Last Updated: November 27, 08:48
Wednesday, November 27, 2024
ކުޅިވަރު

ޔޫއެފާ ނޭޝަންސް ލީގު: ހޮލެންޑް އަތުން ފްރާންސް މޮޅުވިއިރު ވޭލްސް ބަލިވެއްޖެ

ހޮލެންޑް ކޮޅަށް ފްރާންސްގެ ދެވަނަ ލަނޑު ޖެހުމަށްފަހު އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ހޮލެންޑް އަތުން ފްރާންސް މޮޅުވިއިރު ޑެންމާކް އަތުން ވޭލްސް ބަލިވެއްޖެއެވެ.

ފްރާންސް މޮޅުވީ އަމިއްލަ ދަނޑުގައި ހޮލެންޑާއި ވާދަކޮށް 2-1 އިންނެވެ. ޑެންމާކް އަތުން ވޭލްސް ބަލިވީ 2-0 އިންނެވެ.

ފްރާންސްގެ ސެއިންޓް ޑެނިސްގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މިމެޗަށް ފްރާންސް ނިކުތްއިރު އެޓީމު އެންމެ ފަހުން މިމުބާރާތުގައި ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ހޮލެންޑުން މިމެޗަށް ނިކުތީ އެޓީމު އެންމެ ފަހުން ޕެރޫ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކެވިން ސްޓްރޫޓްމަން އާއި ރޫޑް ވޯމާގެ އިތުރުން ވެސްލީ ޝްނައިޑާގެ ބަދަލުގައި ޑޭވީ ޕްރޮޕާ އާއި ފްރެންކީ ޑެ ޖޮންގް އަދި ކުއިންސީ ޕްރޯމްސް ހިމަނައިގެންނެވެ. ހޮލެންޑްގެ އިތުބާރު މިޑްފީލްޑަރު ޝްނެއިޑާ ކުޅުން ހުއްޓާލައިފައިވާއިރު ވޯމާ އާއި ސްޓްރޫޓްމަން ތިބީ ބެންޗުގައެވެ.

މިމެޗު ފެށިގެން ފްރާންސުން ޑޮމިނޭޓް ކުރަމުން ގޮސް މެޗުގެ ކުރީކޮޅު ކިލިއަން އެމްބާޕޭ އާއި ލޫކަސް ހެނާންޑޭޒް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ބޯޅަތައް ހޮލެންޑްގެ ގޯލްކީޕަރު ޖެސްޕާ ސިލެސަން ވަނީ މަތަކޮށްފައެވެ.

މިމެޗުގައި ފްރާންސުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިދިނީ 14 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. މިއީ ހޮލެންޑްގެ ޕްރޯމްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބްލައިޒް މަޓުއިޑީ ތަނަވަސްކުރި ފުރުޞަތަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަސްމިނެޓުފަހުން، ފްރާންސްގެ އެންޓޮއިން ގްރީޒްމަން ދިން ވަރަށް ރީތި ޕާހަކުން ޕެނަލްޓީއޭރިޔާގައި ހުހަށްހުރި ލޫކަސް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ހޮލެންޑް ކޮޅަށް ފްރާންސްގެ ދެވަނަ ލަނޑުޖެހުމަށްފަހު އޮލިވިއޭ ޖިރޫ އުފާ ފާޅުކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، ފްރާންސްގެ އޮލިވިއޭ ޖިރޫ އާއި ސެމުއެލް އުމްޓީޓީ ބޮލުން ފޮނުވާލި ހަމަލާތައް ހޮލެންޑްގެ ކީޕަރު ސިލެސަން ވަނީ މަތަކޮށްފައެވެ. މިހާފު ނިމުނީ 1-0 އިން ފްރާންސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން، ހޮލެންޑުން ކުޅުން ރަނގަޅު ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ރަޔާން ބަބެލް އެވެ. މިއީ އެޓީމުގެ ކެނީ ޓޭޓޭ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ދެމިނެޓުފަހުން، ހޮލެންޑްގެ މެމްފިސް ޑިޕޭ އަށް ވަނީ އެޓީމަށް ލީޑް ނަގައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޖޯޖީނިއޯ ވައިނަލްޑަމް ތަނަވަސްކުރި ފުރުޞަތަކުން ޑިޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ފްރާންސް މޮޅުކޮށްދިނީ ޖިރޫ އެވެ. މިއީ ދެވަނަ ހާފުގައި ކުޅުން ނިކުތް ބެންޖަމިން މެންޑީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ޖިރޫ އެއްފަހަރަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެފަހުން، ހޮލެންޑަށް އެއްވަރުކުރުމަށް ލިބުނު ފުރުޞަތުތަކުގައި ވޯމާ ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރު އަލްފޮންސޯ އަރެއޯލާ މަތަކުރިއިރު ޑިޕޭ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޓޭޑިއަމުގައި ރޭ ހޯދި މޮޅަށް ފަހު، ދަނޑަށް އެއްވެ ތިބި އަށްޑިހަ ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ވޯލްޑްކަޕްގެ ޓްރޮފީ އާއެކު އެޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މިމުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ލީގު ބީގެ ގްރޫޕް 4 ގައި ހިމެނޭ ޑެންމާކް އަތުން 2-0 އިން ވޭލްސް ބަލިވިއިރު ކްރިސްޓިއަން އެރިކްސަން ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ.

ވޭލްސް އާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރިސްޓިއަން އެރިކްސަން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ޑެންމާކްގެ އާރހަސް ސްޓޭޑިއޯންގައި ކުޅުނު މިމެޗުގައި ޑެންމާކުން ލީޑް ނެގީ 32 ވަނަ މިނެޓުގައި ހެންރިކް ޑަލްސްގާޑް ދިން ބޯޅައަކުން އެރިކްސަން އެވެ.

މިހާފުގައި ގަރެތު ބޭލް އަދި އާރޮން ރަމްސީ ހިމެނޭ ވޭލްސް އަށް ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޑެންމާކް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޑެންމާކް އިން ވޭލްސްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައިވެއެވެ. އެގޮތުން، އެޓީމުގެ ޔޫސުފް ޕޯލްސެން ފޮނުވާލި ބޯޅަ އެއް ވޭލްސްގެ ގޯލްކީޕަރު ވޭން ހެނަސީ މަތަކުރިއިރު މާޓިން ބްރެއިތުވެއިޓަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ވޭލްސްގެ އީތަން އަމްޕަޑޫ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް އެރިކްސަން ވަނީ ޑެންމާކަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްލޮވޭކިއާ އަތުން 1-0 އިން ޔޫކްރެއިން މޮޅުވިއިރު ބަލްގޭރިއާ އަތުން ނޯވޭ ބަލިވީވެސް ހަމަ މިނަތީޖާއިންނެވެ. މީގެއިތުރުން، ލެޓްވިއާގެ މައްޗަށް ޖޯޖިއާ ކުރިހޯދީވެސް 1-0 ގެ ނަތީޖާއަކުންނެވެ. ސައިޕްރަސް އަތުން 2-0 އިން ސްލޮވީނިއާ ބަލިވިއިރު އާމީނިއާ އަތުން މެސެޑޯނިއާ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ޖިބްރާލްޓާ އަތުން ލީޗްޓެންސްޓެއިން މޮޅުވީވެސް 2-0 އިންނެވެ.