(މެއި 10، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"މަންމާ…އަޅުގަނޑު މަންމަމެން ކައިރީ ވާހަކައެއް ދައްކަން ބޭނުން." މުރާދު ބަލި ހިނގުމެއްގައި އައިސް އޭނާގެ މަންމަ އާއި ބައްޕަ ގެ ކައިރީ ސޯފާގައި އިށީނދެލަމުން ބުނެލި އެވެ.
އެ ވަގުތު ހުސްނާ އާއި ކަރީމު މުރާދު އާ ދިމާއަށް އެނބުރި އޭނަ އެ ދައްކާ ވާހަކައަކަށް ސަމާލުވެ އަހަން ތިއްބެވެ.
"މަންމާ…ބައްޕާ…އަޅުގަނޑަށް މާފުކުރައްވާ. ބައްޕަ އާއި މަންމަ ދެކެ އަޅުގަނޑަށް ރުޅިއާދެވުނީތީ އަޅުގަނޑު ލަދުވެތިވަން. މަންމަމެން ކަންތައް ކުރެއްވީ އެކަން އޮތް އެންމެ ރަނގަޅަށް. އަޅުގަނޑުގެ ސިއްހަތު ރަނގަޅު ނުވަނީސް ނާހީ ގެ މަރުގެ ޙަބަރު ލިބުނު ނަމަ…"
"ދަރިފުޅާ…ތި ކަހަލަ ވާހަކަ ނުދައްކާ." ހުސްނާ މުރާދުގެ ކައިރިއަށް ޖެހިލަމުން ނުހަނު އަސަރާ އެކު ބުނެލި އެވެ.
"ބައްޕާ…އަޅުގަނޑު ދުވަސްކޮޅަކަށް އިންޑިޔާ އަށް ޖައްސާލަން ބޭނުން. މިތާގެ ހަނދާންތަކާ ދުރަށް ދާން އަޅުގަނޑު ބޭނުން." މުރާދުގެ އަޑު ގިސްލުމަކަށް ބަދަލުވި އެވެ.
މުރާދުގެ އެތައް ވާހަކަތަކާ އެންމެ ފަހުން ކަރީމުމެން މުރާދު އެކަނި އިންޑިޔާ އަށް ދިޔުމަށް އެއްބަސްވި އެވެ.
"އެންމެ ރަނގަޅު…ދަރިފުޅާ…ތިކަމުގައި ދަރިފުޅު ހިތްހަމަޖެހެންޏާ ކުރިއަށް ދާންވީ." އެންމެ ފަހުން ކަރީމުމެން ހަތިޔާރު ބެހެއްޓިއެވެ.
"އަޅުގަޑު ބޭނުމީ މާދަމާ ފުރަން." ހިމޭންކަމާ އެކު މުރާދު ބުނެލި އެވެ.
"ދަރިފުޅާ ކޮއްކޮ މާލެ ނާންނަނީސް ފުރަންތަ ބޭނުން ވަނީ؟" ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހުސްނާ އަހާލި އެވެ.
މުރާދު އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަސްލު އެ އަށް ދޭނެ ޖަވާބެއް މުރާދުއަކަށް ނޭނގުނެވެ. ޙުދު އޭނާ ވެސް ސާރާ އާ ބައްދަލު ނުކޮށް ފުރާކަށް ބޭނުމެއް ނުވި އެވެ.
އެހެނަސް ގޭގެ ކޮންމެ ތަނަކުން އޭނާ އަށް ހިތާމަ ލިބިދެ އެވެ. ނާހިދާގެ ހަދާންތައް އެގޭ ހަތަރު ފަރާތުގައި ވެ އެވެ. މި ހަނދާންތަކާ އެކު އޭނާ އަށް މިތަނުގައި ދިރިއުޅެން އުނދަގުލެވެ. އަވަހަށް ދާންނިންމީ ވެސް އެހެންވެއެވެ.
އެންމެ ފަހުދުވަހު އޭނާ ގުމްރީގެ އަށް ދިޔުމުން އޭނާ އާ މެދު އެ ގޭ މީހުން ވެސް ކަންތައް ކުރީ ވަރަށް އިހާނެތި ކޮށެވެ. އޭނާ ސަލާން ގޮވާލުމާ އެކު ނާހިދާގެ މަންމަ ނިކުމެ އޭނާ ފެނުމާ އެކު ހީވީ ހޯދާ ނުފެނިފައި ހުރި ދުޝްމަނަކު ފެނިގެން ރުޅި ބޭލި ހެންނެވެ.
