ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރަކީ އައްޑޫ އަށް ވީރާނާ 5 އަހަރު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހުރި ވަށްބުރެއް ކުއްލިގޮތަށް ހައުސިން މިނިސްޓްރީން ނިކުމެ ތަޅާލުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ހިތަދޫ ބޮޑުމަގުގައި ހުންނަ ވަށްބުރު ތަޅާލާފައި ވަނީ އެ ސަރަހައްދުން ދަތުރުކުރާ ބަސްތަކަށް އުނދަގޫ ވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ވަށްބުރު ތަޅާލުމުން ގިނަ ބަޔަކު ދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.
ވަށްބުރު ތަޅާލި ނަމަވެސް އެތަނުގައި ހުރި ލައިޓް ޕޯސްޓް އަދިވެސް ނަގާފައެއް ނުވެއެވެ.
ނިޒާރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ބައިވެރިންނަކީ ހަސަދައިން ފުރިފައިވާ "އުނި" ބައެއް ކަމަށެވެ. އަދި ވަށްބުރު ތަޅާލުމުން އެކަނި ވެސް އެ ހަގީގަތް ހާމަވެގެން ދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫން މިގޮތަށް ބަދަލު ގެނައި ތިން ވަނަ ތަނެވެ. މީގެ ކުރިން ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ އާއި ދިމާލުގައި ހުންނަ "ދޮންދީނާ" މޮނިއުމެންޓް ވެސް މަރާމާތަށް ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަނީ ނަގާފައެވެ.
އަދި "ބޮލަށް ވެއްޓިދާނެ" ކަމަށް ބުނެ ހިތަދޫ ސިޓީ ސްކެއާގައި ހުރި ބޮޑު ދިދަ ވެސް ވަނީ ނަގާފައެވެ. ދިދަ ނެގުމުގެ އިތުރުން ދިދަ ހަރުކޮށްފައި ހުރި ބުޑު ވެސް އެއްކޮށް ވަނީ ތަޅާލާފައެވެ.