(މެއި 9، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
މާހިލް އޭނާގެ ކޮޓަރީ ކުޑަދޮރު ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
"ސާހިލް ކިހނެތްވެފަ ތިހިރީ؟" ވިއާމާގެ ތުރުތުރު އަޅާ އަޑު އިވުމާއެ ކު ސާހިލް ދޮރާ ދިމާއަށް އެނބުރިލިއެވެ.
"ވިއާމާ ގެނައި ރަހްމަތްތެރިޔާ އަހަރެންނަކާ އެހާ ޤަބޫލެއް ނޫން. ގަދަކަމުން ހިފަހައްޓަން އުޅުނީމަ ވެސް ހިފެހެއްޓުނީ އެންމެ ފަނަރަ ވަރަަކަށް މިނެޓަށް. ދުމެއްޖެހިހެން ގޮސް ނިމިއްޖެ."
ވިއާމާގެ ހިތުގައި ފޮނިކަމެއް އުފެދުނެވެ.
"ހޫނ…" އެއް އަޅުވާލަމުން ވިއާމާ ސާރާގެ ކޮޓަރި އަށް ދިޔަ އެވެ.
ސާރާ ކުޑަކުއްޖެއްހެން ނިދާލާފައި އޮތެވެ. ވިއާމާ އިރުކޮޅެއް ވަންދެން ސާރާ އަށް ބަލަން ހުއްޓެވެ. ތެދެކެވެ. އޭނާ ހާދަ ރީއްޗެވެ. އޭނާގެ ކުރިމަތީ އަހަރެންނަކީ ޒައްރާއެކެވެ. އެއްވެސް އަގެއް ނެތެވެ. މަލްހާ އަކީ މިސާލެއް ނެތް ފަދަ ކުއްޖެކެވެ. ވިއާމާ އެ ގޮތަށް ގެއްލިފައި ހުއްޓައި ފުރޮޅިލާފައި ސާރާ އަށް ހޭލެވުނެވެ.
"ވިއާ…ކިހިނެއްވީ؟" ސާރާ ތެދުވެ އެނދުގައި ހަމަޖެހިލަމުން އަހާލި އެވެ.
"އަހަރެން ހީކުރީ ބަލިވީ ކަމަށް." ވިއާމާ ވެސް ކައިރީގައި އިށީނދެލަމުން ބުނެލި އެވެ
"ހާސްނުވޭ…އަހަރެންނަށް ނިދާލެވުނީ." ސާރާ ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލި އެވެ.
"ކާން ހިނގާ. އެންމެން އިންތިޒާރުގަ އެބަތިބި." ވިއާމާ ކުރިއަށް ހިނގައި ގަންނަމުން ބުނެލި އެވެ.
"ނޫނޭ…އަހަރެން ގެ ތޮބީއްޔަތު އެހާ ރަނގަޅެއް ނޫން. އެހާ ކާހިތެއް ނެތް. ވިއާމެން ކާލާ. އަހަރެން އަދިވެސް ނިދާލާ ހިތްވަނީ." ސާރާ ސާހިލް އާ ބައްދަލު ކުރަން ނުދާންވެގެން ކަނޑައެޅިގެން ދެކޮޅު ހެދި އެވެ.
ވިއާމާ ވެސް އިތުރަށް ގަދަ ހެދުމަކާ ނުލައި ދޮރުލައްޕާލާފައި ކާގެއަށް ދިޔަ އެވެ. ވިއާމާގެ މަންމަ އޭނާ އެކަނި އައުމުން ސުވާލުގެ ބެލުމަކުން ވިއާމާ އާ ދިމާއަށް ބަލާލި އެވެ.
"މަލްހާގެ ހާލު މާ ރަނގަޅެއް ނޫން. އެހެންވެ އޭނާ ނިދާލަން ބޭނުން ވަނީ." ވިއާމާ އޭނާގެ މަންމަ ކައިރީ ބުނެލިއެވެ.
"ވިއާމާ…މަލްހާ އަށް ކިހިނެއްވީ އަނެއްކާ؟ ހެނދުނު އޭނާ އަހަރެންނާ ވަކިވެގެން ދިޔަ އިރު އޭނާ ހަމަ ރަނގަޅު." ސާހިލް ހާސްކަން އެކުލެވިފައިވާ އަޑަކުން ބުނެލި އެވެ. ސާހިލްގެ މި ހާސްކަން ވަރަށް ސާފުކޮށް މޭޒު ކައިރީ ތިބި އެންމެންނަށް ފާހަގަ ވި އެވެ.
