Last Updated: November 27, 10:35
Wednesday, November 27, 2024
ކުޅިވަރު

ޗެލްސީ އާ ސިޓީއިން ދެޓީމުގެ ރެކޯޑް ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ބޯންމައުތު 2-0 އިން ބަލިކޮށް ޗެލްސީ އިން ސަތޭކަ ޕަސެންޓްގެ ރެކޯޑް ދެމެހެއްޓިއިރު ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ މެންޗެސްޓަރ ސިޓީއިން ވަނީ ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ ޗެލްސީ އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިއަދަދަށް ޕޮއިންޓް ލިބިފައިވާ ލިވަޕޫލަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ސްޓެމްފަޑް ބްރިޖުގައި ބޯންމައުތު އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަނަމަވެސް މިހާފުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޗެލްސީގެ ފުލްބެކް މާކޮސް އަލޮންސޯ އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެޓީމުގެ އެޑެން ހަޒާޑް ތަނަވަސްކުރި ފުރުޞަތަކުން އޭނާ ފޮނުވާލި ބޯޅަ ވަތްފާރަތު އަރިމަތީ ދަނޑީގައިޖެހިފައިވެއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީ އަށް ބޯންމައުތުގެ ގޯލް ހުޅުވާލައިދިނީ ސްޕެއިނުގެ ވިންގާ ޕެޑްރޯ ރޮޑްރިގޭޒް އެވެ. މިއީ އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީގެ ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތުހަމަވާން ފަސްމިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އަލޮންސޯ ތަނަވަސްކުރި ފުރުޞަތަކުން ހަޒާޑް އެވެ.

ނިއުކާސަލް އާ ދެކޮޅަށް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމަށް ލީޑްނަގައިދިނީ 8 ވަނަ މިނެޓުގައި ރަހީމް ސްޓާލިން އެވެ. މިއީ ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ސްޓާލިން އެޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ނިއުކާސަލް އަށް އެއްވަރުކޮށްދިނީ ސޮލޮމަން ރޮންޑޮން ނަގައިދިން ހުރަހަކުން ޑެއަންޑްރޭ ޔެޑްލިން އެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓަރ ސިޓީގެ ފުލްބެކް ކައިލް ވޯކާ އުފާ ފާޅުކުރަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ސިޓީ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ އިނގިރޭސި ފުލްބެކް ކައިލް ވޯކާ އެވެ. މިއީ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން ޕެނަލްޓީއޭރިޔާބޭރުން ވަރަށް ބާރަށް ފޮނުވާލީ ހަމަލާއެއް ގޯލްގެ ވާތްފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން ވޯކާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މިމެޗުން ހޯދީ ތިން ޕޮއިންޓާއިއެކު ސިޓީ އޮތީ އެއްވަނައިގައި އުޅޭ ލިވަޕޫލަށް ދެޕޮއިންޓް ފަހަތުން 10 ޕޮއިންޓާއެކު ތިންވަނައިގައެވެ. ނިއުކާސަލް އަދި ލީގުގައި ކުޅުނު މެޗަކުން މޮޅުވެފައިނުވާއިރު އެޓީމު އޮތީ 18 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރައިޓަން އެންޑް ހޯވް އެލްބިއަން އާ ފުލަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު އެވަޓަން އާއި ހަޑަސްފީލްޑް ޓައުން ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވެއެވެ. ސައުތުހެމްޕްޓަން އަތުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް 2-0 އިން ބަލިވިއިރު ވުލްވަހެމްޕްޓަން ވޮންޑަރާސް ވަނީ ރަށުން ބޭރުގައި 1-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ.