Last Updated: November 27, 06:09
Wednesday, November 27, 2024
ކުޅިވަރު

ލަލީގާގެ މެޗެއް އެމެރިކާގައި ކުޅުމާ މެދު ގޮތެއް ނިންމާނީ ކުޅުންތެރިން: އޭއެފްއީ

ބާސެލޯނާ އެންމެފަހުން ލީގުގައި ހުއެސްކާ އާ ދެކޮޅަށް ކުޅުނު މެޗުގެތެރެއިން. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގާއި އެމެރިކާގެ ރެލެވެންޓް ކިޔާ ކުންފުންޏަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 15 އަހަރުތެރޭގައި ކޮންމެ ސީޒަނެއްގައި ލަލީގާގެ މެޗެއް އެމެރިކާގައި ކުޅުމަށް މިދިޔަ އޯގަސްޓްމަހުގައި ނިންމާފައިވާއިރު މިސީޒަނުގައި ބާސެލޯނާ އާ ޖިރޯނާ ބައްދަލުކުރާ މެޗު އެމެރިކާގެ މިއާމީގައި ކުޅުމަށް ރާވާފައިވީނަމަވެސް އެކަމާއި މެދު ގޮތެއް ނިންމާނީ ކުޅުންތެރިން ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން އިން ބުނެފިއެވެ.

ސްޕެނިޝް ލީގުން މިގޮތަށް ނިންމިއިރު ޔޫނިއަންގެ އިތުރުން ކްލަބްތަކާއި އަދި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނާއި ވެސް މަޝްވަރާނުކުރާކަމަށް މީގެކުރީން އެފަރާތްތަކުުން ހާމަކޮށްފައިވެއެވެ. އަދި ސްޕެއިނުގެ ނޭޝަނަލް ސަޕޯޓާސް ފެޑެރޭޝަނުން ވެސް ވަނީ ފާޅުގައި މިނިންމުމާއި ދެކޮޅު ހަދައިފައެވެ.

އެމެރިކާގައި ލަލީގާގެ މެޗެއް ކުޅުމާއި ދެކޮޅަށް އެ ޔޫނިއަނުން މިދިޔަ އޮގަސްޓް މަހުގައި ބޭއްވި ބައްދަލުވުމުގައި ސްޕެނިޝް ލީގުގެ ހުރިހާ ކްލަބުތަކެއްގެ ކެޕްޓަނުން އެޖަމިއްޔާގެ ރައީސް ޑޭވިޑް އަގަންޒޯ އާއި ބައްދަލުކުރުމަށް ފަހު ބުނީ އެނިންމުން ބަދަލުނުކޮށްފިނަމަ އެކަމާއި ދެކޮޅަށް މަސައްކަތް ފަށާނެ ކަމަށާއި ކޮޅެއްގައި ޖެއްސުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ސްޕެނިޝް ޕްލެޔާސް ޔޫނިއަން (އޭއެފްއީ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މެޗާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ ޖަމިއްޔާގެ ތެރެއިން ކުޅުންތެރިން ކަމަށެވެ. އިތުރަށް ބުނީ ސްޕެނިޝް ލީގުން ހެދި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލް ނުލިބޭތީ ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުޅޭ ކަމަށާއި އެޖަމިއްޔާ އިން ލީގުގެ ޕްލޭން ހޯދުމަށް ބޭނުންވާކަމަށެވެ.

އެމެރިކާގެ މިއާމީގައި ކުޅުމަށް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ކުޅެން ރާވާފައިވާ މެޗު ކުޅުމަށް ޖިރޯނާ އިން ބޭނުންވާތީވެ އެޓީމުން އަންނަނީ ސްޕެނިޝް ލީގުގެ އިސްފަރާތްތަކާއި ބާސެލޯނާއާ އެކު ވާހަކަތައް ބާއްވަމުންނެވެ.

އެމެރިކާގައި ކުޅުމަށް ރާވާފައިވާ މިމެޗު ބެލުމަށް އެޤައުމަށް ދާ ސަޕޯޓަރުންނަށް އެކޮމެޑޭޝަނާއި ދަތުރު ހަރަދުގެ ވަރަށް ބޮޑުބައި ސަބްސިޑައިޒް ކޮށްދޭން ސްޕެނިޝް ލީގުން ވިސްނަމުންދާ ކަމަށް ސްޕެއިނުގެ ބައެއް ނޫސްތަކުން މީގެކުރީން ހާމަކޮށްފައިވެއެވެ.