ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީ ކުޅުނު ދެވަނަ މެޗުގައި ޕޯޗުގަލް އަތުން 1-0 އިން ބަލިވެ ކޯޗު ރޮބާޓޯ މަންޗިނީ އަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. މީގެކުރީން، އިޓަލީ މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑާއި 1-1 އިން އެއްވަރުވެފައިވުމުން މިހާތަނަށް އެޓީމު ކުޅުނު ދެމެޗުންވެސް މޮޅެއް ހޯދިފައެއްނުވެއެވެ.
މިއީ 1957 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗަކުން އިޓަލީ އަތުން ޕޯޗުގަލް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާ އެކު ގްރޫޕް ތިނެއްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ޕޯޗުގަލް އޮތްއިރު ޕޮލެންޑާއި އިޓަލީ އަށް އެއް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ޕޮލެންޑެވެ.
އިޓަލީއިން މިމެޗަށް ނިކުތްއިރު ކޯޗު މަންޗިނީ ވަނީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިމެޗުގައި ކުޅުމުގެ ފުރުޞަތު ދީފައިވަނީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެންމެ ދެކުޅުންތެރިންނަށެވެ. އެއީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާގެ އިތުރުން މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ އަދި ލިއޮނާޑޯ ބޮނޫޗީ ވެސް އިނީ ބެންޗުގައެވެ.
ޔޫރަޕްގެ ޗެމްޕިއަން، ޕޯޗުގަލް މިމެޗަށް ނިކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާ ނުލައެވެ.
ލިޒްބަންގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އަދި އިޓަލީ އަށް ވެސް ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބިފައިވެއެވެ. އެގޮތުން، މިހާފުގައި ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ މުޅި މެޗުގައި ޑޮމިނޭޓްކުރި ޕޯޗުގަލް އަށެވެ.
ޕޯޗުގަލްގެ އަންދްރޭ ސިލްވާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޑޮނަރުއްމާ މަތަކުރިއިރު ބްރުމާ އާއި ވިލިއަމް ކަވާލިއޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އިޓަލީގެ ފެޑެރީކޯ ޗިއޭސާ އާއި ޖޯޖީނިއޯ ފޮނުވާލި ހަމަލާތައް ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ މަތަކުރިއެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޖެހީ ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި އަންދްރޭ ސިލްވާ އެވެ. އޭނާ މި ގޯލް ޖެހިއިރު، އިޓަލީގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ކުރެވުނު މާބޮޑު ކަމެއްނެތެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލްގެ ބާނާޑޯ ސިލްވާ އަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައިވެއެވެ. ޕެނަލްޓީއޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނުމުގެ ކުރީން އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
އޭގެފަހުން، ޕޯޗުގަލްގެ ޕިއްޒީ އާއި ރެނާޓޯ ސަންޗޭސް އަށް އެޓީމުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީވެސް އިޓަލީގެ ޒުވާން ކީޕަރު ޑޮންނަރުއްމާ އެވެ.
ދެ ވަނަ ހާފުގައި އިޓަލީގެ ކޯޗު މަންޗިނީ ގެނައި ބަދަލުތަކުގެ ސަބަބުން ކުޅުން ރަނގަޅުވި ނަމަވެސް އެޓީމުގެ ކުޅުންތެރިންނަށް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. އެގޮތުން މެޗުގެ އިތުރުވަގުތުގައި އެޓީމުގެ ފޯވާޑް ސިމޯނީ ޒާޒާ އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
އިޓަލީއަށް ދެން ބާކީ އޮތީ އަމިއްލަ ދަނޑުގައި ޕޯޗުގަލް އާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ރަށުން ބޭރުގައި ޕޮލެންޑާއި ދެކޮޅަށް ކުޅޭ މެޗެވެ. މިމުބާރާތުން އިތުރަށް ކުރިއަށް ދިއުމަށް، އަނެއް ދެޓީމު ކުޅޭ މެޗުތަކުގެ ނަތީޖާއަށް އިންތިޒާރުކުރަންޖެހޭނެއެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލީގު ބީގެ ދެވަނަ ގުރޫޕުގައި ރަށުން ބޭރުގައި ސްވިޑެން އަތުން 2-3 އިން ތުރުކީ މޮޅުވެފައެވެ. މިމެޗުގައި ސްވިޑެންގެ ކީސެ ތެލިން އާއި ވިކްޓާ ކްލާސެން ލީޑް ނަގައިދީފައިވަނިކޮށް ތުރުކީ އިން ވަނީ ފަހަތުން އަރައި ތިން ގޯލް ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދައިފައެވެ. ތުރުކީގެ ލަނޑުތައް ޖަހައިދިނީ ހަކާން ޗަލްހަނޮގްލޫގެ އިތުރުން އެމްރޭ އެކްބާބާ އެވެ. އެކްބާބާގެ ފަރާތުން ދެގޯލް ފެނިގެންދިޔައިރު އޭނާ މިދެލަނޑުވެސް ޖެހީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ.
ސްކޮޓްލެންޑް އަތުން 2-0 އިން އަލްބޭނިއާ ބަލިވިއިރު ލިތުއޭނިއާ އަތުން މޮންޓެނީގްރޯ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ކޮސޮވޯ އަތުން ފެރޯ އައިލެންޑްސް ބަލިވީ ވެސް 2-0 އިންނެވެ. ސާބިއާ އާ ރޫމޭނިއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު އެންޑޯރާ އާއި ކަޒަކިސްތާނު ކުޅުނު މެޗާއި މޯލްޓާ އާ އަޒަރުބައިޖާން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ސްޕެއިނާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ އިތުރުން ބެލްޖިއަމާއި އައިސްލޭންޑް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މިދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގަޑިން މިރޭ 23:45 ގައެވެ.