އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ އާ ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް 3-0 އިން ބަލިވެ ހާސްކަމުގެތެރެއަށް ވެއްޓިއްޖެއެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން ބަލިވުމުން އެޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ކުޅުންތެރިންނަށް ގިނަބައެއްގެ ފާޑުކިއުންތަށް އަމާޒުވެގެންދިޔައެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ލީގުގައި ޔުނައިޓެޑް ވިދިވިދިގެން ދެމެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ މޮރީނިއޯ ކޯޗުކޮށްދިން ޓީމަކުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ޔުނައިޓެޑުން މިމެޗަށް ނިކުތްއިރު ކޯޗް މޮރީނިއޯ ވަނީ އެޓީމު އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން، އަނިޔާގެ ސަބަބުން ލީގުގެ ފުރަތަމަ ދެމެޗުގައި ކުޅުމުގެ ފުރުޞަތު ނުލިބުނު އެޓީމުގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާ އާއި ފިލް ޖޯންސް އާއި ކްރިސް ސްމޯލިންގެ އިތުރުން ނިމެންޔާ މަޓިޗް އަދި އެންޑާ ހެރޭރާ ވަނީ ޓީމުގައި ހިމަނާފައެވެ.
އޯލްޑް ޓްރެފޯޑްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، އެޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި އިނގިރޭސި ފުލްބެކް ޑެނީ ރޯސް އަށް ހެދުނު ގޯހަކުން ޔުނައިޓެޑްގެ ލުކާކޫ އަށް ލިބުނު ބޯޅަ ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް ކައިރިން ނައްޓާލުމަށްފަހު ހުސްގޯލްގެތެރެއަށް ފޮނުވާލަން ލިބުމުން އެބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
އޭގެފަހުން، ޔުނައިޓެޑްގެ ޕައުލް ޕޮގްބާއަށާއި ލުކާކޫ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ މަތަކޮށްފައެވެ. މިހާފުގައި ޓޮޓެންހަމްގެ ޑެލޭ އަލީ އާއި ކްރިސްޓިއަން އެރިކްސަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭ ގޮތް ވަނީ ނުވެފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ޓޮޓެންހަމްގެ ކުޅުން ރަނގަޅުކުރިއެވެ. އޭގެ ނަތީޖާއެއްގެގޮތުން، އެޓީމުން ވަނީ މިހާފުގެ ފަސްވަނަ މިނެޓުގައި ލީޑްނަގައިފައެވެ. އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ހެރީ ކޭން މިލަނޑުޖަހައިދިންއިރު އޭގެ ދެމިނެޓުފަހުން ކްރިސްޓިއަން އެރިކްސަން ތަނަވަސްކުރި ފުރުޞަތަކުން ބްރެޒިލްގެ ވިންގާ ލޫކަސް މައުރާ ވަނީ ޓޮޓެންހަމް އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.
ޓޮޓެންހަމްގެ ދެވަނަ ލަނޑަށްފަހު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ އެޓީމުގެ ހެރޭރާ އާއި މަޓިޗްގެ ބަދަލުގައި އަލެކްސިސް ސަންޗޭޒް އާއި މަރުއާން ފެލައިނީ ކުޅެން ނެރެފައެވެ. ނަމަވެސް، ޔުނައިޓެޑުން ލަނޑެއްޖެހޭތޯ ކުރިމަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ފަހު ލަނޑު ޖަހައިދިނީވެސް ލޫކަސް އެވެ. މިއީ އެޓީމުގެ އިނގިރޭސި ފޯވާޑް ކޭން ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ލޫކަސް ކާމިޔާބުކުރި ތިންވަނަ ގޯލެވެ. ޕްރިމިއާ ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ ސާޖިއޯ އަގުއޭރޯ، ރިޗާލިސަން، އާއި ސަޑިއޯ މާނޭ އަދި އަލެކްސެންޑަ މިޓްރޮވިޗްގެ އިތުރުން ރޮބާޓޯ ޕެރޭރާ ވެސް ވަނީ މިއަދަދަށް ގޯލްޖަހާފައެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ މިމެޗުން ބަލިވީ ނަސީބު ދެރަވުމުންކަމަށާއި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުންކުރެވުނުނަމަ 2 ނުވަތަ 3 ލަނޑުގެ ލީޑެއްގައި އޮވެގެން ފުރަތަމަ ހާފު ނިންމާލެވުނީސް ކަމަށެވެ.
ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުން މިހޯދީ ވަރަށް މުހިއްމު މޮޅެއްކަމަށާއި އޭގެ ސަބަބުން ލީގު ތާވަލްގައި ރަނގަޅު މަޤާމެއްގައި އޮތުުމުގެ ފުރުޞަތު ލިބިފައިވާކަމަށެވެ. އޭނާ އިތުރަށް ބުނިގޮތުގައި، ގަދަ 6 ޓީމުގެ ތެރޭގައި ހިމެނޭ ކްލަބެއްގެ އަތުން ރަށުންބޭރުގައި މޮޅެއް ހޯދުމުގައި މީގެކުރީން އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވީނަމަވެސް މިމެޗުން މޮޅުވުމުން އެކަންތައް މިހާރު ބަދަލުވެފައިވާކަމަށެވެ.
މިމެެޗުން ބަލިވެ ޔުނައިޓެޑް ވަނީ ލީގު ތާވަލްގެ 13 ވަނަ އަށް ވެއްޓިފައެވެ. މިމެޗުން މޮޅުވި ޓޮޓެންހަމް ވަނީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއިއެކު ދެވަނަ އަށް ޖެހިލައިފައެވެ. ލިވަޕޫލަށް ކުރި ލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހު ރަށުން ބޭރުގައި ބާންލީ އާ ދެކޮޅަށް ނިކުންނައިރު ހަމަ އެދުވަހު ޓޮޓެންހަމް ނިކުންނާނީ ވަޓްފޯޑް އާ ދެކޮޅަށެވެ.