ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ހަމަޖެެއްސުމަށް ފަހު، ކެމްޕޭން ކުރެއްވުމަށް އެ ޕާޓީގެ ޓީމެއް މިއަދު އައްޑު އަށް އަތުވެއްޖެ އެވެ.
މި ދަތުރުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޔާމީނާއި ޖަމީލާއި އަދި އެ ނޫން ވެސް އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހިމެނިވަޑައިގަންނަ އެވެ.
ޕީޕީއެމްގެ ޓީމް އައްޑު އަށް އައުމުން ގަން އެއާޕޯޓުން ޕީޕީއެމްގެ އައްޑޫ ސަޕޯޓަރުން މަރުހަބާ ވެސް ކިޔާފައިވެ އެވެ.
މިރޭ ޕީޕީގެ ބޮޑު ޖަލްސާއެއް "ޕީޕީއެމް ތިން ގުނަ" އިގެ ނަމުގައި ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ޖަލްސާ އޮންނާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ. މި ޖަލްސާ ދިޓީވީން ލައިވް ކުރާނެ އެވެ.
އަންނަ ހޯމަ ދުވަހާ ހަމައަށް ޕީޕީއެމް އައްޑު އަށް ކުރާ ކެމްޕޭން ދަތުރުގައި ހުޅުމީދުގައި މާދަމާ ރޭ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވެ އެވެ.
ޕީޕީއެމްގެ ފަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވެ ވަަޑައިގަންނަވާ އިބްރާހީމް ރަޝީދު ވަޖުދީ މިއަދު ވިދާޅުވީ ހިތަދު އާއި ހުޅުމީދޫގައި ޖަލްސާ ބޭއްވި ނަމަވެސް އައްޑޫގެ ހުރިހާ ރަށަކަށް ޕީޕީއެމްގެ ޓީމް ޒިޔާރަތްކޮށް މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓީމް އައްޑު އަށް ކުރާ ދަތުރުގައި ޕާޓީގެ ރައީސް މައުމޫން ހުންނަވަނީ ޝަންގްރިއްލާ ވިލިގިލި ރިސޯޓްގަ އެވެ. ރިޔާސީ ކެންޑިޑޭޓް ޔާމީނާއި ރަނިންމޭޓް ޑރ. ޖަމީލް ތިއްބަވަނީ ހިތަދޫގަ އެވެ.