ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަތުން ސްޕެއިން ރޭ އަމިއްލަ ދަނޑުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
މިއީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާގެ ތާރީޚުގައިވެސް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މީގެއިތުރުން، އެމުބާރާތުގެ ފައިނަލް މެޗުގެ ފަހުން ކްރޮއޭޝިއާ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެޓީމު އެންމެ ފަހުން ޕޯޗުގަލް އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ސްޕެއިނުން މިމެޗަށް ނިކުތީ އެންމެ ފަހުން އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިއާގޯ އަސްޕާސް އާއި ތިއާގޯ އަލްކަންޓާރާ އަދި މާކޯސް އަލޮންސޯގެ ބަދަލުގައި މާކޯ އަސެންސިއޯ އާއި ޑެނީ ސެބަލޯސްގެ އިތުރުން ހޯސޭ ގާޔާ ހިމަނައިގެންނެވެ.
ވޯލްޑްކަޕްގެ ފައިނަލަށް ފަހު ކްރޮއޭޝިއާ ކުޅުނު ވާދަވެރި ފުރަތަމަ މެޗަށް އެޓީމު ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ޑެނިއެލް ސުބަސިޗްގެ އިތުރުން ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފައިވުމެވެ. ސުބަސިޗްގެ ބަދަލުގައި އެޓީމުގެ ގޯލް ބަލަހައްޓަމުން އަންނަނީ ބެލްޖިއަމްގެ ގެންޓް އަށް ކުޅޭ ގޯލްކީޕަރު ލޮވްރޭ ކަލިނިޗް އެވެ. މަންޒުކިޗްގެ ބަދަލުގައި ފޯވާޑްލައިންގައި މުހިއްމު ދައުރެއް އަދާކުރާނީ އެންޑަލެކްޓްގެ ފޯވާޑް އިވާން ސަންޓީނީ އެވެ.
އެލްޗޭގެ މެނުއެލް މާޓިނޭޒް ވަލޭރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސްޕެއިނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެޓީމުން ވަނީ ކްރޮއޭޝިއާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.
އެގޮތުން، މިމެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ސްޕެއިނުގް ފުރަތަމަ ގޯލް ޖަހައިދިނީ ސައުލް ނިގުއޭޒް އެވެ. މިއީ އެޓީމުގެ ޑެނީ ކަރްވަހާލް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ސްޕެއިނުގެ ލީޑް ފުޅާ ކޮށްދިނީ އަސެންސިއޯ އެވެ. މިއީ ކްރޮއޭޝިއާގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެނަލްޓީއޭރިޔާބޭރުން ވަރަށް ރީއްޗަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން ސްޕެއިނުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު މިއީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލޮވްރޭ ކަލިނިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕެނަލްޓީއޭރިޔާ ބޭރުގައި ހުރެ އަސެންސިއޯ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ގޮސް ގޯލްގެތެރެއަށް ވަނީ ކަލިނިޗްގެ ގައިގަ ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 އިން ސްޕެއިން ކުރީގައިއޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއިރު މިހާފުގައި އެޓީމުން އިތުރު ތިން ލަނޑުޖަހާފައިވެއެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އަސެންސިއޯ ތަނަވަސްކުރި ފުރުޞަތަކުން ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯ އެޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިންއިރު މެޗުގެ 57 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އިތުރު ލަނޑެއްޖަހައިދީ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އަސެންސިއޯ ނަގައިދިން ކޯނަރުކަން އައި ބޯޅައެއް ރާމޯސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފަހު ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އަސެންސިއޯ ދިން ބޯޅައަކުން އިސްކޯ އެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބެލްޖިއަމް ވަނީ އައިސްލޭންޑް އަތުން 3-0 ގެ ނަތީޖާއަކުން ހޯދީ މޮޅާއިއެކު ފެށުން ރަނގަޅުކޮށްފައެވެ. މިމެޗުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ދެގޯލްޖަހައިދިންއިރު އަނެއް ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑް އެވެ. އައިސްލޭންޑް ވަނީ މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.
ގްރީސް އަތުން ހަންގޭރީ 2-1 އިން މޮޅުވިއިރު އެސްޓޯނިއާ އަތުން ފިންލޭންޑް މޮޅުވީ 1-0 އިންނެވެ. ބޮސްނިއާ އެންޑް ހާޒެގޮވީނާ އަތުން އޮސްޓްރިއާ ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. މޮލްޑޯވާ އާއި ބެލާރުސް ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ސެން މެރީނޯ އަތުން ލަގްޒެމްބޯގް މޮޅުވީ 3-0 އިންނެވެ.