Last Updated: November 27, 10:35
Wednesday, November 27, 2024
ކުޅިވަރު

ރެއާލް މޮޅުވިއިރު ވާދަވެރި އެތުލެޓިކޯ ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ލެގާނެސް އަތުން 4-1 އިން ރެއާލް މެޑްރިޑް މޮޅުވިއިރު ރަށުން ބޭރުގައި ސެލްޓާ ވިގޯ އާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.

ރެއާލުން ލެގާނެސް އާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ދާދިފަހުން ޗެލްސީ އިން އެޓީމަށް ބަދަލުވި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ހިމަނާފައިވެއެވެ. މީގެއިތުރުން، ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނު ދެކުޅުންތެރިންކަމަށްވާ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗާއި ފްރާންސްގެ ރަފައެލް ވަރާން ވެސް ލީގުގައި ފުރަތަމަ ފަހަރަށް އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިމެޗުގައި ކުޅެފައިވެއެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މިމެޗުގައި ރެއާލަށް 17 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ގަރެތު ބޭލް އެވެ. މިއީ އެޓީމަށްކުޅޭ ސްޕެއިނުގެ ފުލްބެކް ޑެނީ ކަރްވަހާލް ބޮލުން ޖައްސާލި ބޯޅައަކުން ގޯލްގެ ކަނާތްފަރާތު މަތީކަނަށް އަމާޒުކޮށްލައިގެން ބޭލް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަތް މިނެޓުފަހުން، ލެގާނެސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ގުއިޑޯ ކަރީލޯ އެވެ. މިއީ ލެގާނެސްގެ ހަވިއާ އެރާސޯ އަށް ރެއާލްގެ ކަސެމީރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ރެއާލަށް އަލުން ލީޑްނަގައިދިނީ މާކޯ އަސެންސިއޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ކަރީމް ބެންޒެމާ އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ބެންޒެމާ ވަނީ އިތުރު ލަނޑެއްޖަހައި ރެއާލްގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ބެންޒެމާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

އޭގެ ފަސް މިނެޓުފަހުން ރެއާލް ހަތަރުވަނަ ލަނޑުޖަހައިދިނީ ސާޖިއޯ ރާމޯސް އެވެ. މިއީ ރެއާލްގެ އަސެންސިއޯ އަށް ލެގާނެސްގެ ޑިފެންޑަރު އުނާއި ބުސްތިންޒާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ރާމޯސް ކާމިޔާބުކުރި ގޯލެކެވެ.

ލަލީގާގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން ސެލްޓާ ވިގޯ އަތުން ބަލިވެފައެވެ.

ސެލްޓާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން، އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން އާއި އެންހެލް ކޮރިއާ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މިހާފުގައި ސެލްޓާގެ ފޯވާޑް އިއާގޯ އަސްޕާސް އަށްވެސް ލަނޑުޖެހުމަށް ރަނގަޅު ދެފުރުޞަތުލިބި ބޭނުންހިފޭގޮތްވަނީނުވެފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ސެލްޓާ އަށް ލީޑްނަގައިދިނީ މެކްސީ ގޯމޭޒް އެވެ.

އޭގެ ހަ މިނެޓުފަހުން ސެލްޓާގެ ދެވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ ފޯވާޑް އަސްޕާސް އެވެ. މިއީ ފުރަތަމަ ލަނޑުޖަހައިދިން ގޯމޭޒް ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެތުލެޓިކޯ އަށް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 70 ވަނަ މިނެޓުގައި ދެވަނަ ރީނދޫކާޑަށްފަހު އެޓީމުގެ ޑިފެންޑަރު ސްޓެފަން ސަވިޗަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އޭގެފަހުން ވެސް ދެޓީަށް ލިބުނު ފުރުޞަތުތަކުގައި ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ލަލީގާގައި ރޭ ގައި ކުޅުނު މެޗުތަކަށްފަހު ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ތިން މެޗުން 9 ޕޮއިންޓް ހޯދައިފައިވާ ރެއާލް އެވެ. ސެލްޓާ ވަނީ އެތުލެޓިކޯ ބަލިކޮށް ހަތް ޕޮއިންޓް ހަމަކޮށް ތާވަލްގެ ދެވަނައަށް ޖެހިލައިފައެވެ.