އިޓާލިއަން ސެރިއޭގައި ރޭ ކުޅުުނު މެޗުގައި އެޓަލާންޓާ އާ ބައްދަލުކޮށް 3-3 އިން އޭއެސް ރޯމާ އެއްވަރުވެއްޖެއެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ހަވިއާ ޕަސްޓޯރޭ ރޯމާ އަށް ލީޑް ނަގައިދީފައިވަނިކޮށް ރޯމާގެ ޑިފެންޑަރު ކޮސްޓަސް މަނޮލަސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓަލާންޓާގެ ޓިމޮތީ ކަސްޓާނިއޭ މެޗުގެ 19 ވަނަ މިނެޓުގައި ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި އެމިލިއާނޯ ރިގޯނީ ކާމިޔާބުކުރި ގޯލުތަކާއިއެކު އެޓަލާންޓާއިން ފުރަތަމަ ހާފު ނިންމާލީ 3-1 ގެ ނަތީޖާއަކުން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 15 ވަނަ މިނެޓުގައި އަލެސެންދްރޯ ފްލޮރެންޒީ ވަނީ ރޯމާ އަށް ލަނޑެއްޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ.
މެޗުނިމެން 8 މިނެޓަށްވެފައިވަނިކޮށް ރޯމާ އަށް އެއްވަރުކޮށްދިނީ ގްރީސްގެ ޑިފެންޑަރު ކޮސްޓަސް މަނޮލަސް އެވެ. މިއީ އެޓީމުގެ އަލެކްސެންޑަ ކޮލަރޯވް ތަނަވަސްކުރި ފުރުޞަތަކުން މަނޮލަސް ކާމިޔާބުކުރި ގޯލެކެވެ.
މެޗުނިމުމުގެ ކުރީން، ރޯމާގެ އެޑިން ޖެކޯ އާއި ޕެޓްރިކް ޝިކް އަށް ވަނީ އެޓީމު މޮޅުކޮށްދިނުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭނުންހިފޭގޮތްނުވެފައެވެ.
މިމެޗުގެ ނަތީޖާއާއިއެކު ރޯމާ އާއި އެޓަލާންޓާ އަށް ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތާވަލްގެ އެންމެ ކުރީގައި އުޅޭ ޔުވެންޓަސް އާއި ނަޕޯލީ އަދި ސްޕަލް ވަނީ ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހަމަކޮށްފަައެވެ.
އިޓާލިއަން ސެރިއޭގެ ރޯމާ ދެން ކުޅޭ މެޗުގައި އަންނަ ހުކުރުދުވަހު ބައްދަލުކުރާނީ އޭސީ މިލާން އާ އެވެ. މިމެޗު ކުޅެވޭނީ މިލާނުގެ ސެންސީރޯގައެވެ.