Last Updated: November 27, 06:09
Wednesday, November 27, 2024
ކުޅިވަރު

ބާސާއިން ޕޮގްބާ އަށް މަރުހަބާ ކިޔާނެ: ސުއަރޭޒް

ފްރާންސްގެ ޕައުލް ޕޮގްބާ (ވ) ޔުވެންޓަސް އަށް ކުޅުން ދުވަސްވަރު ބާސެލޯނާގެ ލުއިސް ސުއަރޭޒް (ކ) އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އަބަދުވެސް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އަށް މަރުހަބާ ކިޔާނެ ކަމަށް އެޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ސުއަރޭޒްގެ އިތުރުން ބާސާގެ ޑިފެންޑަރު ޖެރަޑް ޕީކޭ ވެސް ދާދިފަހުން ވަނީ އެޓީމަށް ޕޮގްބާ އަތުވެއްޖެނަމަ އެކަމާއި ވަރަށް އުފާވެ މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ.

"ޕޮގްބާ އަކީ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއް." ކެޓަލާންގެ ރޭޑިއޯ ސްޓޭޝަނެއްކަމަށްވާ ރެކް ވަން އަށް ދިން އިންޓަވިއުގައި ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް އިތުރަށް ބުނިގޮތުގައި ޕޮގްބާ އަކީ ޔުނައިޓެޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށާއި އޭނާ އަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއްކަމަށެވެ.

"އަހަރެންނަށް ހީވަނީ މިހާރަށްވުރެ ވާދަވެރި ޓީމެއްގައި ހުރެ ބޮޑެތި މުބާރާތްތަކުގައި ކުޅެ އިތުރު ކާމިޔާބީ ހޯދަން އޭނާ ބޭނުންވާނެހެން. އެކަމަކު، އޭނާ އަކީ ބާސާގެ ކުޅުންތެރިއެއް ނޫން. އެހެންނަމަވެސް އަހަރެމެން އަބަދުވެސް އޭނާ އަށް މަރުހަބާ ކިޔާނަން." ސުއަރޭޒް ބުންޏެވެ.

ޕޮގްބާ އެހެން ޓީމަކަށް ބަދަލުވާނެކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިދިޔަ އޯގަސްޓްމަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ، ފްރާންސްގެ ޤައުމީޓީމާއިއެކު ޕޮގްބާ ކުޅޭ މޮޅު ކުޅުން ޔުނައިޓެޑްގައި ނުދެއްކޭ ކަމަށް ބުނެ ފާޑުކިއުމުންނެވެ.

ބާސާއިން ވަނީ މީގެކުރީން 2015 ވަނަ އަހަރު ޕޮގްބާ ގެންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ޕޮގްބާގެ އޭރުގެ ކްލަބު ޔުވެންޓަސް އިން ވަނީ ވިއްކުމަށް ދެކޮޅުހަދާފައެވެ. އޭގެފަހުން، އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި، ބާސާގެ މިހާރުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވަނީ ޕޮގްބާ ގެންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ބާސާއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިޑްފީލްޑަށްކުޅޭ ދެކުޅުންތެރިންކަމުގައިވާ އާތަރ މެލޯ އާއި އަތުރޯ ވިޑާލް ގެނައުމުން ޕޮގްބާ ގެނައުމަށް އެޓީމަށް އިތުރަށް ބޮޑު ހަރަދެއް ކުރުމުގެ ދޮރު ބަންދުވީއެވެ.

ޕޮގްބާ އާއެކު ފްރާންސްގެ ޤައުމީޓީމަށް ކުޅެމުން އަންނަ އެންޓޮއިން ގްރީޒްމަން ގެންދަން ބާސާއިން މީގެކުރިން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، ގްރީޒްމަން ވަނީ ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ޒަރިއްޔާއިން ބާސާގެ ހުށަހެޅުމަށް ފުރަގަސްދީ، އެތުލެޓިކޯ މެޑްރިޑްގައި މަޑުކުރުމަށް ނިންމިކަން އިއުލާންކޮށްފައެވެ.