Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ތީމުގޭގައި ފަނޑިޔާރުންނަށް ޚާއްސަ ޖިމެއް ހަދަނީ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) ވެސް ހިންގަމުން ގެންދާ ކުރީގެ ރިޔާސީ ގަނޑުވަރުގައި ފަނޑިޔާރުންނަށް ޚާއްސަކޮށްގެން ޖިމެއް ހަދަމުން އެބަދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީޖޭއޭގެ ބެލުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި ޖިމުގެ އިންސްޓްރަކްޓަރުން ހޯދުމަށް މީގެ ކުރިން ވަނީ އިއުލާން ވެސް ކޮށްފައެވެ. މިއިއުލާން ކުރީ ހަމައެކަނި ޑީޖޭއޭ އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފުންނަށް ކުރިމަތިލެވޭ ގޮތަށެވެ.

ތީމުގޭގައި ޖިމެއް ހަދަން ނިންމާފައި ވަނީ، ބައެއް ފަނޑިޔާރުން މާލޭގައި ހިންގާ އެހެން ޖިމުތަކަށް ދާއިރު ބައެއް ފަހަރަށް ދިމާވާތީ އެވެ. ޖިމު ހެދުމަށް އިސްވެ ހުށަހަޅާފައިވަނީ ދާދި ފަހުން ހައިކޯޓާއި ސުޕްރީމް ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި 27 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހެދި ރިޔާސީ ގަނޑުވަރު ސުޕްރީމް ކޯޓާއި، ހައިކޯޓު އަދި ޑީޖޭއޭ ހިންގަން ފެށިފަހުން އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެހެން ނަމަވެސް އެ އިމާރާތުގެ މެއިންޓެނަންސް އަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެއެވެ.