136 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގައި ޖައްސައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު ބުނި ގޮތުގައި ވީއައިއޭގެ އާ ރަންވޭގައި އެއާ އިންޑިޔާގެ ފްލައިޓް ޖެއްސީ ޕައިލެޓަށް އޮޅިގެން ކަމަށެވެ.
ވީއޭއައިގެ އާ ރަންވޭގައި އެއާ އިންޑިޔާގެ ފްލައިޓް ޖެއްސި އިރު އެ ރަންވޭ އަދި ރަސްމީކޮށް ނުހުޅުވައެވެ. އާ ރަންވޭގައި މަސައްކަތް ކުރަމުން ދަނިކޮށް ފްލައިޓް ޖެއްސި ނަމަވެސް މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ފްލައިޓްގެ ފުރޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
މި މައްސަލައާއި ގުޅިގެން ފްލައިޓްގެ ކެޕްޓަނާއި ކޯޕައިލެޓް ވަގުތީ ގޮތުން ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ.
މިއީ ސީރިއަސް މައްސަލައެއް ކަމުން މި މައްސަލަ ވަނީ މިހާރު އެއާކްރާފްޓް އެކްސިޑެން އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އަށް ވެސް ރިޕޯޓްކޮށްފަ އެވެ. އަދި އެ ފްލައިޓްގެ ދެ ޕައިލަޓުން ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ. އެ ޕައިލަޓުންނަށް ދެން ދަތުުރު ކުރުމުގެ ހުއްދަ ދޭނީ އެ ތަޙްޤީޤަށް ފަހު އެމީހުންގެ އިހުމާލެއް ނެތް ކަމަށް ތަޙްޤީޤަށް ސާބިތުވެއްޖެނަމައެވެ.
އިއްޔެ މެންދުރު ވީއައިއޭގެ އާ ރަންވޭގައި ޖެއްސި އެ ފްލައިޓް ދަތުރުކުރަމުން އައީ އިންޑިއާގެ ތިރުވަނަންތަޕޫރަމް އިންނެވެ.