ނޫސްތަކުގައި އައިޓީ ޕާކާއި ގެސްޓް ހައުސްގެ ވާހަކަ ލިޔުމަކީ ވަރަށް ފަސޭހަކަމެއް ކަމުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާޑު މިހެން ވިދާޅުވީ މިއަދު ފޭދޫ ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބެލެވޭ ގޮތުގައި ޝާޑު މިހެން ވިދާޅުވީ އައްޑޫގައި އައިޓީ ޕާކެއް އެޅުމަށާއި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދު ނުފުއްދޭތީ ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އައްޑޫގައި އައިޓީ ޕާކެއް އަޅުއްވާނެ ކަމަށް ރައީސް ޔާމީން ވައުދުވެ ވަޑައިގެންނެވީ މީގެ 4 އަހަރާއި 7 މަސް ދުވަސް ކުރިންނެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެވައުދު ފުއްދިފައެއް ނުވެއެވެ.
އެހެން ނަމަވެސް ރޭ ހިތަދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ 4 އަހަރާއި 7 މަސް ފަހުން ފުރަތަމަ ފަހަރަށް އައިޓީ ޕާކްގެ ވާހަކަ ދައްކަވާފައެވެ.
ފޭދޫ ހިއްކި ބިމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާދު ވިދާޅުވި ގޮތުގައި އައިޓީ ޕާކާއި އައްޑޫގެ ޓޫރިސްޓް ބެޑް ކެޕޭސިޓީ އިތުރުކުރެވޭނީ ތަރައްޤީ ކުރެވިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކި އެކި ނޫސްތަކުގައި ނޫނީ ދޭތެރެ ދޭތެރެއިން އައިޓީ ޕާކޭ ގެސްޓް ހައުސްއޭ މިވާހަކަ ދެންނެވިދާނެ. މިއީ ވަރަށް ފަސޭހަކަމެއް. އެކަމަކު ހަގީގަތުގައި އައިޓީ ޕާކު ވެސް ބެޑް ކެޕޭސިޓީ ވެސް އިތުރުކުރެވޭނީ ތަރައްޤީ ކުރެވިގެން." ޝާޑު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވި ގޮތުގައި އައްޑޫއަށް ތަރައްޤީ ގެންނަން ޖެހެނީ ދެމެހެއްޓެނިވި ގޮތެއްގައި ކަަމަށެވެ. އެގޮތުން ގެސްޓް ހައުސް އެޅުމަށް ފުރަތަމަ ނަރުދަމާ އާޢި ސާފު ބޯފެނުގެ ޚިދުމަތް ޤާއިމްކުރަން ޖެހޭކަމަށެވެ.
އެހެން ނޫނީ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އަންނާނީ އެންމެ ފަހަރަކު ކަމަށާއި އޭރުން ހުރިހާ ގެއްލުމެއް ލިބޭނީ އައްޑޫ ރައްޔިތުންނަށް ކަމަށް ޝާޑު ވިދާޅުވިއެވެ.
އަދި އައިޓީ ޕާކު ވެސް ގެސްޓް ހައުސް ވެސް ހެދެން އަންނަނީ ފެނާއި ނަރުދަމާ އެޅިގެން ކަމަށް ޝާޑު ވިދާޅުވިއެވެ.