މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. އައްޝައިޚް އިލްޔާސް ޙުސައިން ދިރިއުޅުއްވަމުން ގެންދެވީ ޝައިޚްގެ އުފަން ރަށްކަމުގައިވާ ސ. ހިތަދޫގައެވެ. އެއީ ފުރަތަމަ ފަހަރަށް ޝައިޚާ އަޅުގަނޑު ބައްދަލުވި ފަހަރެވެ. ޝައިޚަކީ ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި ދަރުސް ދެއްވަމުން ގެންދެވި (އަދި މިހާރުވެސް މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ) ޝެއިޚުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އޭރުގެ ސަރުކާރުން ޢިލްމުވެރިންނަށް ތަފާތު ހުރަސްތަކާ ކުރިމަތި ކުރުވަމުން ގެންދެވިއިރުވެސް ޝައިޚް ގެންދެވީ ހިތްވަރާއި ޙިކުމަތާއެކު މީސްތަކުންނަށް މާތް ﷲގެ ދީން ފޯރުކޮށްދެއްވަމުންނެވެ. އެހެންކަމުން، ކޮންމެ ހަފުތާއަކުވެސް އެކި އެކި މިސްކިތްތަކުގައި ޝައިޚުގެ އަގުހުރި ނަޞޭޙަތްތައް ދިޔައީ ރައްޔިތުންނަށް ލިބެމުންނެވެ. އޭގެ އިތުރުން ސިސިލްފަރު ޙައްޖު ގްރޫޕާއެކު ކޮންމެ އަހަރަކު ޙައްޖަށާއި ޢުމްރާއަށް ގްރޫޕުގެ ފަރާތުން ވަޑައިގެން ޙައްޖުވެރިންނަށް އެމަތިވެރި އަޅުކަން އަދާކުރުމުގެ ފުރިހަމަ އިރުޝާދުތައް ދެއްވުމުގައި ދެމިހުންނެވިއެވެ. (މިހާރުވެސް ޝައިޚްދަނީ މެދުކެނޑުމެއްނެތި މިބުރަ މަސައްކަތުގައިވެސް ބައިވެރިވަމުންނެވެ.)
އެދުވަސްވަރަކީ، އަޅުގަނޑުވެސް ސ. ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދުވަސްވަރެކެވެ. އެހެނިހެން ދިވެހި ޒުވާނުންނެކޭ އަޅުގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ކުޅިވަރާއި މަޖަލަކީ އެއީ ދިރިއުޅުމުގެ މަޤްސަދެވެ. އެވާހަކަ މާދިގު ނުކުރާނަމެވެ. ނަމަވެސް، މަރުވެފައިވާ ވަރަށް ގިނަ ހިތްތަކަށް، ޝައިޚް އިލްޔާސްގެ ދަރުސްތަކުން ދިރުން ލިބިގެން ދިޔަފަދައިން، އަޅުގަނޑުގެ މަރުވެފައިވާ ހިތަށްވެސް ދިރުން ލިބި އައު ވިންދުތަކެއް ޖަހަން ފެށިއެވެ.
އިސްލާމްދީނުގެ ފުރިހަމަކަމާއި މަތިވެރިކަން ދުވަހަކުވެސް އަޑުނީވޭފަދަ ދަރުސްތަކެއްގެ ގޮތުގައި ކަންފަތަށް އޮހެމުން ދިޔައެވެ. މުސްލިމުންގެ އަޚްލާޤާއި ކީރިތި ރަސޫލާ صلى الله عليه وسلمގެ މާތްވި ސުންނަތަށް އަޅުގަނޑުމެން ޣާފިލުވެފައިވާ މިންވަރު ފުރަތަމަ ފަހަރަށް އިޙްސާސްވާން ފެށިއެވެ. މަތިވެރި ސުންނަތަށް ލޯބިޖެހެން ފެށިއެވެ. މައިންބަފައިންގެ ހައްޤު މަޤާމަކީ ކޮބައިކަން އެނގެން ފެށިއެވެ. ނަމާދު މުހިންމުކަމާއި ދޫކޮށްލުމުން ހުރި ނުރައްކަލުގެ ވާހަކަތައް ފުރަތަމަ ފަހަރަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންވެގެން ދިޔައެވެ. ޝައިޚްގެ ދަރުސްތައް ވަރަށް ކުރެވެ. ކުރުވެފައި އެހާމެ ފޮންޏެވެ.
އެހެންކަމުން، ޙަޔާތަށް އައި އާރޯކަމާއެކު، އިޚްލާޞްތެރިކަމާއެކު ޖަހަންފެށި ސަޖިދަތަކުގައި ފޮނި ރަހަ ދޭން ފެށިއެވެ. މެޔަށް ފިނިކަން ލިބިގެން ދިޔައެވެ. މާތް ﷲ ގެ ވަޙީބަސްފުޅުގައިވާފަދައިންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
ދުވަސްވަރަކީ، ބަރާބަރަށް ނަމާދަށް މީހަކު ދާނަމަ، “ވައްހާބީގެ” ލަޤަބު ލިބެމުންދިޔަ ދުވަސްވަރެވެ. ފުރައްސާރަކުރުމާއި މަލާމާތުގެ ޝިކާރައަކަށް ނުވާގޮތަކަށް މީހަކަށް މާތް ޞާޙިބާގެ މަތިވެރި ސުންނަތްތަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އެގޮތުން އަޅުގަނޑާވެސް ގިނަގުނަ ފުރައްސާރަތަކާ ދިމާވިއެވެ. ނަމަވެސް، އެވާހަކަ ނުދައްކާނަމެވެ.
