ޔޫއެފާ އިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު މިޑްފީލްޑަރުގެ މަޤާމް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޯދައިފިއެވެ. އޭނާ ވަނީ ރެއާލް އާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ނިމިދިޔަ ވޯލްޑްކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ މޮޑްރިޗެވެ.
މޮޑްރިޗާއި އެންމެ ގާތުން މިއެވޯޑަށް ވާދަކުރީ ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ގިނަ ގޯލްތަކެއް ޖަހައިދިން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިނގިރޭސިވިލާތުގެ ލިވަޕޫލަށް ޕްރިމިއާ ލީގުގައި ރެކޯޑް އަދަދަކަށް ގޯލް ޖަހައިދިނުމުގެ އިތުރުން އެޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމަށް މޮޅު ކުޅުމެއް ދެއްކި މިސްރުގެ މުހައްމަދު ސަލާހް އެވެ.
ޔޫރަޕުގެ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުން ހޮވި މި އެވޯޑް މޮޑްރިޗް ހޯދީ 313 ޕޮއިންޓާއިއެކު އެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރި ރޮނާލްޑޯ އަށް 223 ޕޮއިންޓް ލިބުނުއިރު ސަލާހް އަށް ލިބިފައިވަނީ 134 ޕޮއިންޓެވެ. މީގެއިތުރުން، ގަދަ 5 ގައި ހިމެނުނު އެންޓޮއިން ގްރީޒްމަން އަށް 72 ޕޮއިންޓް ލިބުނުއިރު ލިއޮނަލް މެސީ އަށް ލިބުނީ އެންމެ 55 ޕޮއިންޓެވެ.
ޔޫއެފާ އިން ވަކިވަކީން އެކި މަޤާމްތަކަށް ކުޅޭ މޮޅު ކުޅުންތެރިން ހޮވިއިރު ހުރިހާ އެވޯޑެއް ހޯދީ ރެއާލް އަށް ކުޅުނު ކުޅުންތެރިންނެވެ. އެގޮތުން، ކޭލޯ ނަވާސް އަށް އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމް ލިބުނުއިރު އެންމެ މޮޅު ޑިފެންޑަރަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެންމެ މޮޅު ފޯވާޑުގެ މަޤާމް ހޯދީ މިސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެވެ. އެހެންނަމަވެސް، ދިމާވި ކޮންމެވެސް ސަބަބަކާއި ހުރެ އޭނާ މި ރަސްމިއްޔާތުގައި ބައިވެރިއެއްނުވެއެވެ.
ޔުއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ އެވޯޑް މިފަހަރު ހޯދީ މިދިޔަ އަހަރު ދެވަނަ މަޤާމަށް ދިޔަ ޑެންމާކްގެ ޕެނިލޭ ހާޑާ އެވެ. އޭނާ ވަނީ ޖަރުމަނުގެ ވުލްފްސްބާގާއިއެކު ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ރަނަރަޕް މަޤާމް ހޯދައިފައެވެ. އޭނާ އާއި އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ ނޯވޭގެ އަޑާ ހެގަބާގް އަދި ފްރާންސްގެ އަމާންޑީން ހެންރީ އެވެ.
ޔުއެފާގެ ޕްރެޒިޑެންޓްސް އެވޯޑް މި އަހަރު ދިނީ އިންގްލެންޑް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށެވެ. މިއެވޯޑް އެންމެ ފަހުން ހޯދައިފައިވަނީ އިޓަލީގެ ފްރާންޗެސްކޯ ޓޮޓީއެވެ. މީގެކުރީން، މި އެވޯޑް ހޯދީ ކުޅުންތެރިންގެ ތެރޭގައި އަލްފްރެޑޯ ޑިސްޓެފާނޯ، ޔުސެބިއޯ، ޔޯހާން ކްރައިފް އަދި ފްރާންޒް ބެކެންބާގެ އިތުރުން ސަރ ބޮބީ ޗާލްޓަން ހިމެނެއެވެ.
ޔުއެފާ އިން ދޭ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް މިހާތަނަށް އެންމެ ގިނަ ފަހަރު ހޯދައިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މިއެވޯޑް ތިން ފަހަރު ހޯދާފައިވާއިރު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ވަނީ ދެ ފަހަރު މަތީން ހާސިލްކޮށްފައެވެ. ސްޕެއިނުގެ އަންދްރެއަސް އިނިއެސްޓާ އާއި ފްރާންސްގެ ފްރޭންކް ރިބެރީ ވަނީ މިމަޤާމް އެއްފަހަރު ހޯދައިފައެވެ.