އައްޑުއަކީ ރާއްޖޭގެ މުގޫ ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި އައްޑޫގެ ތަރައްގީ އަށް ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގާފައި ވާނެ ކަމަށް ޕީޕީއެމްގެ ރައީސް މަައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި "ޕީޕީއެމް ތިން ގުނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ޗާޓް އޮތް ގޮތަށް ބަލާ އިރު އައްޑުއަކީ އެމުނާލެވިފައިވާ ހާރުގެ އެންމެ ފުުލުގައި އޮތް، ރާއްޖޭގެ މުގޫގެ ގޮތުގައި ބެލެވޭ އަތޮޅު ކަމަށެވެ. އަދި އާބާދީގެ ގޮތުން ބެލިއަސް އައްޑުއަކީ ފާހަގަކޮށްލެވޭ އަތޮޅެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ވާރޭ ތެރޭގައި ވާހަކަ ދައްކަވަމުން މައުމޫން އިތުރަށް ވިދާޅުވީ އައްޑުއަކީ އަބަދުވެސް އެ މަނިކުފާނިގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ހާއްސަ އަތޮޅެއް ކަމަށެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެއީ ގާބިލް، އަމާނާތްތެރި އަދި މުރާލި ދެ ބޭފުޅުން ކަމަށެވެ.
އެހެންކަމުން އެ ތިން ސިފައިގެ ފެށޭ އަކުރި ގުޅުވާލުން ރަމްޒުކޮށް ދެނީ "ގައުމު" ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން ރަމްޒުކޮށް ދެނީ ގައުމު ކަމަށް 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ދެ ބޭފުޅުންނާ އެކު ޕީޕީއެމް އިންތިހާބް ކާމިޔާބްކޮށް، އައްޑޫގެ ތަރައްގީ އަށް ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.