Last Updated: February 2, 09:36
Sunday, February 2, 2025
ޚަބަރު

ޔާމީންގެ ވާހަކަތައް ސިފަވަނީ ފިރުއައުނު ދައްކަމުންދިޔަ ޒާތުގެ ވާހަކަތަކާއި: ޑރ. ޖަމީލު

ރައީސް ޔާމީންގެ ވާހަކަފުޅުތައް ސިފަވަނީ، ފިރުއައުނު ދައްކަމުންދިޔަ ޒާތުގެ ވާހަކަތަކާ ކަމަށް، ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. މުހަންމަދު ޖަމީލު އަހްމަދު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ބަންދުކޮށްފައިވާ މެންބަރުންގެ ގޮނޑިތައް ގެއްލުވާލުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ އެމަނިކުފާނުކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. މުހަންމަދު ޖަމީލު އަހްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ވާހަކަތައް ސިފަވަނީ ފިރުއައުނު ދައްކާ ޒާތުގެ ވާހަކަތަކާ ކަމަށެވެ.

"މިފަދަ ޖައްލާދަކު އިތުރު 5 އަހަރު އެންމެންގެ ލޭބޯން ނުބަހައްޓާ ގައުމު ސަލާމަތްކުރަންވީ. ބޮޑެތި ޖަރީމާތައް ހިންގަވައިގެން ކުރެއްވި ވެރިކަން ޣައިރުގާނޫނީ ކަމަށް ކަނޑައެޅިގެންދާނެ" ޑރ. ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ގދ. ތިނަދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި، ގދ. ތިނަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޕީޕީއެމް ދޫކޮށްދިޔަ މެންބަރުންނަކީ އެޕާޓީއަށް ވަރަށް ބޮޑެތި ގެއްލުންތައްދިން މެންބަރުން ކަމަށާ އެ މެންބަރުންނަށް މައާފުނުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމާއި ދެކޮޅަށް މަސައްކަތް ކުރެއްވި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކުން ދައުލަތުގެ މުއައްސަސާތަކަށް އެމަނިކުފާނުގެ ނުފޫޒު ފޯރުވާފައިވާ މިންވަރާއި، ޝަރުއީ ނިޒާމުން ނެރެފައިވާ ހުކުމްތަކުގެ ސައްހަކަން ގެއްލިފައިވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.