Last Updated: November 27, 06:09
Wednesday, November 27, 2024
ކުޅިވަރު

ޕޯޗުގަލް އާ ދެކޮޅަށް ކުޅޭ އިޓަލީގެ ސްކޮޑުން ބަލޮޓެއްލީ ބާކީކޮށްފި

އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެއްލީ (މ) އަތުން ބޯޅަ ހޯދަން ޕޮލެންޑްގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ނޭޝަންސް ލީގުގައި މިދިޔަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ޕޮލެންޑާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވުމުން އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެއްލީ އެމެޗުގައި ދެއްކި ކުޅުމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު ޕޯޗުގަލް އާ ދެކޮޅަށް އެޓީމު ކުޅުމަށް ހަމަޖެހިފައިވާ މުހިއްމު މެޗަށް ކޯޗު ރޮބާޓޯ މަންޗިނީ ނެގި 23 ކުޅުންތެރިންގެ ސްކޮޑުން އޭނާ ބާކީކޮށްފިއެވެ.

އިޓަލީގެ ބޮލޯނިއާގައި ޕޮލަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ބަލޮޓެއްލީގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. ނަމަވެސް، ކޯޗު މަންޗިނީ ވަނީ ބަލޮޓެއްލީގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. ބެލެވޭގޮތުގައި ބަލޮޓެއްލީގެ ބަދަލުގައި އިޓަލީގެ ފޯވާޑްލައިންގައި މިރޭގެ މެޗުގައި ކުޅުމުގެ ފުރުޞަތު ދޭނީ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޯބިލޭ އަށެވެ.

"ކޮންމެ ކުޅުންތެރިއަކަށްވެސް މެޗެއްގައި ދަށްކޮށް ކުޅެވިދާނެ. މޮޅު ކުޅުމެއް ދައްކައިފިނަމަ އެންމެންގެ ތައުރީފާއި ސާބަސް ލިބޭނެ، ހަމައެގޮތަށް ދަށްކުޅުމެއް ފެނިއްޖެނަމަ ފާޑުކިއުންތަކާއި ކުރިމަތިލާންޖެހޭނެ. އެއީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށްވެސް ދިމާވާނެ ކަމެއް. އަހަރެން ކަންބޮޑެއްނުވޭ." މަންޗިނީ ބުންޏެވެ.

ޕޯޗުގަލް އާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެ ކަމަށް ބެލެވޭ އެއްކުޅުންތެރިއަކީ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެޑެރީކޯ ޗީއޭސާ އެވެ. އޭނާ ވަނީ އެމެޗުގައި އިޓަލީއިން އެއްވަރުކުރި ޕެނަލްޓީ ހޯދައިދީފައެވެ.

"ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗަކީ އަހަރެމެން ކުޅުނު ވާދަވެރި ފުރަތަމަ މެޗަށްވާއިރު އެއީ ތިން ޕޮއިންޓް ކޮންމެހެން ހޯދަން މަޖުބޫރުވި މެޗެއް. އަހަރެން އުއްމީދުކުރަނީ ކުރިއަށް އޮތްތާނގައި ރަނގަޅު ފޯމިއުލާ ހޯދޭނެ." އޭނާ ބުންޏެވެ.

"މިހާރަށް ވުރެ ހެދޭ މިސްޓޭކްތައް މަދުކޮށް އިތުރަށް ފަރުވާތެރިވާންޖެހޭ. މީގެއިތުރުން އިދިކޮޅު ޓީމުގެ އޭރިޔާތެރެއަށް ވަދެ ގިނަ އެޓޭކްތައް ކުރަންޖެހޭ." މަންޗިނީ ބުންޏެވެ.

ޕޯޗުގަލް އާ ދެކޮޅަށް ނިކުތުމުގެ ކުރީން އިޓަލީގެ ކުޅުންތެރިން ފަހުގެ ތަމްރީންތަކުގައި. –ފޮޓޯ: ގެޓީ އިމޭޖަސް

ބަލޮޓެއްލީގެ އިތުރުން އިޓަލީގެ ސްކޮޑުން ބާކީ ކުރި ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސްގެ ޑެނިއަލީ ރުގާނީ، ކްރިސްޓިއާނޯ ބިރާގީ، ޕިއެޓްރޯ ޕެލެގްރީ، ލޮރެންޒޯ ޕެލެގްރިނީ އާއި ނިކޮލޯ ޒަނިއޮލޯގެ އިތުރުން ޑެވިޑޭ ޒަޕަކޮސްޓާ ހިމެނެއެވެ.

