Last Updated: November 23, 21:59
Sunday, November 24, 2024
ރިޕޯޓް

ވަޒީފާގެ ބިރުފަހަނަޅައި ގޮސް ފާޅުގައި ސަރުކާރާއި ދެކޮޅަށް!

އިސްކަންދަރު ސްކޫލްގެ ޓީޗަރުން ރައީސް ސޯލިހުއާ އާއި އެކު.-- ރާއްޖެއެމްވީ

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އަދި ސިވިލް ސާވަންޓުން ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ބަދަލުކުރުން ފަދަ އެތައް ކަމެއް ކުރިމަތިވެއެވެ. އަދި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ބައެއް މުވައްޒަފުންނަށް މަޖުބޫރު ކުރުމަކީ ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ވަރަށް އާއްމުވެފައިވާ ކަމެކެވެ.

ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރަން ސިވިލްސާވަންޓުންނަށް މަޖުބޫރު ކުރުން ނިމުމަކަށް ގެންނަން އެދިއެދި ތިބި އެންމެންނަށް އިސްކަންދަރު ސްކޫލްގެ ޓީޗަރުންތަކެއް މިވަނީ އުއްމީދު އާކޮށްދީފައެވެ.

އިސްކަންދަރު ސްކޫލްގައި މަސައްކަތް ކުރާ 20 އަށް ވުރެ ގިނަ ޓީޗަރުން މިވަނީ ފާޅުގައި ނިކުމެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އަށް ތާއީދުކުރާ ކަން ހާމަކޮށްފައެވެ. މިއީ މިފަހަކަށް އައިސް ސިވިލް ސާވަންޓުތަކެއް ސަރުކާރާއި ދެކޮޅަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ނިކުތް ފުރަތަމަ ފަހަރެވެ.

ޓީޗަރުންތައް ފާޅުގައި ސަރުކާރާއި ދެކޮޅުކަން ހާމަކުރި އިރު، ޕީޕީއެމް އަށް ތާއީދު ކުރާ ފަރާތްތަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވެއެވެ. އެހެން ނަމަވެސް އެ ފަރާތްތަކާއި މެދު އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ފިޔަަވަޅެއް އަޅާފައެއް ނުވެއެވެ.

އެ މިނިސްޓްރީން މިހާތަނަށް ފިޔަވަޅު އަޅާފައި ވަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާކަން ހާމަކުރި ފަރާތްތަކަށެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރުންތަކެއް އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި ބައްދަލުކުރި އިރު ވަޒީފާގެ ބިރަށް ނުތިބެ، އިސްލާހީ ހަރަކާތާއި ގުޅި، ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިބޫއާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވަނީ ގޮވާލައްވާފައެވެ.

އަދި އިދިކޮޅު ފަރާތްތަކަށް ތާޢީދުކޮށްގެން ސަރުކާރުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނެކަމަށާއި، ވަޒީފާ އެހެން ތަނަކަށް ބަދަލުކޮށްފިނަމަ، އަލުން ކުރިން އޮތް ގޮތަށް ވަޒީފާ ބަދަލުކޮށްދޭނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

ފާޅުގައި ނިކުމެ އިސްކަންދަރު ސްކޫލްގެ ޓީޗަރުންތަކެއް އިބޫ އަށް ތާއީދުކުރާކަން ހާމަކުރި އިރު، އަތޮޅުތެރޭގެ ރަށްތަކުން ވެސް ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ދަނީ އިބޫއަށް ތާއީދުކުރާކަން ހާމަކުރަން ފަށާފައެވެ.