ދިވެހިންގެ ތެރޭގައި ބޭނުންކުރަމުން އަންނަ މުސްކުޅިބަހެކެވެ. ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނާނެއެވެ. މިބަހުގެ މުރާދަކީ ވަކިކަމަކުން ތުރާލާއި ނުތަނަވަސްކަން ލިބިފައިވާ މީހާ ދެން އަލުން އެކަމެއް ތަކުރާރުކުރަން ބިރުގަންނާނޭކަން ހަނދާންކޮށްދިނުމެވެ.
ބަޅުރުއްޖެހި އަސުރުމާއޮޅީގެ ކުދީންނަށް އައްޑޫގައި މިހާރު ދިމާވެގެން އުޅެނީ މިޒާތުގެ ގިލަންވެރިކަމެކެވެ. މީގެ ދޮޅުއަހަރު ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ހަތް ދާއިރާގައިވެސް އެއޮޅީގެ ކުދިން ބޮޑުތަނުން ބަލިވީއެވެ. ހަތެއް ސުމަކުންނެވެ. ދެން ވާންފެށިގޮތަކީ ރީނދޫކުލައިގެ ކޮންމެ އެއްޗެއް ފެނުނަސް ހުން އަންނަނީއެވެ. ބިރުގަންނަނީއެވެ. މިކަން އެންމެ ރީއްޗަށް ފެނިގެންދިޔައީ އަސުރުމާއޮޅީގެ މުސްތަޝާރު ހުޅުމީދޫއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
މީނާގެ ޝަރަފުގައި ބަނދަރުމަތީގައި ފިޔާތޮށިކުލައިގެ ފޭލިދަމައި އެކުލައިން ފޭލިގެ ޖަހައި ވިހިތިރީސް ލޯރީގެ ވެލިގެނެސް އެވެލީގައިވެސް ފިޔާތޮށިކުލަ ޖައްސައިފިއެވެ. ހަޔާތުގެ އިރު އަސުރަށް ލަނބާލި އުމުރޭ ކިޔާ އުމުރުގެ އަންހެންވެރިން ފިޔާތޮށި ބުރުގާއަޅުވައިގެން އަދި އެއުމުރުގެ ފިރިހެނުން ފިޔާތޮށި ގަންޖިފަރާހުގައި ގެނެސް ޖަލްސާއެއް ބާއްވައިފިއެވެ. ޖަލްސާގައި ދެންތިބީ އިޚުތިޔާރެއްނެތް މަދަރުސާކުދިންނެވެ. މިބީދަޔަކުން ބޭއްވި ޖަލްސާގައި ދެންވީ މާދެރަ ގޮތެކެވެ. މުސްތަޝާރުގެ ކުރިމަތީގައި އޮތް މާބޮނޑީގެ ތެރެއިން ފާޅުކަންބޮޑު ގޮތަކަށް ރީނދޫމަލެއް ފެނުނީއެވެ. އިސާހިތަކު ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނާނެއޭ ބުނެވޭ އުސޫލުން ހަތެއް ސުމެއްގެ ބޮޑު އުދާހުގެ މަތިން ހަނދާންވެ ހިތުތެރޭގައި ބިރުވެރިކަން ހިނގައިފިއެވެ. އެހީތެރިންނަށް އަންގައިގެން އަވަސްއަވަހަށް މާ ނަގައި އަތުގެ ކޮޅަށް ހޫރާލީއެވެ. ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ.
އަސުރުމާއޮޅީގެ ކުދީންނަށް ސިޔާސީގޮތުން އައްޑޫގައި ފެންނަ ގިންޏަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއެވެ. ތާއީދުނެތްކަމުގެ އިހުސާސެވެ. އެގިނީގެ ކުލަޔަކީ ރީނދޫކުލައެވެ. އެހެންވީމާ ރީނދޫ މަލެއް ފެނުނަސް ދޮންކެޔޮވަކެއް ފެނުނަސް އަދި ކިޔެއްތަ ކިރުގަރުދިޔަފޮދެއް ފެނުނަސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މިބަސް މިއޮތީ ރައްޔިތުންގެ ތާއީދުނެތް މީހާ ރީނދޫމަލަށް ބިރުގަންނާނެއޭ މިގޮތަށް ބަދަލު ކުރަންޖެހިފައެވެ.