މިރޭގެ މެޗުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅުނަމަވެސް އިޓަލީއަށް މިމެޗު ފަސޭހަ ނުވާނެކަމަށް މަންޗިނީ ބުންޏެވެ.

"ޕޯޗުގަލް އަކީ ޔޫރަޕްގެ ޗެމްޕިއަނުން. ޝައްކެއްވެސް ނެތް ގޮތުގައި ރޮނާލްޑޯ އާއެކު އެމީހުން މިހާރަށްވުރެ ވަރުގަދަވާނެ. އެހެނަސް އޭނާ އާއި ނުލައިވެސް އެމީހުން ވަކި ބަލިކަށި ނުވާނެ. އެޓީމުގެ އެބަތިބި ޓެކްނިކަލީ ވަރަށް ހުނަރުވެރި ކުޅުންތެރިންވެސް." މަންޗިނީ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި އިޓަލީ ކުޅުނު މެޗުން އެއްވަރުވުމުން، ޕޯޗުގަލްގެ ލިޒްބަންގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުން އެޓީމަށް ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވެއެވެ. މިގްރޫޕުގައި ހިމެނޭ ތިން ޓީމުގެ ތެރެއިން މިބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ޓީމަކަށް އަންނަ އަހަރު އޮންނަ މިމުބާރާތުގެ ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ.

"އަހަރެމެން ބޭނުމީ މިގްރޫޕުގެ އެންމެ ކުރީގައި އޮވެ ނިންމާލައި ޔޫރަޕިއަން ޗެމްޕިއަންޝިޕުން ޖާގަ ހޯދަން. އެންމެ ފުލުގައި އޮވެ ނިންމާލަން ބޭނުމެއްނޫން. އޭރުން ދެން އޮންނަ ގުރުއަތުލުމުގައި އިތުރު އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެ، އަހަރެމެންގެ އުއްމީދަކީ މޮޅުވުން." މަންޗިނީ ބުންޏެވެ.

ޕޯޗުގަލް އާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނެގި އިޓަލީގެ 23 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: ޖިއަންލުއިޖީ ޑޮނަރުއްމާ (އޭސީ މިލާން)، މަޓިއާ ޕެރިން (ޔުވެންޓަސް)، ސަލްވަޓޯ ސިރިގޫ (ޓޮރީނޯ)

ޑިފެންޑަރުން: ލިއޮނާޑޯ ބޮނޫޗީ (ޔުވެންޓަސް)، ޖިއޯޖިއޯ ކިއެލީނީ (ޔުވެންޓަސް)، ޑޮމެނިކޯ ކްރިސިޓޯ (ޖެނޯއާ)، އަލެސިއޯ ރޮމަނޮލީ (އޭސީ މިލާން)، މެނުއެލް ލަޒާރީ (ސްޕަލް)، މަޓިއާ ކަލްޑާރާ (އޭސީ މިލާން)، އެމެސަން ޕަލްމިއެރީ (ޗެލްސީ).

މިޑްފީލްޑަރުން: ނިކޮލޯ ބަރެއްލާ (ކަލިއާރީ)، މާކޯ ބެނާސީ (ފިއޮރެންޓީނާ)، ބްރަޔަން ކްރިސްޓަންޓޭ (އެޓަލާންޓާ)، ރޮބާޓޯ ގަލިއާޑިނީ (އިންޓި މިލާން)، ޖޯޖީނިއޯ (ޗެލްސީ)

ފޯވާޑުން: އަންދްރެއާ ބެލޮއްޓީ (ޓޮރީނޯ)، ޑޮމެނިކޯ ބެރާޑީ (ސަސުއޮލޯ)، ފެޑަރީކޯ ބާނަޑެސްކީ (ޔުވެންޓަސް)، ޖިއަކޮމޯ ބޮނަވެންޗޫރާ (އޭސީ މިލާން)، ފެޑެރީކޯ ޗިއޭސާ (ފިއޮރެންޓީނާ)، ޗީރޯ އިމޯބިލޭ (ލާޒިއޯ)، ލޮރެންޒޯ އިންސީނޭ (ނަޕޯލީ)، ސިމޯނީ ޒާޒާ (ޓޮރީނޯ)