ސާފް ސުޒުކީ ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށް ދިވެހިރާއްޖެ ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗު ރާއްޖެ އިން ކާމިޔާބުކުރީ 3-0 އިންނެވެ.
މިއީ މިމުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ފަސްވަނަ ފަހަރަށް ވާއިރު، ނުވަ އަހަރަށްފަހު ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުޞަތު ހޯދީ ހުރިހާ ގޮތަކުން ސްރީލަންކާއާ އެއްވަރުވެ ގުރުއަތުލައިގެންނެވެ.
ރާއްޖެއިން މިމެޗަށް ނިކުތްއިރު ގްރޫޕް ސްޓޭޖުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، މުހައްމަދު އިރުފާން (އިރޭ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އާއި މުހައްމަދު އާރިފް (ބަކާ) އަދި އަސަދުﷲ ޢަބްދުﷲ ގެ އިތުރުން އަހުމަދު އިމާޒް (އާއްކޮ) ގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ނާއިޒް ހަސަން (ދާދު) އަދި ހުސައިން ނިހާންގެ އިތުރުން ސަމްދޫހު މުހައްމަދު ހިމަނާފައިވެއެވެ.
ނޭޕާލުން މިމެޗަށް ނެރެފައިވަނީ އެޓީމު އެންމެ ފަހުން ބަންގްލަދޭޝް އާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުވުނު މިމެޗުގައި ރާއްޖެއަށް ލީޑް ނަގައިދިނީ 9 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީ އެވެ. މިއީ މިމުބާރާތުގައި ރާއްޖެ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ރާއްޖޭގެ ލަނޑަށްފަހު ނޭޕާލް އިން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ވާރޭގައި ކުޅެމުން ދިޔަ މިމެޗު، 27 ވަނަ މިނެޓުގައި ވިއްސާރަ އިތުރަށް ގަދަވެ، ވިދާ، ގުގުރާތީވެ ރެފްރީ ވަނީ މެޗު ކޮމިޝަނަރާއި މަޝްވަރާކުރުމަށްފަހު ކުޅުން ހުއްޓާލައިފައެވެ. އެއަށްފަހު އަލުން ކުޅުން ފެށީ ބައިގަޑިއިރުގެ މެދުކެނޑުމަކަށްފަހުގައެވެ.
އޭގެފަހުން ވެސް ނޭޕާލުން ވަނީ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، އެޓީމުގެ ބިމާލް ގާތީ މަގަރް އަށް ލިބުނު ބޯޅަ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރުމުން ދެވަނަ ފަހަރަށް ބާރަތު ކަވާސް އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރާއްޖެ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ދާދު އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ނޭޕާލްގެ ގޯލްކީޕަރު ކިރަން ވަނީ މަތަކުރިއިރު ނޭޕާލްގެ ބިމާލް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް މަތަކޮށްފައިވެއެވެ. އޭގެފަހުން، އެޓީމުގެ ސުނިލް ބާލް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. ނޭޕާލްގެ ކުޅުންތެރިން އުފެއްދި އެޓޭކެއްގައި ޕެނަލްޓީއޭރިޔާތެރެއަށް ފޮނުވާލި ބޯޅަ ގޯލް ކުރިމަތީގައި ވެއްޓި އޮވެ ނަވާޔުގް ޝްރެސްތާ ފޮނުވާލަން މަސައްކަތްކުރިނަމަވެސް އޭނާގެ ފަޔަށް އަރާގޮތެއްނުވިއެވެ.
އޭގެ ތިންމިނެޓުފަހުން، ފާސިރު (ސެންޓޭ) ތަނަވަސްކުރި ފުރުޞަތަކުން އިރޭ ބޮލުން ފޮނުވާލި ބޯޅަ ނޭޕާލްގެ ކީޕަރު ކިރަން މަތަކުރިއެވެ.
މެޗު ނިމެން ހަމިނެޓަށްވެފައިވަނިކޮށް ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިނީ ޓީސީގެ ޒުވާން މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ މާޒިޔާގެ އިތުބާރު ފޯވާޑް އަސަދުﷲ ޢަބްދުﷲ އަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލުމުން ނޭޕާލްގެ ކުޅުންތެރިއެއް ދިފާއުކުރަން ޖައްސާލި ބޯޅަ، ޕެނަލްޓީއޭރިޔާތެރޭގައި ހުރި ވަހީދު އަށް ލިބުމުން ހަމަޖެހިލައިގެން ގޯލްގެ ތެރެއަށް ވަރަށް ރީއްޗަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ދެމިނެޓުފަހުން، އިއްބެ ވަނީ އިތުރު ލަނޑެއް ޖަހައި ރާއްޖެއަށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްދީފައެވެ. މިއީ ނޭޕާލްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އިތުރުވަގުތުގައި ނޭޕާލްގެ ބިމާލް އަށް އެޓީމުގެ ސުން ކަނޑުވާލައިދިނުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.