ޕްރިމިއާ ލީގުގައި މާދަމާ ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅޭ މެޗުގައި އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސްގެ އިތުރުން މިޑްފީލްޑަރު ޑެލޭ އަލީ އަށް ވެސް ނުކުޅެވޭނެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
މެޗުގެ ކުރީން އިއްޔެ ދިން އިންޓަވިއުގައި އޭނާ ބުނީ ލޮރިސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އާއި ގުޅިގެން ދުވަސްތަކަކަށް ކުޅުމާއި ދުރު ހުންނަންޖެހޭނެކަމަށާއި އެޓީމުގެ އަލީ އަށް ކުރިމަތިވީ އަނިޔާގެ ސަބަބުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ބައްދަލުކުރާ މެޗުގައި ވެސް ނުކުޅެވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.
މީގެއިތުރުން، މަސްތުވެގެން ހުރެ ލޮރިސް ކާރު ދުއްވުމާއި ގުޅިގެން ޖޫރިމަނާކޮށް ވަކި މުއްދަތަކަށް ކާރު ދުއްވުން މަނާކޮށް ލައިސެންސް ހިފެހެއްޓުމާއި ގުޅިގެން އޭނާ އަތުން ކެޕްޓަން ބޭންޑު އަތުލާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން ޕޮޗެޓީނޯ ބުނީ ލޮރިސް އަތުން ކެޕްޓަން ބޭންޑް ނުނަގާނެކަމަށެވެ. އޭނާ އެކަމަށް މައާފަށް އެދިފައިވާ ކަމަށާއި މިއީ ހުރިހާ އެންމެންނަށް ލިބުނު ފިލާވަޅެއް ކަމަށެވެ.
ޓޮޓެންހަމްގެ ކީޕަރު ލޮރިސް އަށް ލިބުނު އަނިޔާގެ ސަބަބުން މި މަހުގެ 2 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗާއި ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސް ކުޅުނު ދެ މެޗުގައި އޭނާ އަށް ބައިވެރިނުވެވުނެވެ.
ސްޕެއިން އަތުން 2-1 އިން އިންގްލެންޑް ބަލިވި މެޗުގެ 20 ވަނަ މިނެޓުގައި އަލީ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ބަދަލުކޮށްފައިވާއިރު އެޓީމު ދެން ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޭނާ ވަނީ ވަކިވެފައެވެ.
ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ ލޮރިސް އާއި އަލީ ވެސް ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެކަމަށް އުއްމީދު ކުރާކަމަށެވެ.
"ލޮރިސް ވަރަށް އަވަހަށް ސްކޭނެއް ހަދާނެ އޭނާ އަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލް ބެލުމަށް. އުއްމީދުކުރަނީ މައްސަލައެއް ދިމާނުވެ އަލީ ފަދައިން ވަރަށް އަވަހަށް ކުޅެވޭނެ ކަމަށް." ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމްގެ މުޙިއްމު ދެކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ލިވަޕޫލާ ދެކޮޅަށް ނުކުޅެވުނު ނަމަވެސް ޕޮޗެޓީނޯ އަށް ލިބިފައިވާ ހިތްހަމަޖެހުމަކީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ދެކުނު ކޮރެއާ އާއެކު ރަން މެޑަލް ހޯދުމަށްފަހު ސޮން ހެއުން މިން ޓީމުގެ ތަމްރީންތަކުގައި ބައިވެރިވާން ފެށުމެވެ.
"އަހަރެން އެންމެ ފުރަތަމަ ބޭނުމީ އޭނާ އެހޯދީ ކާމިޔާބީއަށް މަރުހަބާ ކިޔަން. އެމުބާރާތް ކާމިޔާބުކުރުމުގެ ސަބަބުން އޭނާ މިލިޓަރީގައި ހިދުމަތްކުރުމުން އެވަނީ ސަލާމަތްވެފައި. މިއީ ވަރަށް މުހިއްމު ކާމިޔާބީއެއް." ޕޮޗެޓީނޯ ބުންޏެވެ.
މީގެއިތުރުން، މިދިޔަ ފެބުރުއަރި މަހު ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރުމަށްފަހު މިހާރު ކުޅުމަށް އެނބުރި އައުމުގެ މަގުމަތީގައި ހުރި ޒުވާން މިޑްފީލްޑަރު ހެރީ ވިންކްސް ވަރަށް އަވަހަށް ދަނޑުމަތީން ފެންނާނެކަމަށް ވެސް ޕޮޗެޓީނޯ ބުނެފައިވެއެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު 12 ޕޮއިންޓާއެކު ތާވަލްގެ އެންމެކުރީގައި އޮތް ލިވަޕޫލާއި، 9 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އާ ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅެވޭނީ މާދަމާ ހަވީރު މާލޭގަޑިން 4:30 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.