ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ދައްކަވާ ކޮންމެ ވާހަކަފުޅަކާއި އެކު ސޯޝަލް މީޑިޔާގައި އެބޭފުޅުންނަށް ފާޑުކިޔުންތައް އަމާޒުވެއެވެ. ބައެއް ފަހަރަށް ވާހަކަ ދައްކަވާއިރު، ގޯސްކޮށް އެއްޗެއް ބުނެވިއްޖެ ނަމަ އެކަން ސޯޝަލް މީޑިޔާގައި ބޮޑު ބަހުސަކަށް ވެއެވެ.
މިހާރު އެންމެ ގަދައަށް ސޯޝަލް މީޑިޔާގައި ދެކެވެމުން ދަނީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ކެންޑިޑޭޓް ނަންބަރު އޮޅިވަޑައިގެންނެވި ވާހަކައެވެ.
ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ 1 ނަންބަރު ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިން ވެސް ކެމްޕެއިންގައި ނެރުއްވަމުން ގެންދަވާ ކަމަށާއި ތަންތަނުގައި ރޯކުރުން ނޫންކަމެއް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެހެން ވިދާޅުވުމުން، އެވަގުތު އެ ޖަލްސާގައި ބައިވެރިވި ބައެއް މީހުންގެ އިޝާރާތަށް އެމަނިކުފާނު ވަނީ އަލުން އެމަނިކުފާނު ދެއްކެވީ 2 ނަންބަރު ކެންޑިޑޭޓްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންނެވީ ރައީސް ޔާމީނަށެވެ. އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙްގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.