ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބެސްޓް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކުރިއިރު ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ ނުހިމެނެއެވެ.
މިއީ 2006 ވަނަ އަހަރުގެ ފަހުން އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި މެސީ ނުހިމެނުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، ޔޫއެފާއިން މިއަހަރު ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައިވެސް މެސީ ހިމެނިފައެއްނުވެއެވެ.
ފީފާ އިން 2016 ވަނަ އަހަރުން ފެށިގެން ހޮވަމުން އަންނަ ފީފާ ދަބެސްޓްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ނޮމިނޭޓްވި ތިން ކުޅުންތެރިންނަކީ ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ އިތުރުން ދާދިފަހުން ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިސްރާއި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް އެވެ.
މިފަހަރުގެ ފީފާ އެވޯޑަށް ވާދަކުރާ ރޮނާލްޑޯ އަކީ ފާއިތުވި ދެއަހަރުވެސް މިއެވޯޑް ހާސިލްކުރުމުގެ އިތުރުން މިހާތަނަށް މިއެވޯޑް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި ރެއާލް އާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް އެމުބާރާތުގައި ކާމިޔާބުކުރި 15 ލަނޑާއިއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދައިފައެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއާއެކު ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ވޯލްޑްކަޕްގެ ދެވަނަބުރަށް އެޓީމު ގެންގޮސްދިނުމުގައި އެމުބާރާތުގައި ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ.
ނިމިގެންދިޔަ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މޮޑްރިޗް ވަނީ އެމުބާރާތުގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމުގެ އިތުރުން ރެއާލް އިން ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑްކަޕް ތަށި ހޯދިއިރު މޮޅު ކުޅުމެއް ދައްކައިފައެވެ.
މޮޅު ކުޅުންތެރިޔާގެ މަޤާމަށް ނޮމިނޭޓްވި ސަލާޙް ވަނީ ލިވަޕޫލަށް މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ރެކޯޑް އަދަދެއްކަމަށްވާ 32 ގޯލް ޖަހައިދިނުމުގެ އިތުރުން އެޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެމުބާރާތުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދައިފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިބުނު އަނިޔާއާއެކު ވޯލްޑްކަޕްގައި އޭނާގެ ވިދުން ފަނޑުވެ މިސްރު ޓީމު އެމުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް އޭނާ ވަނީ ވޯލްޑްކަޕަށް މިސްރު ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އަހަރުގެ އެންމެ މޮޅު ކޯޗުުގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ކްރޮއޭޝިއާ ވޯލްޑްކަޕްގެ ފައިނަލަށް ގެންގޮސްދިން ޒްލަޓްކޯ ޑަލިޗް އާއި ފްރާންސަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޑިޑިއޭ ޑެޝޯމްޕްސް އަދި ރެއާލަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް ހޯދައިދިން ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާން އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ނޮމިނޭޓްވެފައިވަނީ ޑެންމާކްގެ އަޑާ ހެގަބާގް އާއި ޖަރުމަނުގެ ސެނިފާ މަރޮސަން އަދި ބްރެޒިލްގެ މާރްތާ އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ފްރާންސްގެ ރެނަލްޑް ޕެޑްރޯސް އާއި ޖަޕާނުގެ އަސާކޯ ޓަކަކޫރާ އަދި ހޮލެންޑްގެ ސަރީނާ ވިއެގްމަން އެވެ.
ފީފާގެ ދަބެސްޓް ގޯލްކީޕަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ފްރާންސްގެ ހޫގޯ ލޮރިސް އާއި ޑެންމާކްގެ ކެސްޕާ ޝޫމެއިކަލްގެ އިތުރުން ބެލްޖިއަމްގެ ތިބައުޓް ކޯޓުއާ އެވެ.
މީގެއިތުރުން، ފީފާ ޕުސްކާސް އެވޯޑަށް ވާދަކުރާ އެންމެ ރީތި ގޯލްޖަހައިފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެއާލަށް ޗެމްޕިއަންސް ލީގުގައި ރީތި ދެގޯލް ކާމިޔާބުކޮށްދިން ރޮނާލްޑޯ އާއި ގަރެތު ބޭލްގެ އިތުރުން ވޯލްޑްކަޕްގައި ގޯލްޖެހި ކުޅުންތެރިންކަމަށްވާ އާޖެންޓީނާގެ މެސީ، ރަޝިއާގެ ޑެނިސް ޗެރިޝޭވް އާއި ފްރާންސްގެ ބެންޖަމިން ޕަވާޑް އަދި ޕޯޗުގަލްގެ ރިކާޑޯ ކުއަރެސްމާ އެވެ. މިއެވޯޑަށް ނޮމިނޭޓްވީ ކުޅުންތެރިންގެ ތެރޭގައި ގްރީސްގެ އޭއީކޭ އެތެންސް އަށް ކުޅޭ ލަޒާރޮސް ކްރިސްޓޮޑޫލޮޕޫލޮސް، ބްރެޒިލްގެ ކްރުޒެއިރޯގެ ޖިއޯޖިން ޑެ އަރަސްކައޭޓާގެ އިތުރުން އޮސްޓްރޭލިއާގެ ނިއުކާސަލް ޖެޓްސްގެ ރިލޭ މެކްގްރީ ހިމެނެއެވެ.
ފީފާ ފޭން އެވޯޑަށް ވާދަކުރަނީ ޗިލީގެ ކްލަބު ޕުއެރްޓޯ މޮންޓްގެ ސެބަސްޓިއަން ކަރޭރާ އާއި ވޯލްޑްކަޕްގައި ވާދަކުރި ޕެރޫގެ ސަޕޯޓަރުންގެ އިތުރުން ޖަޕާން އަދި ސެނަގާލްގެ ސަޕޯޓަރުންނެވެ.
މިއަހަރުގެ ފީފާ ދަބެސްޓް ފުޓްބޯލް އެވޯޑްސް ލިބޭ ފަރާތްތައް އިއުލާންކުރުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައެވެ.