ސ. އަތޮޅު މަދުރަސާގައި އަންނަ މަހުގެ16 ވަނަ ދުވަހު އޭ ލެވެލް އަށް ކިޔަވައި ދޭން ފަށާއިރު 40 އަށް ވުރެ ގިނަ ދަރިވަރުން ގްރޭޑް 11 ގައި ކިޔަވަން ފަށާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށުން ރައީސް މުހައްމަދު ވަހީދު ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިފްތިތާހު ވެސް ކޮށްދެއްވައިފަ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ޒީނިއާ ބުރާސްފަތިި ދުވަހު ވިދާޅުވީ ޖޫން މަހުގެ 16 ވަނަ ދުވަހު އޭ ލެވެލް އަށް ކިޔަވައި ދޭން ފަށާ އިރު އެ ސްކޫލްގެ ގްރޭޑް 11 ގައި ޖުމްލަ 44 ދަރިވަރުން ކިޔަވާނެ ކަމަށެވެ.
ޒީނިއާ ވިދާޅުވީ މިއީ ރަށުގައި ތިބެގެން މަތީ ތައުލީމް ހާސިލް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ކުރަމުން ދިޔަ އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެހެންވެ މިކަން ދަމަހައްޓަން މުޅި ރަށުގެ ކޮމިއުނިޓީ އާއި ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް ވިދާޅުވީ ސ. އަތޮޅު މަދުރަސާގައި ރަނގަޅު ފެންވަރުގެ ލެބް އިމާރާތެއް އެބަ ހުރި ކަމަށެވެ. ނަމަވެސް ލެބަށް ބޭނުންވާ ކެމިކަލާއި އެހެނިހެން ބައެއް ސާމާނު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ލެބަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.