"ނޭނގޭ…އޭނާ ނުގުޅޭ އެއްޗެއް ކެވުނީ ކަންނޭނގެ."
ސާހިލް ވެސް އިތުރު ވާހަކަ ނުދައްކައި މަޑުމަޑުން ކާން ފެށި އެވެ. އެހެން މީހުން ވެސް ތިބީ ވަރަށް ހިމޭނުންނެވެ، ކޮންމެ މީހަކު ވެސް އޭނާގެ އަމިއްލަ ޙިޔާލަކަށް ގެއްލިފަ އެވެ. ކައި ނިމުމާ އެކު ސާހިލް މާ ކުރިން ތެދުވި އެވެ. އޭނާގެ މިސްރާބު ހުރީ ސާރާ ގެ ކޮޓަރިޔަށެވެ.
ސާހިލް މަޑުމަޑުން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އެެވެ. ސާރާގެ ހިތް ބާރަށް ތެޅެން ފެށި އެވެ. އޭނާ މަޑުމަޑުން ދޮރު ކައިރިއަށް ގޮސް ދޮރުގައި ލެނގިލިއެވެ.
"ކާކު؟" ހިމޭން އަޑަކުން ސާރާ ސުވާލު ކުރި އެވެ.
"އަހަރެން…ކަމަނާގެ ހާލު ބަލާލަން މި އައީ…ވަދެވިދާނެތަ؟" ސާހިލް މިހެން ބުނުމުން ސާރާ މަޑުމަޑުން ދޮރު ހުޅުވި އެވެ.
"ޑޮކްޓަރެއް ގެންނަންވީދޯ؟" ސާހިލް ވާހަކަ ދައްކަން ފެށި އެވެ. ސާރާ ޙިޔާލަކަށް ގެއްލިފައި ސާހިލްގެ މޫނަށް ބަލަމުން ދިޔަ އެވެ.
ސާހިލްގެ އުނީ ކޮން ކަމެއްހެ އްޔެވެ؟ ރީތިވެފައި އޭނާ ފުރިހަމަ އެވެ.
އޭނާއަކީ ކޮން ޙާންދާނަކުން އައިސް ހުރި މީހެއް ބާވަ އެވެ؟ ކިހާ އަޖާއިބު ކަމެއް ހެއްޔެވެ؟ އަހަރެން އޭނާ އާ މެދު މި ވިސްނަނީ ކީއްވެ ބާވަ އެވެ؟
"މަލްހާ ކޮބާ؟ މިތާ އެބަހުރިންތަ؟" ސާހިލް ސާރާ ހިމޭންވުމުން ވާހަކަ ދައްކަން ފެށި އެވެ.
"އަޅުގަނޑު މިހިރީނު" ސާރާ ހިމޭން އަޑަކުން ޖަވާބު ދިނެވެ.
"އަހަރެންނަކީ ލޯފަން މީހެއް. މީހަކު ކައިރީގަ ހުއްޓަސް ވާހަކަ ނުދައްކަންޏާ ހުރި ކަމެއް ނޭގޭނެ. މާ ބަލީތަ؟" ހާސްވެފައިވާ އަޑަކުން ސާހިލް ސުވާލު ކުރި އެވެ.
ސާހިލް އަހަރެންނާ މެދު އެހާ ކަންބޮޑުވަނީ ކީއްވެ ހެއްޔެވެ؟ ސާރާ ވިސްނަމުން ދިޔަ އެވެ.
"މަލް…މިހިރީ ޑޮކްޓަރު ރީނާ…އަހަރެން މިއައީ އޭނާ ގޮވައިގެން." އެވަގުތު ސާހިލްމެން ކައިރިއަށް ހުއްޓިލަމުން ވިއާމާ ބުނެލި އެވެ.
"ވިއާ…އެކަމުން ދެން އަހަރެން އެހާ ބަލީކީ ވެސް ނޫނޭ. ޑޮކްޓަރަށް ތަކުލީފް ތި ދިނީ ކީއްވެ؟"
"ނޫނޭ…އެއީ އެހާވަރު ކަމެއް ނޫން. މި ރަށުން ވެސް ޑޮކްޓަރުންގެ ފެންވަރު މާލެއަށް ވުރެ ދަށެއް ނުވާނެ." ޑޮކްޓަރު ރީނާ ހިނިތުންވެލަމުން ސާރާ އަށް ބުނެލިއެވެ. ސާރާ ލަދުވެތި އަދާއަކާ އެކު އިސް ޖަހާލި އެވެ.
(ނުނިމޭ)