ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން އަލަށް ޕްރޮމޯޓުވީ ކްލަބު ހުއެސްކާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައި ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ. މިމެޗުން ބާސާ މޮޅުވީ 8-2 އިންނެވެ.
ލަލީގާގައި ރޭ ކުޅުނު މެޗުތަކަށްފަހު، ތާވަލްގެ އެންމެ ކުރީގައި އުޅެނީ ބާސާ އާއި ރެއާލް މެޑްރިޑެވެ. ދެޓީމަށްވެސް ކުޅުނު ތިން މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު ފައިދާގޯލްގެ ތަފާތުން ކުރި ލިބެނީ ބާސާ އަށެވެ.
ބާސާގެ ނޯ ކޭމްޕްގައި ކުޅުނު މިމެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ހުއެސްކާ އިންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ކޫޗޯ ހެނާންޑޭޒް އެވެ.
ބާސާ އަށް އެއްވަރުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓުގައި ލިއޮނަލް މެސީ އެވެ. އޭގެ 8 މިނެޓުފަހުން ބާސާ އަށް ފުރަތަމަ ފަހަރަށް ލީޑް ލިބުނީ ހުއެސްކާގެ ޕުލީޑޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ހުއެސްކާގެ އަލެކްސް ގަލާ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ވަނީ ބާސާ އަށް އަލުން ދެލަނޑުގެ ލީޑް ނަގައިދީފައެވެ.
އޭގެ ހަތަރު މިނެޓުފަހުން، ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ވަނީ ބާސާގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި މެސި ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 6-2 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، މެޗުގެ 81 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ވަނީ ބާސާއިން މިމެޗުގައި ކާމިޔާބުކުރި ހަތްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ އިތުރުވަގުތުގައި، ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް ވަނީ ބާސާގެ ފަހު ލަނޑު ޖަހައިދީފައެވެ. މިއީ ބާސާގެ ސުއަރޭޒް އަށް ހުއެސްކާގެ ގޯލްކީޕަރު އެކްސެލް ވާނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެސީގެ ހެޓްރިކް ފުރިހަމަ ކުރުމަށް ޕެނަލްޓީ ޖެހުމަށް ސުއަރޭޒް އޭނާ އަތަށް ދިނުމުން މެސީ ވަނީ އަނބުރައި ސުއަރޭޒް އަތަށް ބޯޅަ ދީފައެވެ. ސުއަރޭޒް ވަނީ ވަރަށް ހަމަޖެހިލައިގެން ހުރެ ހުއެސްކާގެ ކީޕަރު ވާނާ ޑައިވްކުރި ފަރާތް ނޫން އަނެއް ފަރާތަށް ބޯޅަ ވައްދާލައިފައެވެ.
މިމުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި ސެވިއްޔާ އަތުން 1-0 އިން ރެއާލް ބެޓިސް މޮޅުވިއިރު ހަމައެކަނި ގޯލް ޖަހައިދިނީ މެޗުގެ ފަހުކޮޅު ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ވަކީން ސަންޗޭޒް އެވެ.