ސާފް ސުޒުކީ ކަޕް ފައިނަލްގައި އިންޑިޔާ 2-1 އިން ބަލިކޮށް ދިވެހިރާއްޖެ އިން ދެވަނަ ފަހަރަށް މިމުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ބަންގަބަންދު ސްޓޭޑިއަމްގައި ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން އެންމެފަހުން މިމުބާރާތުގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދިއިރު އައްސަދު ޢަބްދުލް ޣަނީ ތަށި އުފުލާލިއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަނަކަށް ހުރީ އޭނާގެ ކޮއްކޮ އަކްރަމް ޢަބްދުލް ޣަނީ އެވެ.
އިންޑިޔާއިން މިމެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ސެމީ ފައިނަލްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ލަލިއަންޒުއާލާ ޗަންގްޓޭ އަށް ދެއްކި ރަތްކާޑުގެ ސަބަބުން މިމެޗުގައި ނުކުޅެވުމެވެ.
ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް މިމެޗަށް ނެރެފައިވަނީ އެންމެފަހުން ސެމީގައި ނޭޕާލް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންނެވެ.
ޑާކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އިންޑިޔާއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު ރާއްޖޭގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައިވެއެވެ.
ނަމަވެސް، މިހާފުގައި ފެނުނު ހަމައެކަނި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މެޗުގެ 19 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބޭ) އެވެ. މިއީ ރާއްޖޭ ޓީމުގެ ނާއިޒް ހަސަން ދިން ބޯޅައެއް އިންޑިޔާގެ ގޯލްކީޕަރު ވިޝާލް ކައިތުގެ ބޯމަތިން ފޭދޫ އިއްބެ ގޯލްގެ ތެރެއަށް ވަރަށް ރީއްޗަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން އަދި ޑިފެންޑަރު އަކްރަމް ޢަބްދުލް ޣަނީ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރާއްޖެ އަށް ލިބުނު ހިލޭޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މިހާފު ނިމުނީ 1-0 އިން ރާއްޖެ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިންޑިޔާގެ މަންވީރް ސިންގ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތީން ބޭރަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ރީތި ޕާހަކުން ރާއްޖޭގެ ލީޑް ފުޅާކޮށްދިނީ ސެންޓޭ އެވެ.
އޭގެފަހުން، އިންޑިޔާގެ ސުބަސިޝް ބޯސް އާއި މަންވީރް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
އިންޑިޔާ އަށް ސުން ކަނޑުވާލައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި މިހާފުގައި ކުޅެން ނިކުތް ސުމީތު ޕާސީ އެވެ. މިއީ އެޓީމުގެ ނިކިލް ޕޫޖަރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އެއް ޕެނަލްޓީއޭރިޔާތެރޭގައި ޕާސީ ހުހަށް ހުރެ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ދެމިނެޓުފަހުން ސެންޓޭ އަށް ވަނީ ރާއްޖޭގެ ލީޑް ފުޅާ ކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މުހައްމަދު އާރިފް (ބަކާ) ދިން ރީތި ޕާހަކުން ސެންޓޭ ފޮނުވާލި ބޯޅަ އިންޑިޔާގެ ކީޕަރު ވިޝާލް ވަނީ ސަލާމަތްކޮށްފައެވެ.
މިމެޗަށްފަހު މިމުބާރާތުގެ އެކި ވަނަތައް ހާސިލްކުރި ފަރާތްތަކާއި އެވޯޑް ހަވާލުކުރިއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ބޫޓާނެވެ. މިމުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް އިންޑިޔާގެ މަންވީރް ސިންގ ހޯދިއިރު މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެމްވީޕީ އެވޯޑް ހޯދީ ރާއްޖޭގެ ކީޕަރު ފައިސަލް އެވެ.