އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އެޑެން ހަޒާޑް ކާމިޔާބުކުރި ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ކާޑިފް ސިޓީ 4-1 އިން ބަލިކޮށް ޗެލްސީ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ސްޓެމްފަޑް ބްރިޖުގައި ކުޅުނު މިމެޗުގައި ކުރިން ލީޑް ނެގީ ކާޑިފް އިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ސޯލް ބާމްބާ އެވެ. މިއީ އެޓީމުގެ ޝޯން މޮރިސަން ބޮލުން ޖައްސާލި ޕާހަކުން ލިބުނު ބޯޅަ އެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބާމްބާ ކާމިޔާބުކުރި ގޯލެކެވެ.
ޗެލްސީ އަށް އެއްވަރުކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ތަނަވަސްކުރި ފުރުޞަތަކުން ހަޒާޑް އެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ހަޒާޑް ވަނީ އިތުރު ލަނޑެއްޖަހައި ޗެލްސީ އަށް ލީޑް ނަގައިދީފައެވެ. މިއީ ވެސް ޖިރޫ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 2-1 އިން ޗެލްސީ ކުރީގައިއޮވެގެންނެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ޖަހައިދީ ހަޒާޑް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުނިމެން ހަތްމިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ފަހު ލަނޑު ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ ވިންގާ ވިލިއަން އެވެ. މިއީ ކާޑިފްގެ ޕެނަލްޓީއޭރިޔާބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
މިމެޗުން މޮޅުވެ ޗެލްސީ ވަނީ މިހާތަނަށް ކުޅުނު ފަސްމެޗުން 15 ޕޮއިންޓް ހަމަކޮށް އެޓީމުން ދަމަހައްޓަމުން އަންނަ ސަތޭކަ ޕަސެންޓްގެ ރެކޯޑާއިއެކު ލަނޑުގެ ތަފާތުން ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. މިއަދަދަށް ޕޮއިންޓް ލިބިގެން ލިވަޕޫލް ދެވަނައިގައި އޮތް އިރު 13 ޕޮއިންޓާއި އެކު ތިންވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް ވަނީ ރަށުން ބޭރުގައި ކުޅެ ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 އިން މޮޅުވެފައެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސްގެ އިތުރުން މިޑްފީލްޑަރު ޑެލޭ އަލީ ނުކުޅެއެވެ. ލޮރިސްގެ ބަދަލުގައި ޓޮޓެންހަމްގެ ގޯލް ބެލެހެއްޓީ ހޮލެންޑްގެ ގޯލްކީޕަރު މިޝޭލް ވޯމް އެވެ.
ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ހޮލެންޑްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. ވައިނަލްޑަމް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު ހުރަސްކުރިފަހުން ޓޮޓެންހަމްގެ ކުޅުންތެރިން ދިފާއުކުރުމަށްފަހު ލަނޑެއް ނޫންކަމަށް އެޕީލްކުރުމުން ރެފްރީ ވަނީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދުމަށްފަހު ގޯލެއްކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ލޫކަސް މައުރާ އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައިޖެހިފައިވެއެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ ޓޮޓެންހަމްގެ ގޯލްގެ ރޮނގުކައިރިން ކާމިޔާބުކުރި ގޯލަކާއިއެކު ލިވަޕޫލްގެ ލީޑް ފުޅާކޮށްދީފައެވެ.
ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެރިކް ލަމޭލާ އެވެ.