ޝައިޚް ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. ”އަހަންނަށް ކަމުދަނީ ރަސޫލު ސްޓައިލެވެ. ރޮނާލްޑޯ ސްޓައިލެއް ނޫނެވެ.” ޝައިޚްގެ މި ބަސްފުޅަކީ ސަމާސާ މިޒާޖުގެ ބަސްފުޅެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން، އަލަށް ދީނީ ކަންކަމަށް ލޯބިޖެހި ސުންނަތަށް ދިރިގެން އައި ޒުވާނުންނަށް އެއީ ޙިކުމަތުން ފުރިގެންވާ ބަސްކޮޅެކެވެ.
ޝައިޚަކީ ވަރަށް އޯގާތެރި އަދި ރަޙުމަތްތެރިވެސް ޝައިޚެކެވެ. އެހެންކަމުން، މިސްކިތުގައި އޮންނަ ދަރުސްތައް ނިމުމަށްފަހުވެސް އަޅުގަނޑުމެން ކަހަލަ ޒުވާނުންނަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަވައި އަޅުގަނޑުމެންނާއެކު އަގުހުރި ވަޤުތުކޮޅެއް ހޭދަކުރައްވައެވެ. އެގޮތުން ޝައިޚް ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. “އަހަންނަށް ކަމުދަނީ ރަސޫލު ސްޓައިލެވެ. ރޮނާލްޑޯ ސްޓައިލެއް ނޫނެވެ.” ޝައިޚްގެ މި ބަސްފުޅަކީ ސަމާސާ މިޒާޖުގެ ބަސްފުޅެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން، އަލަށް ދީނީ ކަންކަމަށް ލޯބިޖެހި ސުންނަތަށް ދިރިގެން އައި ޒުވާނުންނަށް އެއީ ޙިކުމަތުން ފުރިގެންވާ ބަސްކޮޅެކެވެ. އެއީ އެކުދިންނަށް މީސްތަކުން ކުރަމުން އަންނަ ފުރައްސާރައިގެ އަލިފާން ނިއްވާލައި އެކުދިންގެ ހިތްތަކަށް ހަމަޖެހުން ގެނުވާ ބަސްކޮޅެކެވެ.
އެހެންކަމުން، ޝައިޚް ކައިރީގައި ތަރުބިއްޔަތު ވަމުން އައި ޒުވާނުންނަކީ ނުގުޑާފަދަ އަޤީދާއެއްގެ މަތީގައި ބިންގާއެޅިގެން ދިޔަ ޒުވާނުންކޮޅެކެވެ. ގިނަ ޒުވާނުންނަކީ މިހާރު ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީ ތަކުން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ޒުވާނުންނެވެ. އޭގެތެރެއިން ދީނީ ތައުލީމު ޙާސިލުކުރަމުންދާ ކުދިން ގިނަކަން ފާހަގަކޮށްލެވެއެވެ.
މުސްތަޤުބަލުގައި ދަޢުވަތުގެ މައިދާނުގައި އެކުދިންގެ ޙަރަކާތްތަށް ފެނިގެންދާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. އެކުދިންގެ ހެޔޮ އަޘަރު އުންމަތުގައި، އިންޝާﷲ ޖެހިގެންދާނެއެވެ. އެއީ ޝައިޚް އިންދި ގަސްތަކުގެ ފޮނި މޭވާއެވެ. ވުމާއެކު، ޝައިޚްގެ މަތިވެރި ޖިހާދުގެ އަޘަރަކީ ދިވެހި އުންމަތުން ފޮހެވޭނެ އެއްޗެއް ނޫނެވެ.
ޝައިޚްގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި އެންމެ ފުރިހަމަ ޖަޒާއިން ޖަޒާދެއްވާފާނދޭވެ. އަދި ޝައިޚްގެ މަތިވެރި ޖިހާދުގެ އަޘަރު އުންމަތުގައި ތާއަބަދު ލައްވައިފާނދޭވެ. އާމީން!
(ނޯޓް: މިލިޔުމުގައި މިވަނީ އަޅުގަނޑުގެ ހިތުގައި ޝައިޚަށްޓަކައި އުތުރިއަރަމުންދާ ބައެއް އިޚްލާޞްތެރި ޝޫޢުރުތަކެވެ. އެއްވެސް ޙާލެއްގައި ޝައިޚްގެ ބުރަމަސައްކަތަށް ހައްޤުވާ ފަދަ ދަރަޖައަކާ ކައިރިއަށްވެސް މިލިޔުމުގައި އަލިއަޅުވާލެވިފައެއް ނުވާނެއެވެ. ޝައިޚްގެ މަސައްކަތަކީ ލިޔުމެއް ސިފައިގައި ބަޔާންކޮށްދެވޭ ވަރަށްވުރެ މާބުރަ ޖިހާދެކެވެ.)
މިއީ ދި އިސްލާމް ވެބްސައިޓަށް އައްޝައިޚް ޝަފީޢު އަބްދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމަށް އައްޑޫލައިވް އިން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.