ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ލިވަޕޫލާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުން ސެއިންޓް އެޓިއެން އަތުން ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ.
އެޓީމުގެ ފޯވާޑްލައިންގައި ހިމެނޭ މުހިއްމު ދެ ކުޅުންތެރިންކަމަށްވާ ބްރެޒިލްގެ ނޭމާ އާއި ސަސްޕެންޝަނުގައި ހުރި ފްރާންސްގެ ކިލިއަން އެމްބާޕޭ ނެތި ކުޅުނު މިމެޗުން ޕީއެސްޖީ މޮޅުވީ 4-0 އިންނެވެ.
ޕެރިހުގެ ޕާކް ޑެ ޕްރިންސެސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ފެށިގެން ތިންވަނަ މިނެޓުގައި ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާ ވަނީ ޕީއެސްޖީ އަށް ލީޑް ނަގައިދިނުމާއި ގާތަށް ޖެހިލައިފައެވެ. އާޖެންޓީނާގެ އިތުބާރު ވިންގާ އެންހެލް ޑި މާރިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޑްރެކްސްލާ އެއްފަހަރުން ފޮނުވާލި ނަމަވެސް ސެއިންޓް އެޓިއެންގެ ފްރާންސް ގޯލްކީޕަރު ސްޓެފާނޭ ރަފިއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިސް ޑިއޯނީ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
އޭގެ 8 މިނެޓުފަހުން، އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ތަނަވަސްކުރި ފުރުޞަތަކުން ޕީއެސްޖީ އަށް ލީޑް ނަގައިދިނީ ޑްރެކްސްލާ އެވެ. މިއީ ވެރާޓީ ދިން ރީތި ލޯންގް ބޯލް އަކުން ލިބުނު ބޯޅައެއް ސެއިންޓް އެޓިއެންގެ ކީޕަރު ރަފިއާގެ ބޯމަތިން ގޯލްގެތެރެއަށް ބޮލުން ވައްދާލައިގެން ޑްރެކްސްލާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ޔަނިސް ސަލިބުރް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް ޕީއެސްޖީގެ ގޯލްކީޕަރު އަލްފޮންސޯ އަރެއޯލާ ވަނީ ދިފާއުކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގައިއޮވެގެންނެވެ.
ޕީއެސްޖީ އިން ދެވަނަ ހާފަށް ނިކުތްއިރު އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ލަސާނާ ޑިއާރާގެ ބަދަލުގައި ޒުވާން މިޑްފީލްޑަރު މޫސާ ޑިއާބީ ކުޅެން ނެރެފައެވެ.
މިހާފު ފެށިގެން ހަވަނަ މިނެޓުގައި ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ އަށް ސެއިންޓް އެޓިއެންގެ ޑިފެންޑަރު ލޮއިކް ޕެރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން ކަވާނީ އެޓީމުގެ ލީޑް ފުޅާކޮށްދީފައިވެއެވެ.
އޭގެ ފަސް މިނެޓުފަހުން، ޑިއާބީ އަށް ޕީއެސްޖީގެ ލީޑް ފުޅާކޮށްދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. ބެލްޖިއަމްގެ ފުލްބެކް ތޯމަސް މޫނިއޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޑިއާބީ އެއްފަހަރުން ފޮނުވާލި ނަމަވެސް ދަނޑިކައިރިން ދިޔައީ ބޭރަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ޓިމޮތީ ކޮލޮޑްޒިއެޖްޒަކް އަތުން ބައިކޮޅަށް ވަން ގޯލަކުން ޕީއެސްޖީގެ ލީޑް އިތުރަށް ފުޅާކޮށްދިން ނަމަވެސް އެޓީމުގެ ހުއާން ބާނާޓް ހުރަސް ނަގައިދިންއިރު އޮފްސައިޑް މަޤާމެއްގައި ހުރުމުން ރެފްރީ ވަނީ ގޯލެއްނޫން ކަމަށް ނިންމާފައެވެ.
ޕީއެސްޖީގެ ތިންވަނަ ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ވަރަށް ހަނި އޭންގަލަކުން ޑި މާރިއާ ކާމިޔާބުކުރިއިރު މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް ޑިއާބީ އެވެ. މިއީ ސީނިއާ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މިމެޗުން ހޯދި މޮޅާއެކު ލީގު ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅެނީ ސަތޭކަ ޕަސެންޓްގެ ރެކޯޑާއިއެކު ޕީއެސްޖީ އެވެ. އެއީ ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ.
މިމުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ރޭނެސް އަތުން އަމިއްލަ ދަނޑުގައި ނީސް ވަނީ 2-1 އިން މޮޅުވެފައެވެ. މިމެޗުގައި ނީސްގެ ލަނޑުތައް ޖަހައިދިނީ އެލަން ސެއިންޓް މެކްސިމިން އާއި ޕިއޭރް ލީސް މެލޫ އެވެ. ރޭނެސް ގޯލަކީ ނީސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.