2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުންނަވަނި "ރަށު ބަންދުގައި" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމީދޫގެ ރައްޔިތުންނާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެރަށުގައި ގާއިމްކުރި ފިޝަރީޒް ކޮމްޕްލެކްސް އާއި އެހެނިހެން ޚިދުމަތްތައް މީގެ ކުރިން ހުންނަން ވާނީ ހުޅުވިފައިކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އަދި އެކަން އެގޮތަށް ނުވުމުގެ ސަބަބެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާޢި ގުޅިގެން އެމަނިކުފާނު "ރަށު ބަންދުގައި" ހުންނަވަން ޖެހުމެވެ.
"އަޅުގަނޑު ރަށު ބަންދުގައި މި ހުންނަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން . އަޅުގަނޑު ރަށު ބަންދުގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުންނަ ހުރުން މިއީ ސުޕްރީމް ކޯޓުން އައި އަމުރަކާޢި ހިސާބު އައި ކަމަކަށް ވާތީ މި ދެރަށުގެ ވާހަކަ ދައްކަވާއިރު އެހެން ވާހަކައަކުން ފަށައިގެން ނުވެސް ވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
ބެލެޥޭ ގޮތުގައި ރައީސް ޔާމީން މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އަމުރު ނެރުއްވި އިރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތް ކުރައްވައެވެ.
އަލީ ހަމީދަކީ ހުޅުދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އަބްދުﷲ ސަޢީދަކީ މީދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އަލީ ޙަމީދާއި އަބްދުﷲ ސަޢީދުގެ ނަން ވިދާޅު ނުވި ނަމަވެސް އެބޭފުޅުންގެ އާއިލާއަށް ރައީސް ޔާމީން ވިދާޅުވީ، "އެބޭފުޅުން ގެންނަން އުޅުނީ ނުރައްކާތެރި ބަޣާވާތެއް" ކަމަށެވެ.