ރިޔާސީ އިންތިހާބާ ދިމާކޮށް، ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫއިން ގޯތި ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ޔަގީންކޮށް ދެއްވާފައިވަނީ ސަރުކާރުން ތިނަދޫގައި ހިންގި ހަތް މަޝްރޫއެއް އިފްތިތާހު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މުއިއްޒު ވިިދާޅުވީ ތިނަދޫ ހިއްކި ބިމުން 150 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި އެ ރަށުން 150 ގޯތި ދޫކުރަން ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތަށް އެކަން ނިންމެވީ ރައީސް ޔާމީންގެ އެދުމުގެ މަތިން ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
ތިނަދޫ ފަޅުތެރެ އިން 55 ހެކްޓަރުގެ ބިން ހިއްކައި، ނިންމާފައި ވަނީ 2016 ވަނަ އަހަރުއެވެ. ދައުލަތުގެ ބަޖެޓުން 165 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއާ އެކު ތިނަދޫގެ ބިމުގެ ބޮޑުމިން 175 ހެކްޓަރަށް ވަނީ އަރައެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް، ތިނަދޫ އިން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ބިން ހިއްކުމަށް ފަހު، ގޯތި ދޫނުކޮށް ހުރި ރަށްތަކުން ބިން ދޫކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައި ވަނިކޮށެވެ. އިބޫ އެ ވައުދުވެވަޑައިގެންފައި ވަނިކޮށް، ރަށްތަކުން ގޯތި ދޫކުރަން ކައުންސިލްތަކަށް ހައުސިން މިނިސްޓްރީން ދަނީ އަންގަމުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތިނަދޫގައި ތަރައްގީ ކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވުމުގެ އިތުރުން ތިނަދޫގައި ތަރައްގީ ކޮށްފައިވާ މިއުޒިއަމް ޕާކް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ތިނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ރަށު ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވެއެވެ. އަދި ތިނަދޫ މަގު ހެދުމުގެ ނިމުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ތިނަދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތައް ހަވާލުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.