ރީނދޫމަލެއް ފެނުނީމާ ހިތަށް ވެރިވެގެންދިޔަ ބިރުވެރިކަމެއްގެ ބޮޑުކަމުންތާއެވެ. މުސްތަޝާރުގެ ބަސްކޮށާރުން ދެން ބޭރުވީ މުޅިންވެސް ކޮސްވާހަކަތަކެވެ. ސްޕްރީމްކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަކާ ގުޅިގެން މިހުންނަނީ ރަށުގައި ބަންދުވެފަޔޯލައެވެ. ރަށު ބަންދުގައި ހުރިއްޔާ އަފުރެމެންނަށް ކޮންތުރާލެއް ހެއްޔެވެ. ގައިމުވެސް މަހަކު ދެތިންފަހަރު ސިންގަޕޫރަށް ކުރަމުންއައި ދަތުރުތައް ހުއްޓުނީއެވެ. ދައުލަތުގެ ޚަޒާނާޔަށް އެކަމުގެ މަންފާ ބޮޑުވީއެވެ. ރަށު ބަންދުން ނެއްޓިގެން ދާނެ މާގިނަ ތަންތަން ހުރިއްޔަކީވެސް ނޫނެވެ. އޮތީ ސައުދީ އަރަބިޔާއަކާއި ޗައިނާއެކެވެ. މީންތަނަކަށް ނުދެވި ހުންނާން ޖެހުމަކީ ހުޅުމީދޫ ރައްޔިތުން އޭގެ އަގު އަދާކުރަންޖެހޭކަމެއް ނޫނެވެ.
ކޮންމެ ރަށަކީވެސް ތައުލީމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެނޫން ރަށެއް ނުފެންނާނެއެވެ. އެކަމަކު މީދޫއަކީ އެކަހަލަ ރަށެއްކަން މުސްތަޝާރަށް އެނގުނީ މެންބަރު ޝާޑު ވިދާޅުވީމަޔޯލައެވެ. އަޖައިބުހީވެއެވެ. މިމީހަކަށް ދެހާސްތޭރައިގެ އިންތިޚާބުގައި އައްޑުއަތޮޅުން އަގުލަބިއްޔަތު ދިން ހަމައެކަނި ރަށަކީ މީދޫއެވެ. އެކަމަކު މީނާއަށް އެކަމެއްވެސް ރޭކާނުލިއެވެ. މިއެނގެނީ ޝާޑު ވިދާޅުވާ އެއްޗެކެވެ. ބަޔަކު ކުޅަ ހެޔޮކަމަކާއި ވެފައިވާ ގުރުބާނީއެއްގެ އަގު އަދާކުރެވޭނީ ދެން ތިޔަޒާތަށެވެ. އަސްލު ސޫރަޔަކީ ތިޔައީއެވެ. އެސޫރަ ފެނި ނިމިއްޖެއެވެ. އެހެންވީމާ އެހެން ސޫރައެއް ދައްކާން އުޅުމުގެ ބޭނުމެއް ނެތެވެ. ތިޔަ ވައުދުތަކާއި އިންޒާރުތަކުގެ މިސާލަކީ ގިނިރޮދީގެ މިސާލެވެ. ގައިގައި ޖެހިއްޖެނަމަ ދިލަނަގައި ދުޅަވާނެއެވެ. ރައްޔިތުން ތިބީ އެޔާ ކައިރިނުވުމަށް ނިންމައިގެންނެވެ. އެނިންމުން ސެޕްޓެމްބަރު ތޭވީހުގައި ވަރަށް ސާފުކޮށް ފެންނާނެއެވެ.