Last Updated: November 27, 10:44
Wednesday, November 27, 2024
ކުޅިވަރު

ޔުނައިޓެޑާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ބަލިވެއްޖެ

ބާންލޭ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް މޮޅުވިއިރު ވަޓްފޯޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

ބާންލޭގެ ޓާފް މޫރ ގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑްނަގައިދިނީ 27 ވަނަ މިނެޓުގައި ޗިލީގެ އެލެކްސިސް ސަންޗޭޒް ތަނަވަސްކުރި ފުރުޞަތަކުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑުން އުފެއްދި ކައުންޓައެޓޭކެއްގައި ލުކާކޫ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ބާންލޭގެ ގޯލްކީޕަރު ޖޯ ހާޓް ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖަހައިދިނީވެސް ލުކާކޫ އެވެ. މިހާފު ނިމުނީ 2-0 އިން ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ސަންޗޭޒަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ވެސް ބާންލޭގެ ކީޕަރު ހާޓް ވަނީ މަތަކޮށްފައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް ޕައުލް ޕޮގްބާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. އެޓީމުގެ މާކަސް ރަޝްފޯޑަށް ބާންލޭގެ އާރޮން ލެނަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޕޮގްބާ ފޮނުވާލުމުން ބާންލޭގެ ކީޕަރު ހާޓް ވަނީ މަތަކޮށްފައެވެ.

އޭގެ ދެމިނެޓުފަހުން ރެފްރީ ވަނީ ކުޅިވަރުގެ ރޫހާއި ހިލާފުވުމުގެ ސަބަބުން ޔުނައިޓެޑްގެ ރަޝްފޯޑަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

އެއްކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހު 20 މިނެޓު ކުޅުނު ނަމަވެސް، ޔުނައިޓެޑުން ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން، އެޓީމުގެ ލުކާކޫ އަށް ހެޓްރިކް ހެދުމަށް ލިބުނު ދެފުރުޞަތުވެސް ބާންލޭގެ ކުޅުންތެރިން ވަނީ ހުއްޓުވައިފައެވެ.

އާސެނަލް ވަނީ ރަށުން ބޭރުގައި ކުޅެ 3-2 އިން ކާޑިފް ސިޓީ ބަލިކޮށް ލީގުގެ ދެވަނަ މޮޅު ހޯދައިފައެވެ. މިމެޗުގެ ފުރަތަމަ ހާފު ދެޓީމު 1-1 އިން އެއްވަރުވެގެން ނިމުނުއިރު އާސެނަލަށް ލީޑްނަގައިދިނީ 11 ވަނަ މިނެޓުގައި ގްރެނިޓް ޒާކާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ޝްކޮޑްރަން މުސްތާފީއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާޑިފް އަށް އެއްވަރުކޮށްދިނީ ވިކްޓަރ ކަމަރާސާ އެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކާޑިފް ސިޓީގެ ގޯލަށް އާސެނަލް މޮޅުވި ލަނޑު އަލެކްސެންޑަރ ލަކަޒޭ (މ) ވައްދާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އާސެނަލަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ފްރާންސްގެ ފޯވަޑް އަލެކްސެންޑަރ ލަކަޒޭ ތަނަވަސްކުރި ފުރުޞަތަކުން ޕިއޭރް އެމެރިކް އޮބަމަޔަން އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އޭގެ އަށް މިނެޓުފަހުން ޑެނީ ވާޑް ވަނީ ކާޑިފް އަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެޓީމުގެ ޝޯން މޮރިސަން ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލޫކަސް ޓޮރެއިރާ ދިން ބޯޅައަކުން ލަކަޒޭ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ވަޓްފޯޑް ވަނީ ޓޮޓެންހަމް ހޮޓްސްޕާ ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ 100 ޕަސެންޓްގެ ރެކޯޑް ދަމަހައްޓައިފައެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ވަޓްފޯޑްގެ އަބްދުލާޔެ ޑުކޫރޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ޓޮޓެންހަމް ލީޑްނެގި ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ހޯސޭ ހޮލެބާސް ދިން ބޯޅައަކުން ޓްރޯއީ ޑީނީ ވަނީ ވަޓްފޯޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އޭގެފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 14 މިނެޓަށްވެފައިވަނިކޮށް ވަޓްފޯޑްގެ ކްރެއިގް ކެތުކާޓް ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މިއީ ވެސް އެޓީމުގެ ޑިފެންޑަރު ހޮލެބާސް ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކުރި ގޯލެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު، ކުޅުނު ހަތަރު މެޗުގެތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށް އާސެނަލް އަދި ޔުނައިޓެޑް ތާވަލްގެ 9 ވަނަ އާއި 10 ވަނައިގައި އޮތް އިރު ޓޮޓެންހަމް ބަލިކޮށް ވަޓްފޯޑް ވަނީ 12 ޕޮއިންޓާއިއެކު އަލުން ތާވަލްގެ ތިންވަނަ އަށް ޖެހިލައިފައެވެ. ލިވަޕޫލާއި ޗެލްސީ އަށް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ފައިދާގޯލްގެ ތަފާތުން ކުރި ލިބެނީ ލިވަޕޫލަށެވެ. ޓޮޓެންހަމް ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ.