާލިއޯ މެއިޓޭ އެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އިންޓަގެ ޕެރިސިޗް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ޓޮރިނޯގެ ގޯލްކީޕަރު ސަލްވަޓޯރޭ ސިރިގޫ ވަނީ މަތަކޮށްފަ އެވެ.

ސެރިއޭގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ޕާމާ 1-0 އިން ސްޕަލް އަތުން މޮޅުވިއިރު ފިއޮރެންޓީނާ ވަނީ 6-1 އިން ކިއޭވޯ ވެރޯނާ ބަލިކޮށްފައެވެ. ކަލިއާރީ އާ ސަސުއޮލޯ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ފްރޮސިނޯނޭ އާއި ބޮލޯނާގެ މެޗު ނިމުނީ ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. މީގެއިތުރުން، އެމްޕޯލީ އަތުން 2-0 އިން ޖެނޯއާ މޮޅުވެފައިވެއެވެ.

އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ނަޕޯލީ އެވެ. އިންޓަ އޮތީ އެއް ޕޮއިންޓާ އެކު 11 ވަނައިގައެވެ.

އިޓާލިއަން ސެރިއޭގައި މިހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި މިރޭ މާލޭގަޑިން 23:30 ގައި ބައްދަލުކުރާނީ އޭއެސް ރޯމާ އާ އެޓަލާންޓާއެވެ.