ދުވެފައިގޮސް އޭނާގެ ގަމީސް އިރާލި އެވެ. އެތަށް ހުތުރު އެއްޗެއް އޭނާއަށް ކިޔެވެ. ނާހިދާގެ މަރުގެ ޒިންމާ ކަނޑައެޅިގެން މުރާދުގެ ބޮލުގައި އެޅުވި އެވެ. ގޮތެއް ގޮތެއް ނުބަލައި މޫނުމަތީގައި ތެޅިއެވެ. މުރާދު ގުޑިލަން ވެސް ނޭނގި މަޑުން ހުރީ އެވެ. ކަރުނަ އަޅާ ރޯލަ ރޯލަ އެވެ. އެ ވަގުތު ނާހިދާގެ ދައްތަ ސީމާ އަށް ނާދެވުނު ނަމަ އެއަށް ވުރެ ބޮޑަށް މުރާދު އަށް އަނިޔާ ލިބުނީހެވެ.
އެ ދުވަހު މުރާދު ކޮއްޕާ އެ ގެއިން ނެރެލީމާ އޭނާ ގެ ގެޔަށް އައީ ކުދި ކުދިވެފައިވާ ހިތަކާއިގެންނެވެ. އެ ދުވަހު އޭނާ ދިވެހި ރާއްޖެއިން ދުރަށް ދާން ނިންމި އެވެ.
"ނޫނޭ…މަންމާ…އަޅުގަނޑު ހަމަ މާދަމާ ފުރަން ބޭނުން." ހާސްވެފައި މުރާދު ބުނެލި އެވެ.
މުރާދު މިހެން ބުނެފައި ވަށައިގެން ހޯދާލި އެވެ. މަންމަމެން އޭރު އެތަނުން ގޮސް ނިމުނުތާ ކިތަންމެ އިރެކެވެ. މުރާދު ވެސް މަޑުމަޑުން ތެދުވި އެވެ. އަދިބަލި ހިގުމެއްގައި ގޮސް އޭނާގެ ކޮޓަރި އަށް ވަދެ އޮށޯވެލި އެވެ. އޭނާ ސިހިފައި ހޭލެވުނީ މީހަކު ދޮރުގައި ތަޅާ އަޑަށެވެ.
"ވަންނަވާ…ދޮރު ހުރީ ތަޅު ނުލާ." ބަލިއަޑަކުން މުރާދު ބުނެލި އެވެ.
"ދޮރުހު ރީ ހުޅުވާފަކަން މަށަށް ވެސް އެނޭ…އެކަމަކު ކަލޭ އައިސް މި ދޮރު ހުޅުވަބަލަ." އެކޮޅުން އާދިލުގެ އަޑު އަ އެވެ. މުރާދު ތެދުވެގެން ގޮސް ދޮރު ހުޅުވާލި އެވެ. އާދިލު ދެ އަތުގައި ފުރާ ފޮތްތަކެއް ހިފައިގެން ހެވިފައި ހުއްޓެވެ.
"އަނހަ…ހާދަ ބަރުކޮށް…އާދޭ އެތެރެއަށް." މުރާދު ބައެއް ފޮތްތައް އާދިލު އަތުން އަތުލަމުން ހިނުތުންވެލި އެވެ.
"އާނ…ނޭފަތަކުން ނޭވާ ނުލެވޭ. ވާނީވެސް މިހެންތާ." އާދިލު ވެސް މޫނަށް ގޮތެއް ހަދާލަމުން ހުރިހާ ފޮތްތަކާއި ކަރުދާސްތައް މުރާދުގެ އެނދު މައްޗަށް އޮއްސާލި އެވެ.
ދެ ވެރިން ވެގެން ކޮންމެވެސް އެއްޗެތިތަކެއް އެ ފޮތްތަކުން ވަކި ކުރި އެވެ. އަދި ދެން ހުރި އެއްޗެތި އެއް ފަރާތް ކުރި އެވެ. އަދި ބޮޑު މަސައްކަތެއް ނިމުނި ކަމުގެ ފުން ނޭވާއެއް މުރާދު އާއި އާދިލު ލި އެވެ.
ރީތި ދުވަހަކަށް އިރު އެރި އެވެެެ. ސާހިލް އާއި ވިއާމާ އަދި މަލްހާ ތިބީ އިރު އަރާ މަންޒަރު ދެކިލަން އަތިރިމަތީގަ އެވެ. މަލްހާ ވަރަށް ފާޑުުވެރިކޮށް އިރު އަރަމުންދާ މަންޒަރު ސާހިލް އަށް ސިފަކޮށްދީ ކިޔަމުން ދަނީ އެވެ.މީ ގެ އަހަރުތަކެއް ކުރިން އޭނާގެ ސޫރަޖް އޭނާ އަށް ކިޔާއި ދިން ގޮތަށެވެ.
(ނުނިމޭ)