ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި މިއަދު ހަވީރު ސްރީ ލަންކާ އާއި ދެކޮޅަށް ކުޅެ 0-0 ގެ ނަތީޖާއަކުން އެއްވަރުވުމުން އެގްރޫޕުގައި ހިމެނޭ އިންޑިޔާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ނަތީޖާއާ އެކު ގްރޫޕް ބީ ގައި މިހާތަނަށް ކޮންމެ ޓީމެއް އެއްމެޗު ކުޅެފައިވާއިރު ތާވަލްގެ އެންމެ ކުރީގައި އުޅޭ އިންޑިޔާ އަށް 3 ޕޮއިންޓް ލިބިފައިވާއިރު ރާއްޖެ އާއި ލަންކާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ފައިދާ ގޯލްގެ ތަފާތުން މިވަގުތު ރާއްޖެ ދެވަނައިގައި އޮތް އިރު އަންނަ ހޯމަ ދުވަހު އިންޑިޔާ އާ ދެކޮޅަށް ކުޅޭ މެޗުން އެއްވަރުކޮށް، ނުވަތަ މޮޅުވެގެން ސެމީ ފައިނަލުގެ ޖާގައެއް ރާއްޖެ އަށް ކަށަވަރު ކުރެވޭނެއެވެ. މީގެއިތުރުން، ދެލަނޑަށްވުރެ ކުޑަ ފަރަގުން އިންޑިޔާ އަތުން ބަލިވެގެންވެސް ރާއްޖެއަށް ސެމީ އަށް ދެވޭނެއެވެ.
ލަންކާއިން މިމެޗަށް ނިކުތީ އެޓީމު އެންމެ ފަހުން އިންޑިޔާ އަތުން ބަލިވި މެޗުގައި ކުޅުނު ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. ނަމަވެސް ރާއްޖޭގެ ޓީމުގެ ކޯޗް ޕީޓާ ސެގަޓް ނެރެފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައިވެސް ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ރާއްޖޭގެ ފަރާތުން މިމެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ތިންވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅަ ޓީސީ އަށް ކުޅޭ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ފޮނުވާލި ނަމަވެސް ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑްނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އަލީ ފާސިރު (ސެންޓޭ) އަށެވެ. ހިލޭޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
އޭގެފަހުން، ރާއްޖޭ ޓީމުގެ ދާދު އާއި ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީވެސް ލަންކާގެ ކީޕަރު ސުޖަން އެވެ.
މެޗްގެ 21 ވަނަ މިނިޓްގައި ލަންކާގެ އަސޭލަ މަދުޝަން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. އޭގެ ފަސްމިނެޓުފަހުން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކުރި ފުރުޞަތަކުން ދާދު އަށް ލިބުނު ބޯޅަ ފޮނުވާލުމުންވެސް ސުޖަން ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ލަންކާ އިން ދެވަނަ ހާފު ފެށީ ކުރިއަށް ވުރެ އެޓޭކަށް އިސްކަންދީގެންނެވެ. އެގޮތުން، ލަންކާގެ އާސިިިކުއްރަހުމާނާއި މުހައްމަދު ފަޒާލް އަށް ރަނގަޅު ދެފުރުޞަތެއްލިބި ފޮނުވާލި ދެ ބޯޅަ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގެ ވަކި ހިސާބަކުން، ރާއްޖޭގެ ކޯޗު ސެގާޓް ވަނީ ހަމްޕު އާއި ދާދުގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) ކުޅެން ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުޅުންތެރިންގެ ހަލުވި ދުވެލީގެ ސަބަބުން ލަންކާ އަށް ކޮންމެވެސް ވަރަކަށް މައްސަލަތައް ކުރިމަތިކުރުވިއެވެ.
ލަންކާއިން މުޅި މިމެޗްގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތު މެޗުގެ 82 ވަނަ މިނިޓްގައި އަސޭލަ މަދުޝަން އަށް ލިބުނުއިރު ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް މަތަކުރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ލަންކާގެ ކަވިންދު ފޮނުވާލުމުންވެސް ފައިސަލް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
އޭގެ ތިން މިނެޓުފަހުން ރާއްޖޭގެ ޓީމުގެ ބޮބީ ވަނީ ލަނޑެއް ޖަހައިފައެވެ. ނަމަވެސް ފޭދޫ އިއްބެ ތަނަވަސްކުރި ފުރުޞަތަކުން ބޮބީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން ރެފްރީ އެލަނޑު ޤަބޫލެއްނުކުރިއެވެ.
އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި ފޭދޫ އިއްބެ އަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސުޖަން ވަނީ މަތަކޮށްފައެވެ.
ސާފް ސުޒުކީ ކަޕްގެ ގްރޫޕް އޭ ގައި އިއްޔެ ކުޅުނު މެޗުތަކުން ބަންގްލަދޭޝް އާއި ނޭޕާލް ވަނީ މޮޅުވެފައެވެ. ޕާކިސްތާނު އަތުން 1-0 އިން ބަންގްލަދޭޝް މޮޅުވިއިރު ނޭޕާލް ވަނީ 4-0 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ.
މިމުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި މާލޭގަޑިން 15:00 ގައި ބޫޓާނާއި ޕާކިސްތާން ބައްދަލުކުރާއިރު ފަހު މެޗުގައި ނޭޕާލާއި ދެކޮޅަށް ބަންގްލަދޭޝް ނިކުންނާނީ މާލޭގަޑިން 18:00 ގައެވެ.