Last Updated: November 27, 08:46
Wednesday, November 27, 2024
ކުޅިވަރު

ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިނާއި ސްވިޒަލޭންޑް މޮޅަކުން ފަށައިފި

އިންގްލެންޑް ކޮޅަށް ސްޕެއިނުން އެއްވަރުކުރި ލަނޑު ވައްދާލުމަށްފަހު ސައުލް ނިގުއޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑް އަތުން ސްޕެއިން މޮޅުވިއިރު ސްވިޒަލޭންޑް ވަނީ ފަސޭހަކަމާއިއެކު އައިސްލޭންޑް ބަލިކޮށްފައެވެ.

އެންމެފަހުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ކުޅުނު އިންގްލެންޑާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުން މޮޅުވީ 2-1 އިންނެވެ. ދާދިފަހުން ސްޕެއިނުގެ ޤައުމީ ޓީމުން ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާ ޑޭވިޑް ސިލްވާ އަދި ޖެރަޑް ޕީކޭ ނެތި އެޓީމު ކުޅުނު މިމެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ނުކުޅެއެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވާ ކުޅުންތެރިންގެ ތެރޭގައި އިއާގޯ އަސްޕާސް އާއި ރޮޑްރިގޯ މޮރޭނޯގެ އިތުރުން ނާޗޯ ފެނާންޑޭޒް ހިމެނެއެވެ. މީގެއިތުރުން، މިފަހަރުގެ ސްކޮޑުން ޖާގަ ނުލިބުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ބާސެލޯނާގެ ފުލްބެކް ޖޯޑީ އަލްބާއެވެ. އިންގްލެންޑްގެ ރަހީމް ސްޓާލިން އަދި އެޑަމް ލަލާނާ ވެސް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ނޭޝަންސް ލީގު އޭގެ ގްރޫޕް ހަތަރެއްގައި ކުޅުނު މިމެޗުގެ 11 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑްނަގައިދިނީ ލޫކް ޝޯ ތަނަވަސްކުރި ފުރުޞަތަކުން މާކަސް ރަޝްފޯޑް އެވެ.

އޭގެ ދެމިނެޓުފަހުން ސްޕެއިނަށް އެއްވަރުކޮށްދިނީ ސައުލް ނިގުއޭޒް އެވެ. މިއީ އެޓީމުގެ ރޮޑްރީގޯ މޮރޭނޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލަނޑުޖެހުމަށް ލިބުނު ދެފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަތައް ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކޮށްފައެވެ.

އިންގްލެންޑާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ޑޭވިޑް ޑެހެއާ، ގޯލް ކުރިމަތިން ޖެހުމެއް ފޮނުވާލަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

އިންގްލެންޑަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 32 ވަނަ މިނެޓުގައި ސްޕެއިނުން ފުރަތަމަ ފަހަރަށް ލީޑް ނެގުމެވެ. ތިއާގޯ އަލްކަންޓާރާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލީ ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑްގެ ރަޝްފޯޑަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ސްޕެއިނުގެ ކީޕަރު ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

އޭގެފަހުން، ސްޕެއިނުގެ ސައުލް އަށް އެޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ސްޕެއިން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިންގްލެންޑްގެ ފުލްބެކް ލޫކް ޝޯގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޓޮޓެންހަމް ހޮޓްސްޕާގެ ޑެނީ ރޯސް އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ސްޕެއިނުގެ ލީޑް ފުޅާކުރުމަށް ސައުލް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

އޭގެފަހުން އިންގްލެންޑްގެ ހެރީ މެގުއަޔާ އަދި ރަޝްފޯޑް ފޮނުވާލި ހަމަލާތައް ސްޕެއިނުގެ ކީޕަރު ޑެހެއާ މަތަކުރިއިރު ހެރީ ކޭން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ސްޕެއިނުގެ އިސްކޯ (މ) އަތުން ބޯޅަ ހޯދަން އިންގްލެންޑްގެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ ފުރިހަމަ ވަގުތުހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގައި ސްޕެއިނުގެ ލީޑް ފުޅާކުރުމަށް ސާޖިއޯ ރާމޯސް އާއި ރޮޑްރިގޯ މޮރޭނޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

އިންގްލެންޑްގެ ޑެނީ ވެލްބެކް މެޗުގެ އިތުރުވަގުތުގެ ފަހުކޮޅު ލަނޑެއް ކާމިޔާބުކުރިއެވެ. މިއީ ސްޕެއިނުގެ ކެޕްޓަން ރާމޯސް ދިފާއުކުރަން އުޅުމުގެ ތެރޭގައި މައްޗަށް އެރި ބޯޅަ ޑެހެއާ ސަލާމަތްކުރަން މަސައްކަތްކުރުމުން އޭނާގެ އަތުން ބޯޅަ ދޫވެ ކުރިމަތީގައި ހުރި ވެލްބެކްގެ ގަައިގަ ޖެހިފައި ވެއްޓުނު ވަގުތު އޭނާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ފެންނަ ފެނުމަށް މިގޯލް ޖެހުމުގެ ކުރީން ވެލްބެކް ފައުލްކޮށްފައިނުވީނަމަވެސް ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމައިފައެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ސްވިޒަލޭންޑް ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އައިސްލޭންޑް އަތުން މޮޅުވެފައެވެ. މިމެޗުގައި ސްވިޒަލޭންޑްގެ ލަނޑުތައް ޖަހައިދިނީ ސްޓީވެން ޒޫބާ، ޑެނިސް ޒަކަރިއާ، ހަރިސް ސެފަރޮވިޗް، އަލްބިއަން އަޖެޓް އަދި އަޑްމިރް މެހްމެދީ އެވެ. ސްވިޒަލޭންޑްގެ ތިންވަނަ ލަނޑަކީ އައިސްލޭންޑްގެ ބިރްކިރް ޔާނަސަން އަތުން ބައިކޮޅަށްވަން ގޯލެކެވެ.

ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފިންލޭންޑް އަތުން 1-0 އިން ހަންގޭރީ ބަލިވިއިރު އެސްޓޯނިއާ އަތުން ގްރީސް މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ނޯދަން އަޔަލެންޑް އަތުން 2-1 އިން ބޮސްނިއާ އެންޑް ހާޒެގޮވީނާ މޮޅުވިއިރު ސަން މަރީނޯ ވަނީ 5-0 ގެ ނަތީޖާއަކުން ބެލާރުސް އަތުން ބަލިވެފައެވެ. މީގެއިތުރުން، ލަގްޒެމްބޯގް ވަނީ 4-0 އިން މޮލްޑޯވާ ބަލިކޮށްފައެވެ.