އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ، އެއްވަގުތެއްގައި ކުޅުމަށް ހަމަޖެހިފައިވާ ފަސް މެޗެއްގައި ފުރަތަމަ ފަހަރަށް ވީއޭއާރް (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ބޭނުންކުރުމަށް ނިންމައިފިއެވެ.
ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާއި މެދު ސުވާލެއް އުފެދިއްޖެނަމަ ނުވަތަ ސުވާލެއް އުފައްދައިފިނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުޞަތު ލިބޭނެ އެވެ.
މިދިޔަ އަހަރު، ކުޅެވުނު ވަކި ވަކި މެޗުތަކުގައި ވީއޭއާރް ބޭނުންކޮށްގެން ހެދި ޓެސްޓްތަކަށްފަހު، ޕްރިމިއާ ލީގުން މިހާރު ބޭނުންވަނީ އެއްވަގުތެއްގައި ކުޅޭ ގިނަ މެޗުތަކެއްގައި އެ ޓެކްނޮލޮޖީ ބޭނުންކުރުމުން ނިކުންނާނެ ނަތީޖާ ބެލުމަށެވެ.
ޓްރަޔަލްއެއްގެ ގޮތުން، ޕްރިމިއާ ލީގުގައި މާދަމާ ރޭ މާލޭގަޑިން 7:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ފަސްމެޗެއްގައި ވީއޭއާރް ބޭނުންކުރުމަށް ނިންމިނަމަވެސް މި ޓެކްނޮލޮޖީގެ އެހީ ހޯދުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ގޯލެއްކަން ޔަޤީންކުރުމުގެ އިތުރުން ޕެނަލްޓީ އާއި ސީދާ ރަތްކާޑު އަދި ކާޑު ދައްކަން ޖެހޭ ކުޅުންތެރިޔާ ނޫން އެހެން ކުޅުންތެރިއަކަށް ކާޑު ދެއްކިއްޖެނަމަ އެކަންތައް ޔަޤީންކުރުމަށް އެކަންޏެވެ.
ޔޫރަޕްގެ ގިނަ ލީގުތަކުގައި ވީއޭއާރް މިހާރު ބޭނުންކުރަމުން އަންނައިރު، މިދިޔަ އޭޕްރީލް މަހު ޕްރިމިއާ ލީގުގެ ކްލަބުތަކުން މިސީޒަނުގައި ވީއޭއާރް ބޭނުންކުރުމާއި ދެކޮޅަށް ވޯޓް ދީފައިވެއެވެ.
އޭރު، ގިނަ ކްލަބްތަކުން އެ ގޮތަށް ބޭނުންވީ އޮފިޝަލުން އަދި ރެފްރީން ވީއޭއާރް ބޭނުންކުރުމަށް އެންމެ ބޮޑަށް އަހުލުވެރިވެފައިނުވާތީ ކަމަށް ބުނެއެވެ. އަދި ބައެއް ކަހަލަ ކަންތައްތަކެއް ފުރިހަމަނުވެ އެ ތައާރަފް ކޮށްފިނަމަ އޭގެ ގޯސް އަސަރު މެޗުތަކަށް ކޮށްފާނެ ކަމަށް ކްލަބްތަކުން އެއްބަސްވެއެވެ.
ނަމަވެސް، މިދިޔަ ސީޒަނުގައި އިނގިރޭސިވިލާތުގައި ކުޅުނު 19 މެޗެއްގައި ވީއޭއާރް ބޭނުންކޮށްފައިވާއިރު ބެލެވޭގޮތުގައި މިސީޒަނުގައި އިތުރު 60 މެޗުގައި ވީއޭއާރްގެ އެހީ ހޯދާނެއެވެ.
ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.
އޭގެފަހުން، ރަޝިޔާގައި ބޭއްވުނު އެންމެފަހުގެ ވޯލްޑްކަޕްގައިވެސް ވީއޭއާރް ބޭނުންކޮށްފައިވާއިރު ވީއޭއާރްގެ ނިންމުންތައް ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އެއަށް އަމާޒުވެފައިވީނަމަވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.